ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައި މިކަން ކަށަވަރު ކޮށްދެއްވާފައެވެ.
އަލީ ނިޔާޒް ކުރެއްވި ޓުވީޓުގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސިޓީގެ ފޮޓޯއެއް ޓުވީޓުގައި އެޓޭޗް ކޮށްފައެވެ. މި ސިޓީގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު 2020 އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު 2020 އިތުރަށް ފަސް ނުކޮށް، ބޭއްވޭނެ މަގު ފަހިކުރުމަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020" އަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ފޮނުވާފައިވާ ކަމަށެވެ.
އެ ބިލަކީ ވީހާވެސް އަވަހަކަށް ނިންމުން މުހިއްމު ބިލެއް ކަމަށް މި ސިޓީގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން އެ ބިލުގެ މަސައްކަތް ނިމެންދެން ރައްޔިތުން މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ ބާއްވައި ދިނުމަށް މި ސިޓީގައި އެދިފައިވެއެވެ.
މީގެ އިތުރުން އެ ގާނޫނަށް ގެނައުމަށް އެދޭ އިސްލާހު ވެސް އަލީ ނިޔާޒްގެ ޓުވީޓުގައި ހިއްސާކޮށްފައިވެ އެވެ. އެގޮތުން މި އިސްލާހު ފާސް ކުރެވި، ގާނޫނަށް ބަދަލު ގެނެވޭތާ ހަތް ދުވަސް ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން އިލެކްޝަންސް އިން ފަށަން ޖެހޭނެ ކަމަށް ވެއެވެ.
މިދިޔަ އަހަރުގެ މާޗު ހަވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާ ގުޅިގެން ހާއްސަ ގާނޫނަކާއެކު އެވެ. އެގޮތުން އެ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ.
އެގޮތުން އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރީ މި އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމުން، މިހާރު އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.
ނަމަވެސް އީސީން ވެސް ވަނީ އެ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާކަން ހާމަކޮށްފަ އެވެ. އެގޮތުން މިހާރު އިންތިހާބު ބާއްވަން ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އެވެ.