ads
ސިހުރު ހަދާ ތަކެތި
ސިހުރުގެ ސަބަބުން ބީވި ލޯބިވެރިޔާ!
މުސޫމަކީ އަބަދުވެސް ބަދަލުވާ އެއްޗެކެވެ. އެއީ ދުނިޔޭގެ އާދައެވެ. ނުވެސް އިނގި ހުރެ ހުރިހާ ކަމެއް ބަދަލުވެގެން ދެއެވެ. ހަމައެކަނި އެންމެ ހާދިސާއެއްގެ ސަބަބުންނެވެ. ބައެއް މީހުންނަށް އޭއީ ވޭނާއި ހިތާމައިގެ ވިލާވަޅުތަކެވެ. އަހަރެންނަށް އެއީ ބިރުވެރި ނާމާން ބޮޑު ހާދިސާއެކެވެ. އަހަރެންގެ މުޅި ދިރިއުޅުން އެފުން މުފުށަށް ޖެހިގެން ދިޔައެވެ.

އެހާދިސާއަށް މިހާރު 11 އަހަރު ވެދާނެއެވެ. ނަމަވެސް އެ ބިރުވެރި މަންޒަރު އަދިވެސް ދެންމެވީ ކަމެއްހެން ލޯ ކުރިމަތީގައި ވެއެވެ.

އެއީ އަހަރެން އަހަރުތަކަކަށްފަހު އުފަންވި ރަށައް އައި ދުވަހެވެ. ފުރަތަމަ ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އަދިރިމަތީގައި ހުރި ޖޯލިފައްޗެއްގައި އޮށޯވެގެން އޮތް އަންހެން ކުއްޖާއަށެވެ. އާދައިގެ ރީތި ހެދުމެއް ލައިގެން ހުރިއިރު އޭނާ ވަރަށް ސާދާއެވެ. އެވަތް ދޮން މޫނުން ހާމަވަމުން ދިޔައީ މައުސޫމު ކަމެވެ. ދަތް ދޮޅީގައި އަތް ވިއްދާލައިގެން އޭނާ ހިޔާލީ ދުނިޔެއަށް ގެއްލިފައި އިނެވެ. އަހަރެން ގެ ހިތް އެ މައުސޫމު ކަމާއި ސާދާކަން އަތުލިއެވެ. އެތާއޮތް ގާދަނޑެއްގައި އަޅައިގަނެފައި އަހަރެން ނުވެއްޓުނީވެސް ހަމަ ކިރިޔާއެވެ.

އަހަރެން އެ ކުއްޖާއަށް ބަލާކަން އެނގިގެން އަހަރެންގެ ކައިރީގައި ހުރި އަދީލް ގޮވާލިއެވެ. އަދި ވަރަށް ރީތި ކުއްޖެއްދޭއޭ އެހިއެވެ. އަހަރެން ރަކިވިއެވެ. އަދި ބޮލުގައި އަތް ހިންގާލަމުން އާއެކޭ ބުނީމެވެ. އެ ކުއްޖާ ލޮލުކޮޅަށް ގެއްލެންދެން އަހަރެން ދިޔައީ ފަހަތަށް ބަލަމުންނެވެ.

ގެޔަށް ގޮސް ފެންވަރާލައިގެން އަހަރެން ދިޔައީ ބަދިގެ ދޮށަށް ކާށެވެ. އޭރު މަންމަމެން ރަށުގައި ކޮންމެވެސް ރޫހާނީ ކަންތައްގަނޑެއް ހިނގައިގެން އެބަ އުޅޭ ކަމަށް ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެން އެކަމާ އެހާ ބޮޑު ސަމާލުކަމެއް ނުދެމެވެ. މަންމަ ހުރީ އަހަރެންނަށް އެންމެ ކަމުދާ ދިވެހި ކެޔުން ތައްޔާރުކޮށްފައި ކަމަށް ވާތީއެވެ. އަވަހަށް ބަނޑު ފުރެންދެން ކެޔުމަށް ފަހު އަހަރެން ދިޔައީ ކޮޓަރިއަށެވެ. ދަތުރު ވަރުބަލިވެފައި ހުރުމުން ވަރަށް އަވަހަށް ނިދުނެވެ. ނަމަވެސް އެ ރީތި ކުއްޖާގެ ހިޔާލުގައި ވަނިކޮށެވެ.

ޖެހިގެން އައި ދުވަހު އެރި އިރާއެކު އަހަރެން ހުރީ އިރުވައި ފަރާތުގައި އެ މަންޒަރު ބަލާށެވެ. ގުދުރަތީ އެ ކަހަލަ މަންޒަރުތަކަކީ އަހަރެން ވަރަށް ޝައުގުވެރިވާ މަންޒަރުތަކަށް ވާތީއެވެ. އަތުގައި އޮތް ކެމެރާއިން އަހަރެން ދިޔައީ އެ މަންޒަރުތައް ރައްކާކުރަމުންނެވެ.

ކުއްލިއަކަށް އަހަރެން ލޮލުގައި އަޅައިގަތީ ތެލިތަކެއް ހިފައިގެން މޫދަށް މައްޗަށް އެރުނު އަންހެން ކުއްޖާއަށެވެ. އެއީ ބަނދަރު މަތިން ފެނުނު ކުއްޖާކަން ޔަގީނެވެ. ކެމެރާގެ ލެންސް އަހަރެން އޭނާއަށް އަމާޒު ކޮށްލީމެވެ. ނަމަވެސް ކެމެރާއަކަށް އެ ކުއްޖާއެއް ނުފެނުނެވެ. އަދި ފާޑެއްގެ އަޑެއް ކިޔުމަށް ފަހު ކެމެރާ ނިވިއްޖެއެވެ. އެއީ މާ ބޮޑުމަކަމަށް އަހަރެން ނަހަދަމެވެ. އެއީ އެ ކެމެރާއަކީ ވަރަށް ދުވަސް ވެފައިވާ އެއްޗަކަށް ވާތީއެވެ.

އެ ކުއްޖާގެ ފަރި ހަރަކާތްތައް ބަލަން އަހަރެންނަށް އިދެވުނީ ކަޅިވެސް ޖަހާލަން ނޭނގިފައެވެ. އޭނާއަށް މީހަކު ހުރިކަން ފަހުމުވުމުން ވަށާއި ބަލާލިއެވެ. އެ ވަގުތު ދެ މީހުންގެ ކަޅި ދިމާވިއެވެ. އަހަރެން އޭނާ އަށް ހިނިތުންވުމެއްށް ހަދިޔާ ކުރީމެވެ. އޭނާ ވެސް ހިނިތުން ވެލިއެވެ. އަހަރެންގެ މެޔަށް ހީވީ ހޫނުފެން އެއްޗެށް އަޅާލިހެންނެވެ. އެ ލޯބި ހިނިތުންވުން ދެކެން އަހަރެން ހުރީ ވަރަށް ކެތްމަދުވެފަ އެވެ.

ހިތްވަރުކޮށްފައި އަހަރެން އޭނާއާ ކައިރިޔަށް ދިޔައީމެވެ. އަދި އެކަނިހޭ އަހާލީމެވެ. އާއެކޭ ބުނުމަށް ފަހު އޭނާ އިތުރު އެއްޗެކޭ ނުބުނެއެވެ. އަހަރެން ވަރަށް ނުކެރި ހުރެފައި އޭނާގެ ނަން އެހީމެވެ. އޭނާގެ ނަން އަހަރެންނަށް ވަރަށް އަވަހަށް އިނގޭނެ ކަމަށާއި މިތާގައި ހުރުން މާރަނގަޅު ނުވާނޭކަމަށް އޭނާ ބުންޏެވެ. އެ ޖަވާބުން އަހަރެން ހައިރާންވެސް ވިއެވެ. އަދި ލަދުވެސް ގަތެވެ. ލިބުނު އެ ނާކާމިބާގެ ގެ ސަބަބުން އަހަރެން ގެޔަށް ދިޔައީ މޫނު އެލުވާލައިގެން ހުރެއެވެ.

އޭރު މަންމަމެން ގޭތެރޭގައި ވަރަށް ހަލަބޮލިކޮށްލައިގެން އެބަ އުޅެއެވެ. އަހަރެން ކިހިނެއްވެގެންތޯ އެއުޅެނީ ސުވާލުކުރީމެވެ. މަންމަ ބުނިގޮތުގައި ރޭގެގެ ވަގުތެއްގައި ރާޔާ ނަމަކަށް ކިޔާ އަންހެން ކުއްޖަކު ވަރަށް ރަހުމް ކުޑަކޮށް މަރާލާފައި އޮއްވާ ވަނީ ފެނިފަ އެެވެ. އެއީ އިންސާނެއްގެ އަމަލެއްހެން ހީނުވާ ކަމަށް ވެސް މަންމަ ބުންޏެވެ. ރަށުން މިހާރު ރީތި އަންހެން ކުދިން މި ގޮތަށް މަރުވަމުންދާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށް ވެސް މަންމަ ބުންޏެވެ.

އަހަރެންގެ ހިތުގައި އެތައް ބައިވަރު ސުވާލުތައް ފުނި ޖެހުނެވެ. އަދި މި ހާދިސާގެ އެންމެ ފުނަށްދިޔުމުގެ ޝައުގުވެރިކަންވެސް އުފެދުނެވެ. އެއީ އަހަރެން ކިޔަވައިގެން މިހުރީ ވެސް މިކަހަލަ ދާއިރާއަކުން ކަމަށްވާތީ އެވެ. 

ޖަނާޒާގެ ކަންކަން އޮތީ މެންދުރު ނަމާދަށް ފަހުގައެވެ. އެހެން ކަމުން އޭގެ ކުރިން އެ އާއިލާއަށް އަހަރެން ބައްދަލު ކުރަން ދިޔައީމެވެ. އެގެޔަށް އަހަރެން އެންމެ ފުރަތަމަ ވަތްއިރަށް ލޮލުގައި އަޅަގަތީ އެތާއިން ފޮޓޯގަނޑެވެ. އެއީ އަހަރެނަށް ރީތި ވެގެން އުޅޭ ކުއްޖާއެވެ. އަހަރެންގެ ހިތުގައި އެކި ސުވާލުތަކުން ފުރި ބަންޑުން ވިއެވެ. 

ގޭގައި މީހަކު އުޅޭތޯ އަހަރެން ގޮވާލީމެވެ. މެދު އުމުރެއްގެ އަންހެނަކު އައެވެ. އަދި ކީއްކުރާ ކުއްޖެއްތޯ ސުވާލު ކުރިއެވެ. އަހަރެން ވަރަށް ރީތިކޮށް އަހަރެންގެ މަގުސަދު ކިޔާދިނީމެވެ. އެ އަންހެން މީހާ ކުޑަކޮށް ޖެހިލުން ވެގެން ހުރެ އަހަރެންނާ ވާހަކަ ދެއްކިއެވެ. އެނާ ބުނި ގޮތުގައި އެއީ ރާޔާގެ ބޮޑުދައިތަ އެވެ. އަދި ރާޔާގެ މަރުގެ ފަހަތުގައި ވަނީ ރޫހާނީ ބާރުތަކެއް ކަމަށާއި އެއީ ރަށުގައި އުޅޭ ސިހުރުވެރިއެއް ކުރާ ކަމެއްކަމަށް ތުހުމަތުކުރި އެވެ. މި ވާހަކަތައް އަޑުއަހާފައި އަހަރެން ވަރަށް ހައިރާން ވިއެވެ. ހަމަ އެހެންމެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. 

އަހަރެން އެގެއިން ނިކުންނަން ހިނގައިގަތް ތަނާ އެއްކަލަ ކުއްޖާގެ ފޮޓޯގަނޑުގެ މަތިން އަހަރެން ހަނދާން ވިއެވެ. އެކަމާ ގުޅޭގޮތުން އަހަރެން އެ އަންހެން މީހާއާ ސުވާލު ކުރީމެވެ. އެއީ ރާޔާކަމަށް އެ އަންހެން މިހާ ބުންޏެވެ.

މި ވާހަކަ އަޑުއިވުމާއެކު ހީވީ އަހަރެންގެ ފައިގެ ދަށުން ބިންގަނޑު ދަމައިގަތްހެންނެވެ. އެކި ސުވާލުތަކުން އަހަރެންގެ ސިކުނޑި ދިޔައީ ފުރެމުންނެވެ. ހުރިތަނަށް އަހަރެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

އަވަސް ހިނގުމެއްގައި އަހަރެން ގެޔަށް ދިޔައީމެވެ. އަދި ވެގެން އުޅޭގޮތް އަދީލްއަށް ކިޔާދިނީމެވެ. އޭނާވެސް ހުރީ ހައިރާންވެފައެވެ. ބުނާނެ އެއްޗެއްވެސް އަހަރެންނަކަށްވެސް ނޭނގުނެއެވެ.

މެންދުރު ނަމާދުކޮށްގެން ރާޔާގެ ޖަނާޒާގައި އަހަރެން ބައިވެރިވީމެވެ. ބަރު ހިތަކާ އެކުގައެވެ. ބިރުވެރި ކަމެއްގެ ތެރޭގަވެސް މެއެވެ. ވަޅުލުމުގެ ކަންކަން ނިންމުން ފަހުން އަހަރެން ރަށުގެ މުދިންބެއާ ބައްދަލު ކުރީމެވެ. އަދި ވެގެން އުޅޭގޮތް ކިޔާދިނީމެވެ. އޭނާ އަހަރެންނަށް ފެންކިޔެވިއެވެ. އަދި އަޅާނެ ތަވީދެއް ވެސް ދިނެވެ.

އަހަރެން ރަށުގައި ހޭދަކުރި 5 ދުވަސް ވަންދެން އަހަރެން އުޅުނީ އެ ތަވީދު އަޅައިގެންނެވެ. ނަމަވެސް ހިތް ހުންނަނީ ބަރުވެފައެވެ. ރާޔާއަށް އިންސާފު ހޯދޭނެ ގޮތެއްވެސް އަހަރެންނަށް ނޭނގެތީއެވެ.

މިހާރު އެ ހާދިސާއަށް ވަރަށް ގިނަދުވަސް ވެފައިވި ނަމަވެސް އެ ސިހުރުވެރިޔާއަށް އަދަބު ލިބިފައެއް ނުވެއެވެ. އެ ވާހަކައަކީ އެންމެނަންވެސް އިނގޭ ބޮޑު ސިއްރެކެވެ. ރާޔާއަށް އިންސާފު ނުހޯދައިދެވުނީތީ އަދިވެސް އަހަރެން އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. 

13%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް