ސިއެންއެމްއަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ، ރައީސް ނަޝީދު އެ މައްސަަލަ ހުށަހަޅުއްވާފައިވަނީ ފުލުހުންގެ އާ ގާނޫނު އެކުލަވާލައި ތަސްދީގު ކުރައްވާފައި ވަނިކޮށް، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ފައިރޫޝް އިސްތިއުފާ ދެއްވާފައި ވާތީ ކަމަށެވެ. ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އިސްތިއުފާ ނުދެއްވޭނެ ކަމަށް ބަޔާންކޮށް އެ މައްސަލަ ބަލައިދިނުމަަށް އެދި ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ސިޓީއަކުން މިއަދު ހުށަހަޅުއްވާފައިވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
ޒިޔާއު ވިދާޅުވީ އެމައްސަލަ ބެލުމަށް ބާއްވާ ކޮމެޓީ ބައްދަލުވުން ބާއްވާނެ ތާރީހު އަދި ފައިރޫޝް ކޮމެޓީއަށް ހާޒިރުކުރާނެ ތާރީހު ވެސް ކޮމެޓީން ނިންމުމަށް ފަހު މީޑިއާތަކާއި ހިއްސާކުރާނެ ކަމަށެޥެ.
ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އިސްތިއުފާ ނުދެއްވޭނެ ކަމަށް ބަޔާންކޮށް އެ މައްސަލަ ބަލައިދިނުމަަށް ރައީސް ނަޝީދު ކޮމެޓީއަށް ހުށަހަޅާފައިވާ އިރު، ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރައްވާ ނަމަ ކުރެއްވޭނީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ކަމަށް ރައީސް ނަޝީދު ގަބޫލުފުޅުކުރައްވައެވެ.
ވިހި އަހަރު ފުލުހުންގެ ހިދުމަތުގައި އުޅުއްވުމަށް ފަހު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރައްވާފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. ފައިރޫޝް ރިޓަޔާކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގަ އެވެ. ފައިރޫޝް، ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ވަޒީފާއާ ގުޅިވަޑައިގަތީ 1998 ވަނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހެވެ. އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓްވެވަޑައިގެންނެވީ 31 މާޗު 2012 ގަ އެވެ.
ފައިރޫޝަކީ ފެބުރުއަރީ ހަތެއް 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ފަހު ގާނޫނާ ހިލާފަށް ފުލުހުންގެ އިދާރާއާ ހަވާލުވި ބޭފުޅާ އެވެ. އެގޮތުން އެދުވަހު ޖުމްހޫރީ މައިދާން ސަރަހައްދުގައި ފައިރޫޝް ހުންނެވި ފޮޓޯއެއް ހިއްސާކުރައްވާ، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުން އެދޭ ފަދަ އިތުބާރުކުރެވޭ ފުލުހުންގެ ހިދުމަތެއް ނުލިބި ލަސްވަމުންދަނީ ފައިރޫޝް ފަދަ ފުލުހުންގެ ސަބަބުން ކަމަށެވެ.
ފުލުހުންގެ ހިދުމަތުން ފައިރޫޝް ރިޓަޔާ ކުރެއްވިކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހިއްސާކުރައްވާ ފުލުހުންގެ މުއައްސަސާއަށް ފައިރޫޝް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރެއްވުމާއެކު އެމްޑީޕީގެ ގިނަ ބަޔަކު ދިޔައީ އެކަމަށް ފާޑުކިޔަމުންނެވެ. ފުލުހުންގެ އިސް އޮފިސަރެއްގެ ގޮތުގައި މި ސަރުކާރުގައި ވެސް ފައިރޫޝް ހުންނެވުމުން އެމްޑީޕީން ފާޑުކިޔާފައިވާއިރު ފައިރޫޝް ރިޓަޔާ ކުރެއްވީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފައިރޫޝްގެ މައްސަލަ ބަލާނެތީ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަދި ކުށް ކޮށްފައި އިސްތިއުފާދީ ނުވަތަ ރިޓަޔާކުރުމަކީ އަދަބުން ރެކެވިގެންވާނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ގިނަ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.
ފުލުހުންގެ ހިދުމަތުގެ ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.