މުންދު ފުލުހަށް ހާޒިރުވާން އެންގީ މިއަދު މެންދުރު ފަހު 03:00 އަށެވެ. ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު މީޑިއާއަށް އެކަމާއި ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން މުންދު ވިދާޅުވީ، ފުލުހުން އެެންމެ ފުރަތަމަ އޭނައަށް އަންގާފައިވަނީ ފުލުހަށް ހާޒިރުކުރަނީ ފިނޭސް މިނިސްޓަރު ފުލުހުންނަށް ހުށަހަޅާފައިވާ މައުލޫމާތަކާއި ގުުޅިގެން މައުލޫމާތެއް ސާފުކުރަން ކަމަށެވެ. ނަަމަވެސް ފުލުހަށް މިއަދު ހާޒިރުކުރީ އެމަނިކުފާނުގެ މައްޗަށް ތުހުމަތެއް ކުރެވިގެން ތަހުގީގެއް ކުރަންކަން ފުލުހަށް ހާޒިރުވުމުން އެގުނުކަމަށް މުންދު ވިދާޅުވިއެވެ.
އަދި އެ ތުހުމަތަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަގުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި ކަމަށް ބުނާ ސިޓީއެއް މުންދު މީސްމީޑިއާގައި ދައުރު ކުރިކަމަށް ބުނެ މިނިސްޓަރު ފުލުހުންނަށް ދީފައިވާ މައުލޫމާތަކާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތަކެއް ކަމަށް މުންދު ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ހަގީގީ އަގަކީ 200 މިލިއަން ޑޮލަރު ކަމަށާއި "އޭގެ އިތުރަށް ވެފަ އޮތް ހަރަދެއް ވިއްޔާ އެއީ ކޮންމެވެސް މީހެއް ކާލާފަ އޮތް ހަރަދު ނުވަތަ ކޮރަޕްޝަންގެ އަމަލެއް" ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާ ކަން ފާހަގަކުރައްވާ މުންދު ވިދާޅުވީ 200 މިލިއަނަކީ މުޅި އެ އިމާރާތުގެ ޖުމުލަ އަދަދުކަމަށް ސަރުކާރުން ވިދާޅުވިއިރު ފިނޭސް މިނިސްޓަރު އަގުމަގު ކުރެއްވިއިރު ތަނުގެ 49 އިންސައްތައަކީ 300 މިލިއަން ކަމަށް ބުނެފައިވާ ކަމަށް މުންދު ވިދާޅުވިއެވެ. އަދި އެހެންކަމަށް ވާނަމަ ހިސާބުގެ ގޮތުން ބަލާއިރު ތަނުގެ ހަގީގީ މިލިއަނަކީ 600 މިލިއަން ޑޮލަރުކަމަށް ފިނޭސް މިނިސްޓަރަށް އިއުތިރާފު ވެވުނީކަމަށާއި އެހެންކަމުން އެ މައުލޫމާތު ރަައްޔިތުންނާއި ހަމަޔަށް ތިލަ ކޮށްދިނުމަކީ އެބޭފުޅުންގެ ޒިންމާއެއް ކަމަށް ދެކޭކަމަށް ވެސް މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ގާނޫތަކަށާއި ސަރުކާރުގެ ވައްޓަފާޅިތަކަށްވެސް މިނިސްޓަރު އަމީރަށް ވުރެ އެމަނިކުފާނު ފަރިތަވާނެ ކަމަށާއި އަދި ގާނޫނުތައް ހެދިގެންދިޔައިރު އެމަނިކުފާނަކީ އޭގެ ތެރޭގައި އުޅުއްވި ބޭފުޅަކަށް ވުމުން އެ ތުހުމަތުގައި ސުވާލުކުރަން ހާޒިރުކުރުމުން ގާނޫނީ ވަކީލެއްވެސް ބޭނުން ނުވާކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.
މުންދު ވިދާޅުވީ ސަރުކާރުގެ އިދާރާއަކުން މިހާތަނަށް ގަލަމެއް ހާ ހިސާބުވެސް ނަގާފައިނުވާއިރު އެތަނުން ސިޓީއެއް ވަގަށް ނެގަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ސިޓީގައި "ސިއްރު" ޖަހާފައިނެތުމުން އެ ސިޓީއަކީ ސިއްރެއް ނޫންކަމަށް ގަބޫލުކުރާކަމަށާއި އަދި އޭގައިވާ މައުލޫމާތަކީ ސައްހަ އެއްޗެއްކަން މިހާރު އެގި ކަރަށަވަރު ކުރެވިފައިވާ ކަމަށެވެ.
ދައުލަތައް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަގުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި ކަމަށް ބުނާ ސިޓީއެއް މުންދު ފޭސްބުކް ޕޭޖުގައި ހިއްސާކުރުމާއިއެކު ފިނޭސް މިިިނިސްޓްރީން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ނަމަވެސް ފަހުން ކޮވިޑް-19 އާއި ގުޅިގެން ދައުލަތައް ލިބުނު ގެއްލުންތައް ފޫބެއްދުމަށް އެ އިމާރާތް ރަހުނުކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އެ ސީޓީ ދައުރުވެފައިވަނީ އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން އެ ސުކޫރު ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕާޕަސް ވެސަލް (އެސް.ޕީ.ވީ) އެއް ހެދުމަށްފަހު ސުކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނާޝިޕް އެ އެސް.ޕީ.ވީ އަށް ޓްރާސްފާ ކުރަން ޖެހޭއިރު މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު އެކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް ބުނެ އެވެ.
އޭގެ އިތުރުން އެ ސިޓީގައި ވަނީ ޝަރީއާ އޮނިގަނޑުގެ ތެރެއިން އެ ސުކޫކު، އިޝޫ ކުރުމަށް ބޭނުން ކުރަން ޖެހޭ އެސެޓަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ނަމުގައި ރަޖިސްޓާ ކުރެވިފައިވާ އެސެޓަކަށް ވާންޖެހެ އެވެ. ނަމަވެސް މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލް ރެޖިސްޓްރީ ކުރެވިފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ނަންމަތީގައި ކަމުން އެތަން ފިނޭންސްގެ ނަން މައްޗަށް ބަދަލުކޮށްދިނުމަށް ސިޓީ ކައުންސިލުގައި ދެންނެވުމަށް ވަނީ އެދިފަ އެވެ.