ޒޭން މާލިކްގެ އަލްބަލް "ނޯބޮޑީ އިޒް ލިސްނިން" ރިލީޒްކޮށްފައި ވަނީ އިއްޔެ އެވެ. މިއީ އޭނާގެ ތިންވަނަ ސޯލޯ އަލްބަމެވެ.
އެގާރަ ލަވަ ހިމެނޭ މި އަލްބަމް އިއްޔެ ރިލީޒްކުރި އިރު، މި އަލްބަމްގައި ހިމެނޭ ދެ ލަވައެއް މީގެ ކުރިން ވަނީ އޭނާގެ ފޭނުންނަށް ގެނެސްދީފަ އެވެ. އެގޮތުން "ބެޓާ" މި ލަވަ ރިލީޒްކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އަދި "ވައިބްޒް" ރިލީޒްކޮށްފައި ވަނީ މި މަހުގެ އަށްވަނަ ދުވަހު އެވެ.
މި އަލްބަމަކީ ދެ އަހަރަށް ފަހު ޒޭން ރިލީޒް ކުރި އަލްބަމެކެވެ. މީގެ ކުރިން ޒޭން ވަނީ 2016 ގައި "މައިންޑް އޮފް މައިން" އަދި 2018 ގައި "އިކާރަސް ފޯލްސް" އަލްބަމް ރިލީޒްކޮށްފަ އެވެ.
"ނޯބޮޑީ އިޒް ލިސްނިން" އަލްބަލް ރިލީޒްކުރުމަށް ފަހު ޒޭން ކުރި ޓުވީޓެއްގައި ވަނީ ސަޕޯޓަރުން ދެމުން އަންނަ ތަރުހީބަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އާ އަލްބަމް ނެރެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް ޒޭން ބުނެފައިވެ އެވެ.
ޒޭންގެ ގިނަ ފޭނުން ދަނީ މި އަލްބަމް ކަމުދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.