ads
އައިމިނަތު ވަހީދާ ޓެކްސީ ކައިރީގައި--
އައިންތުގެ ކާރަށް ހަމަލާދިން މައްސަލާގައި އެކަކުގެ މައްޗަށް ދައުވާ އުފުލައިފި
ރާއްޖޭގައި ހުރި ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ ޓެކްސީއަށް ގެއްލުން ދިން މައްސަލައިގައި އެކަކުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައި ވަނީ ގ. އާފަތިސް މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކުރަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 220 ވަނަ ‎މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ 3 ވަނަ ‎ނަންބަރުގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން އޭނާގެ މައްޗަށް އެ ދައުވާކުރަން ފޮނުވާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ‎27 ވަނަ ދުވަހުގެ 02:06 ހާއިރު، ގދ.ވާދޫ، ހެޕީ، އާމިނަތު ވަހީދާ ޓެކްސީ ކުރުމަށް ‎ގެންގުޅޭ ކާރު އިއްޒުއްދީން މަގު، ‎ޑްރަގް ކޯޓް ކުރިމަތީގައި ޕާކް ކޮށްފައި އޮއްވާ، އެ ޓެކްސީގެ ކުރީ ‎ބިއްލޫރިގަނޑު (ވިންޑްސްކްރީން) އަށް ގާއުކައި އެ ބިއްލޫރިގަނޑު ތަޅާލައި، އެ ކާރަށް ގެއްލުންދީފައިވާތީ އެވެ.

ދިރިއުޅޭ ގެ ކައިރީގައި ޑްރަގް ކޯޓު ކުރިމަތީގައި މިދިޔަ އޮކްޓޫބަރު މަހުގެ 26 ގައި ޕާކުކޮށްފައި އޮއްވާ އައިމިނަތުގެ ކާރަށް ގެއްލުންދީފައިވާއިރު އެއީ އޭނާގެ ކާރަށް ގެއްލުންދިން ފަސް ވަނަ ފަހަރު ކަމަށް އައިންތު ބުނެ އެވެ. 

އައިމިނަތު ބުނީ ކާރަށް ގެއްލުން ދިނުމުގެ ސަބަބުން އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށާއި މިކަމުގައި ފުލުހުންނާއި އާއްމުންގެ އެހީ ބޭނުންވާ ކަމަށެވެ.

އައިމިނަތު ވަހީދާއަށް ގެއްލުންދޭ ފަރާތްތައް ހޯދާ އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މިދޭތެރެއިން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވެއްދި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް