ޖުޑިޝަލް ސާވިސް ކޮމިޝަނުން އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި އެކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑުކުރުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކުރަން އުޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މެމްބަރުންތަކެއް ތުހުމަތުކުރައްވައިފިއެވެ.

Advertisement
ޖުޑިޝަލް ސާވިސް ކޮމިޝަނުން އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި އެކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑުކުރުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކުރަން އުޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މެމްބަރުންތަކެއް ތުހުމަތުކުރައްވައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް މި ދެ ފަނޑިޔާރުން ކުރައްވާފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ މި ދެ ބޭފުޅުންގެ މައްޗަށް ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާ (ހ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށެވެ. އެހެންކަމުން ޖޭއެސްސީގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން މި ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ މައުލޫމާތު ދީފަ އެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީގެ ގާނޫނަށް ބެލުމުން އެ ކޮމިޝަނުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދާއި މެދު އަމަލު ކުރައްވާފައިވާ ގޮތް ވަރަށް ރަނގަޅަށް ފެންނާނެ ކަމަށެވެ. އެގޮތުން ޖޭއެސްސީން އަމަލުކޮށްފައި ވަނީ ގާނޫނޫ ތަރަހައިގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޭއެސްސީގެ ނިންމުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި އުއްތަމަފަނޑިޔާރު އެހެން ނިންމެވުންތަކެއް ނިންމެވުމަށް އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަށް ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުގެ ތެރެއިން ކަމަށާއި އެއީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.
"އެހެންކަމަށް ވާއިރު އެއްވެސް ކޯޓަކުން އެއްވެސް ފަނޑިޔާރަކު އެ ނިންމުން ނަފީވާ ގޮތަށް ވާހަކަދެއްކުން ނުވަތަ އެހެން ގޮތެއް ނިންމުން އެއީ ގާނޫނާ ހިލާފު ކަމަކަށް ވާނެކަމަށް އަޅުގަނޑަށް ފެނޭ،" ހަސަން ލަތީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުންނާއި މެދު ޖޭއެސްސީން ފިޔަވަޅު އެޅުމުން އެ ފަނޑިޔާރުން އެ މައްސަލަ ހިފައިގެން ދާނެ އެއްވެސް ކޯޓެއް ނުހުންނާނެ ކަމަށެވެ. ހަސަން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ފަނޑިޔާރުންނަށް ފިޔަވަޅު އެޅޭނެ ހިސާބެއް އޮންނާނެ ކަމަށެވެ. އަދި ޖޭއެސްސީން އަޅާ ފިޔަވަޅެއް އެ ފަނޑިޔާރުން ތިއްބަވާ ކޯޓުން ބާތިލް ކުރުމަކީ ހަމަޖެހޭ އުސޫލެއް ވެސް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ.
ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރުމުން ސުޕްރީމް ކޯޓު ހިންގުން މިހާރު ހަވާލު ކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއެވެ. އަރީފަކީ ޖޭއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. އެހެންނަމަވެސް އޭނާ ވަނީ މިއަދު ޖޭއެސްސީގެ ރައީސްގެ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ.