ads
ދިޔާނާ، ފާރިސް އަދި ޖާބިރު
ފާރިސް ހިޔާނާތްތެރިވި ކަމަށް ބުނެ ދިޔާނާ މައްސަލަ ހުށަހަޅައިފި
ކުރީގެ ބަންޑަރާ ނައިބު އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު، ރައްޔިތުން މަޖިލީހުގެ ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫނާއި ހަވާލު ކުރި 24 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެ ކަމަށް ބުނެ މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.

މި ފައިސާ އަކީ ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ ކަމަށް ފުލުހުންނަށް ދިޔާނާ ފޮނުވި ސިޓީގައި ވިދާޅުވެފައި ވެއެވެ. އަދި މި ފައިސާ ރައީސް މައުމޫނާއި ހަވާލު ކުރުމަށް ހަވާލުވީ ދިޔާނާ ކަމަށާއި، އެ ފައިސާ ފާރިސްއާ ހަވާލުކުރެއްވި ކަމަށް ވިދާޅުވެފައިވެ އެވެ.

ދިޔާނާ ވިދާޅުވީ މި ފައިސާ ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް މައުމޫނު އާންމު ފޯރަމްތަކުގައި ވިދާޅުވަމުން ގެންދަވާއިރު، ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް އާއި ހަވާލުކުރެއްވި ފައިސާ ރައީސް މައުމޫނަށް ލިބިވަޑައިނުގެންނެވުމަކީ އެ ފައިސާއަށް ވީ ހިޔާނާތެއް ކަމަށެވެ. 

އެގޮތުން މި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގަވާ، އެ ފައިސާއަށް ފާރިސް ހެއްދެވި ގޮތެއް ބައްލަވައިދެއްވުމަށް ދިޔާނާ ފުލުހުންނަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

ދިޔާނާ ވިދާޅުވީ މި ފައިސާ އަކީ 2017 ވަނަ އަހަރުގެ ކުރީކޮޅު ރައީސް މައުމޫނުގެ ބައެއް މަސައްކަތްޕުޅަށް ފައިސާ ބޭނުންފުޅުވެގެން އެ ފައިސާ ހޯއްދަވަން ހުށަހެޅުއްވުމާއި ގުޅިގެން ދިން ފައިސާ އެވެ. އެގޮތުން އެކި މަރުހަލާތަކުގެ މަތިން، އެކިއެކި ޒަރިއްޔާތަކުން ވާހަކަ ދެއްކެވި ކަމަށާއި، މުއާމަލާތް ފައިނަލައިޒް ކުރުމުގެ ކުރިން ރައީސް މައުމޫނާއި ފާރިސްއާ ކުއަލަ ލަމްޕޫރުގައި އެބޭފުޅުން ކަނޑައެޅުއްވި ތަން ކަމަށްވާ އިންޓާމާކް ބިލްޑިންގައި ޖާބިރާއެކު ބައްދަލު ކުރެއްވި ކަމަށް ދިޔާނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޖާބިރު އަތުން ނަންގަވާ ފައިސާ އަނބުރާ ދައްކާ ގޮތަށް އެއްބަސްވުމަށް ފަހު، ރައީސް މައުމޫނާއި ހަވާލު ކުރުމަށް ދިޔާނާއާ ހަވާލު ކުރެއްވި 24 މިލިއަން ރުފިޔާ އެކި ފަހަރު މަތިން ފާރިސްއަށް އަމާނާތްތެރިކަމާއެކު ހަވާލުކޮށްދެއްވިން ކަމަށް ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވީ ރައީސް މައުމޫނު ލޯނަކަށް އެދިލެއްވީ ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ރަހުނުގެ ގޮތުގައި ބާއްވައިގެން ނަމަވެސް ފައިސާ ދެއްވުމަށް އެދި ކަމަށެވެ. އަދި ކުއަލަ ލަމްޕޫރުގެ އިންޓާމާކް ބިލްޑިންގައި ބޭއްވި ބައްދަލުވުމުގައި ގެރެންޓީއެއްގެ ގޮތުގައި ރައީސް މައުމޫނުގެ ބަސްފުޅު ފުދޭ ކަމަށް ޖާބިރު ވިދާޅުވި ކަމަށް ދިނާޔާގެ މި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ނަމަވެސް މިހާތަނަށް ރައީސް މައުމޫން ވިދާޅުވެފައިވަނީ އެ މަނިކުފާނަށް ފައިސާ ނުލިބޭ ކަމަށް ކަން ދިޔާނާގެ ސިޓީގައި ފާހަގަކުރެއްވި އެވެ. އަދި ރައީސް މައުމޫނާއި ދެކޮޅަށް ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައިގައި ވެސް އެމަނިކުފާނު އެހެން ވިދާޅުވެފައިވާ ކަމަށް ދިނާޔާ ފާހަގަ ކުރައްވާފައިވެ އެވެ.

އަދި އެއްވެސް ހެއްކެއް ނެތި އެ މައްސަލަ މިހާރު ހުކުމާއި ހަމައަށް ގޮސްފައިވާ އިރު، ހިޔާނާތް ދިޔާނާއަށް ރައްދުވުމުގެ އިހުމާލު މަތިވެފައި ވާތީ، ސިޓީގައި ދެންނެވި ގޮތުގެ މަތިން ފާރިސްގެ މައްޗަށް ތަހުގީގު ހިންގެވުމަށް ދިޔާނާ އެދިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް