އެ މައްސަލައާ ގުޅިގެން 2020 ނޮވެމްބަރ 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުންގެ ފަރާތުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް އެ މައްސަލާގައި ތުހުމަތުކުރެވޭ ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި 2020 ނޮވެމްބަރ 27 ވަނަ ދުވަހު ތިމަރަފުށިން އިތުރު ދެ މީހަކު ހައްޔަރުކޮށްފައި ވެއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތ. ތިމަރަފުށި / އަސްރަފީވިލާ، އަހްސަން މުހައްމަދަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ އަދި މީހަކަށް މަރުގެ އިންޒާރުދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތ. ތިމަރަފުށި / ކެނެރީގެ، އަލީ މުނީޒަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ އަދި މުދަލަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އެ އޮޕަރޭޝަން ހިންގާފައިވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހުރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތިމަރަފުށި / ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ އަދި ތިމަރަފުށީގެ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓްކުރާ ކަމަށް ބެލެވޭ "ނަސާޙް-3" ނަމަކަށް ކިޔާ ހުއިފިލަނޑާ ނަގާ ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރު ކުރުމަށް ބޭނުންވާ އާލާތްތައް އެއްކޮށް، އެ ދޯނީގައި އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުމާ ގުޅިގެންނެވެ. އަދި އެ ދޯނިން ހައްޔަރުކުރި މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗްކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ވެސް ފުލުހުންނަށް މައުލޫމާތު ދިނުމާ ގުޅިގެންނެވެ.
ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގުސަދަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި، އެ ފަރާތްތައް ލައްވައި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމަށާއި އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެމީހުންގެ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.