
އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޝަކުވާ އެ ކައުންސިލަށް ހުށަހަޅާފައިވަނީ ނޫސްވެރިންނާއި މީޑިއާތަކުން ކަމަށެވެ.
އެގޮތުން މި މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ޗެނަލް 13ގެ ޗީފް އޮޕަރޭޓިންގް އޮފިސަރު މުހައްމަދު ސަމާހު އަދި ޗެނަލް 13ގެ ޑެޕިއުޓީ ސްޓޭޝަން މެނޭޖަރު (ބްރޯޑްކާސްޓިން) އަދި ޗެނަލް 13ގެ ނިއުސް ހެޑް މަރިޔަމް އިސާދާ އިސްމާއީލް އަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެކަން އެ ކައުންސިލުން ކުށްވެރިކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މީގެ އިތުރުން ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލާ، ނޫސްވެރިކަމަށް މިނިވަން މާހައުލެއް ގާއިމުކޮށްދިނުމަށް މަސައްކަތް ކުރުމަކީ އެ ކައުންސިލްގެ ގާނޫނީ ޒިންމާއެއް ކަމުގައި މި ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން "އިންސާފި ކޮބާ؟" މުޒާހަރާގައި ކަން ހިނގި ގޮތް ބަލާ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ގޮވާލާ ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއެމްސީގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯއިއޭޝަނުން ވެސް ވަނީ މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ޖަމިއްޔާއިން ވަނީ މުޒާހަރާއާ ވީ އެންމެ ކައިރިއަކުން މުޒާހަރާގެ ހަރަކާތްތައް ކަވަރުކޮށް، މައުލޫމާތު ލިބިގަތުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމަށް ފުލުހުންނަށް ގޮވާލާފައެވެ.