ads
ދެ ކޮއްކޮގެ މަހާނަ ކައިރީގައި ޝާހިދު-- ފޮޓޯ: އަބްދުﷲ ޝާހިދު
ޝާހިދު ކެޔޮދޫއަށް ވަޑައިގެން 41 އަހަރު ކުރީގެ ހަނދާންތަކެއް!
މިދިޔަ ހަފްތާގައި ވ. ކެޔޮދޫގެ ފުލުހުންގެ ހިދުމަތް ފެށުމުގެ ގޮތުން ޕޮލިސް ޕޯސްޓު ހުޅުވައިދެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. ކަން ދިމާކުރި ގޮތުން އެ ދަތުރު ދިމާވީ މީގެ 41 އަހަރު ކުރީގެ ހިތާމަވެރި ހާދިސާއެއްގެ ހަނދާންތައް ގެނުވި ދުވަހަކާ އެވެ.

އެ ދަތުރުގައި ކެޔޮދޫއަށް ވަޑައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ޝާހިދު އާ ކުރެއްވީ އެއްބަނޑު އެއްބަފާ ދެ ކޮއްކޯފުޅު އަވަހާރަވެގެންދިޔަ ހާދިސާގެ ހަނދާންތަކެވެ. ފާތިމަތު ޝާހިދާ އާއި އާމިނަތު ޝާހިދާ ކެޔޮދޫގައި މޫދަށް އެރި އުޅުއްވަނިކޮށް އަވަހާރަވި ގޮތުގެ ހަނދާންތަކެވެ.

"މީގެ 41 އަހަރު ކުރިން ވ. ކެޔޮދޫގައި މޫދުގައި ހިނގި ހިތާމަވެރި ޙާދިސާއެއްގައި އަވަހާރަވެ ދިޔަ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ އަންހެން ދެކޮއްކޮގެ މަހާނައަށް އިއްޔެ އަޅުގަނޑު ޒިޔާރަތްކުރިން. އަޅުގަނޑުގެ ލޯބިވާ ދެ ކޮއްކޮ ޢާއިލާއާ ވަކިވެ ދިއުމަށް ކިތަންމެ ދުވަހެއް ވެގެން ދިޔަޔަސް ޢާއިލާއަށް ލިބުނު ފުން ހިތާމައާއި ކޮއްކޮމެނަށް އަޅުގަނޑުމެންގެ ހިތުގައި އޮތް ލޯބި އަބަދުވެސް ދެމިއޮންނާނެ. މާތް ﷲ ކޮއްކޮމެންގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި. އާމީން،" ޝާހިދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

އެ ހާދިސާގެ ހަނދާންތައް ބައެއް ނޫސްތަކާ ހިއްސާކުރައްވަމުން ޝާހިދު މީގެ ކުރިން ވިދާޅުވެފައި ވަނީ ދެ ކޮއްކޯފުޅު އަވަހާރަވީ ސްކޫލް ޗުއްޓީގައި ކެޔޮދޫއަށް އާއިލާ ގޮސް އުޅެނިކޮށް މޫދަށް ގެނބިގެން ކަމަށެވެ. ނަމަވެސް އެ ދަތުރުގައި ޝާހިދު ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. އެ ދެ ކުދިން އަވަހާރަވީ ޖެނުރައީ 26، 1980 ގައި ފާތިމަތު ޝާހިދާގެ އުމުރުން 14 އަހަރު އަދި އާމިނަތު ޝާހިދާގެ އުމުރުން 12 އަހަރުގަ އެވެ. 

ޝާހިދު ކިޔައިދެއްވާފައިވާ ގޮތުން އެ ދެ ކުދިން ނައިސް ގިނައިރުވާން ފެށުމުން ހޯދަން ނިކުމެ، މޫދު ބަލަން ފެށުމާއެކު އަވަހާރަވެފައި ވަނިކޮށް ފެނުނީ މޫދަށް އެރެން އޮންނަ ދިމާލުގައި އޮންނަ ވިލެއް ހުރަސްކޮށް އޮންނަ ތިލައެއްގެ އަށެއްކަ ފޫޓު އަޑިން ކަމަށެވެ. އެ ކުދިންނާއެކު މޫދަށް ދިޔަ ކެޔޮދޫ ރަންބުސްތާނުގޭ ދަލޭކާނިކެ ވެސް އަވަހާރަވި އެވެ.

ފާތިމަތާއި އާމިނަތުގެ ހަނދާންތައް އާކޮށް ޅެން ފޮތެއް ވެސް ނެރުއްވާފައިވާ ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް ވިދާޅުވެފައި ވަނީ އެ ކުދިންނަށް ފަތަން އިނގޭ ކަމަށާއި އަވަހާރަވީ ގެނބިގެން ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. އަދި އެއްވެސް ކުއްޖަކަށް ލޮނު ބޮވިފައި ނުވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް