އަލީ ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ އެމްޕީއެލްގެ ކެރޭނަކުން ސަޕްލައި ދޯންޏަކަށް ބަރުކުރަމުންދިޔަ ކާޕެޓް ރޯލެއް މުވައްޒަފެއްގެ ގަޔަށް ވެއްޓި، އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމުގެ ހަބަރެއް ހިއްސާ ކުރައްވަމުން ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން އަލީ ހުސެއިން ވިދާޅުވީ "ވަޒީފާ އަދާ ކުރުމުގެ ތެރޭގައި މުވައްޒަފުގެ ސީދާ އިހުމާލެއް ނެތި ލިބޭ އަނިޔާގެ ބަދަލު ވަޒީފާ ދޭ ފަރާތުން އެ ގެއްލުން ލިބުނު މީހާއަށް ދޭން ޖެހޭނެ" ކަމަށެވެ.
އެމްޕީއެލްގެ ކެރޭނަކުން ސަޕްލައި ދޯންޏަކަށް ބަރުކުރަމުންދިޔަ ކާޕެޓް ރޯލެއް، މަޖޫރީއެއްގެ ގޮތުގައި އުޅުނު ދިވެއްސެއްގެ ގަޔަށް ވެއްޓުނު ހަބަރު ނޫސްތަކަށް އެރީ އިއްޔެ އެވެ. އެގޮތުން މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ކަމަށާއި، މި ހާދިސާގައި އަނިޔާވެފައިވަނީ މަޖޫރީއެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި ހާދިސާގައި އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އެމީހާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމުގެ މައުލޫމާތު ރޭ ވަނީ ލިބިފައެވެ. މި މައްސަލައިގައި އެމްޕީއެލްއިން ބުނީ އެ ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެކްސިޑެންޓުތަކާއި ބެހޭ ކޮމެޓީން އަންނަނީ ތަގުގީގެއް ކުރަމުން ކަމަށެވެ. އަދި މި ހާދިސާ އާއި ގުޅިގެން "މިނާ އިންވެސްޓްމަންޓު" ގްރޫޕާއި، އެ މަސައްކަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑު ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މިދިޔަ މަހު ވެސް ވަނީ މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. އެގޮތުން އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނަރަކުން ބިއްލޫރި ޕެލެޓްތަކެއް ނެރެން އުޅުމުގެ ތެރޭގައި ދެމީހަކަށް އަނިޔާވީ މިދިޔަ މަހު ހަތެއްގައެވެ. މި ހާދިސާގައި އަނިޔާވި ދެމީހުންގެ ތެރެއިން އެކަކު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް މަރުވެފައެވެ.
އެމްޕީއެލް އިން ވަނީ މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ގަވާއިދުތަކާއި އުސޫލުތަކަށް ބަދަލުގެންނަން މިހާރު ވެސް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.