ޓޮމް މިހެން ވިދާޅުވެފައި މިވަނީ، ޑރ. މުހައްމަދު ޖަމީލް އަހުމަދު ނައިބުރައީސް ކަމުން ވަކިކުރީ އިންސާފުންނޭ ބުނާނެ ހަމައެއް ނޯންނާނެކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މީސް މީޑިއާގައި ޓޮމް ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުން ނައިބުރައީސް ޖަމީލް އާއި ނައިބު ރައީސް އަހުމަދު އަދީބު ވަކިކުރީ، އެބޭފުޅުންނަށް އިތުބާރު ނެތްކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގައި ރައީސް ޔާމީން ވިދާޅުވުމުން ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުން އިއްތިފާގު ވެގެން ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ޓޮމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ނައިބު ރައީސްކަމުގެ މަގާމުން ޖަމީލް ވަކިކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ. އަދި އެއަށްފަހު ނައިބުރައީސްކަމުގެ މަގާމަށް ދެން އައްޔަން ކުރެއްވީ އަހުމަދު އަދީބުއެވެ.
ޖަމީލް ނައިބުރައީސްކަމުން ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ޖަމީލް ވިދާޅުވީ، ނައިބު ރައީސުން ވަކިކުރެވޭ ވަކި އުސޫލުތަކެއް ގާނޫނު އަސާސީގައި ބުނާއިރު، އެކަންކަން ފުރިހަމަ ނުކޮށް މަޖިލީހުން އޭނާ ވަކިކުރި ކުރުން އެއީ އިންސާފުވެރިކޮށް ހިނގައިދިޔަ ކަމެއް ކަމަށް ބުނެދެވޭނެ ހަމައެއް ނޯންނާނެ ކަމަށެވެ.
އަދި އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމިއިރު، މަޖިލީހުން ކުރި ތަހުގީގެއް ނެތް ކަމަށާއި، ޖަވާބުދާރީވާންވެސް ފުރުސަތު ނުދޭކަން ފާހަގަކުރައްވަމުން ޖަމީލް ވަނީ، އެމަނިކުފާނުގެ ވަކީލުންނަށް މަޖިލީހުގެ ޗެމްބަރަށް ވަނުމުގެ ފުރުސަތު ނުދޭކަމަށާއި، މަޖިލީހުގެ ގަވާއިދު ބަދަލުކުރީ އެމަނިކުފާނަށް އަމާޒުކޮށްގެން ދިފާއުވުމުގެ ފުރުސަތު ހަނިކުރުމަށް ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޖަމީލްގެ މި ވާހަކަތަކަށް ޓޮމް ރައްދުދެއްވިއިރު އެދެބޭފުޅުންނަކީވެސް ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ދެބޭފުޅުންކަން ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން ޑރ. ޖަމީލް އަކީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.