ads
ފޮޓޯ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން:-
ފިނިމޫސުމުގަ ހާލުގަ ދިރިއުޅޭ މުސްލިމުނަށް އެހީ ވެވުމުގެ ފުރުސަތު ހަމަވަނީ!
ފިނި މޫސުމުގައި ހާލުގައި ދިރިއުޅޭ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު އެބައޮތް ކަަމަށާއި ނަމަވެސް އެ ފުރުސަތު ވަރަށް ވަހަށް ހަމަވާނެކަން، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހާމަކޮށްފިއެވެ.

އައިއޭސީއިން މަޢުލޫމާތުދޭ ގޮތުގައި މި ކެމްޕޭން ކުރިޔަށްދާނީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން މި ފިނި މޫސުމާ ދިމާކޮށް ކުރިޔަށްގެންދާ ސަވައިވިންގް ވިންޓަރ 2020 ނިމުމަކަށް އައުމަށް ކަރިވެފައިވާކަމަށް ވެސް އެ ކެމްޕޭނުގެ ފަރާތުން ބުނެއެވެ.

ފިނި މޫސުމާދިމާކޮށް ހާލުގައި ޖެހިފައިވާ ޤައުމުތަކުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ސަވައިވިންގް ވިންޓާ ކެމްޕޭން އައިއޭސީގެ ފަރާތުން ލޯންޗުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ހާމަކުރާ ގޮތުގައި، ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިންގެ ޖުމުލަ މާލީ ހާލަތު ދަށްވެފައިވީނަމަވެސް މިފަހަރުގެ ކެމްޕޭނަށް ވަރަށް ފުރިހަމަ ތަރްހީބަކާއި އެހީތެރިކަމެއް ދިވެހި ރައްޔިތުންގެ ފަރާތުން ލިބިފައިވެއެވެ. 

އެގޮތުން، މިހާތަނަށް ސަވައިވިންގް ވިންޓާ ކެމްޕޭނަށް ޖުމުލަ 1،480،958.36 ރުފިޔާ ލިބިފައިވެއެވެ. 

"މި އަހަރުގެ ސަވައިވިންގް ވިންޓަރ ކެމްޕޭންގެ ތެރެއިން އެހީފޯރުކޮށްދީފައިވަނީ ސީރިއާ، ޔަމަން، ފަލަސްތީން ރައްޔިތުންގެ އިތުރުން ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީންނަށް،"

ފިނި މޫސުމާ ގުޅިގެން މިއަދު އެ ޤައުމުތަކުގެ ރައްޔިތުންނަށް ވަނީ އިތުރު ނިކަމެތިކަމެއް ކުރިމަތިވެފައެވެެ. ގަދަ ވިއްސާރައިގެ ސަބަބުން މަގުތައް މަތި ޗަކަވެ، ފެން ވަނީ ތަޢައްޔަރުވެފައެވެ. ފިނި މޫސުމުގެ ތެރޭގައި ބޭނުންކުރާ ހޫނުކުރާ އާލާތްތަކާއި  ރަޖާ ގަނޑުގެ އިންތިޒާރުގައި ތިބި އާއިލާތަކާއި ފިނިން ރައްކާތެރިވުމަށް ލާނެ ޖެކެޓެއްގެ އިންތިޒާރުގައި ތިބި ތުއްތު މަޢުސޫމް ކުދިން މަދެއް ނޫނެވެ. މި ކެމްޕޭން ނިމުމަކަށް އައުމަށް ކައިރިވެފައިވާއިރު، ކެމްޕޭނަށް މިއަދުވެސް ތީގެތެރެއިން ކޮންމެ ފަރާތަކަށް ވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ ފުރުސަތު އެބައޮތެވެ.

ސަވައިވިންގް ވިންޓަރ 2020 ގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޕެކޭޖް ދެވިގެންދާނެއެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގެ އަގަކީ 1000 ރުފިޔާއެވެ. މި ޕެކޭޖުގެ ތެރޭގައި ބޯހިޔާވެހިކަން، ހޫނުކުރުމަށް ބޭނުންކުރެވޭނެ އެކި ކަހަލަ އާލާތްތައް، ކާބޯތަކެތި އަދި ސާފުތާހިރުވުމަށް ބޭނުން ކުރެވޭނެ ހައިޖީން ޕެކް ހިމެނިގެން ދާނެއެވެ.

ކޮވިޑް 19 ޕެކްޑެމިކްގެ އަަސަރު މި ޤައުމުތަކަށް ކޮށްފައިވުމުގެ ސަބަބުން، މި އަހަރުގެ ސަވަވިންގް ވިންޓަރ ޕެކޭޖުގެ ތެރޭގައި ޕެންޑެމިކް ރިލީފަށް ބޭނުންވާ އެކި ކަހަލަ ތަކެތީގެ އެހީ ފޯރުކޮށްދީފައިވެއެވެ. އާއްމު ރައްޔިތުންނަށް ކޮވިޑް 19 އިން ރައްކާތެރިވުމަށް ދެވޭ ތަކެތީގެ އިތުރުން ކޮވިޑް 19 ގެ ކަންކަމުގައި އެތަނެއްގެ ހޮސްޕިޓަލަށް ނުވަތަ މެޑިކަލް ސެންޓަރަށް ބޭނުންވާނެ ސަމާނުވެސް މީގެ ތެރޭގައިހިމެނެއެވެ.

ފިނި މޫސުމާއި ދިމާކޮށް ދަތި ހާލުގައި ދިރިއުޅެމުންދާ މި ފަރާތްތަކަށް އިތުރު ތަކްލީފުތަކެއް އުުފުލަންޖެހިފައިވާތީ، އައިއޭސީންއިން މި ކެމްޕޭން ރާވާފައިވަނީ އެހީގެ ގޮތުގައި ހޫނުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ފަރާތްތަކަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން ސޯލާ ހީޓިން ފަދަ ދެމެހެއްޓެނިވި ގޮތްގޮތުން އެކަން ކުރުމަށް އިސްކަން ދީފައިވާކަން އައިއޭސީއިން ފާހަގަކުރެއެވެ.

your imageފޮޓޯ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން:-

ބޯހިޔާވަހިކަމުގެ އެހީގެ ގޮތުގައި، ފެންވަރު ރަނގަޅު ޓެންޓް، ބްލޭންކެޓް، ފިނިން ރައްކާތެރިވެވޭނެ ފަދަ އަންނައުނު ފޯރުކޮށްދެވޭނެއެވެ. އެހެންނަމަވެސް، އެ ތަނެއްގެ ހާލަތު ދިރާސާކޮށް، އެތަނަކަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރުމަށް އައިއޭސީއިން ނިންމާފައިވެއެވެ. މީގެއިތުރުން، ކާބޯތަކެތީގެ ގޮތުގައި، އެތަނެއްގައި އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ކަހަލަ ސާމާނު ފޯރުކޮށްދެވޭނެއެވެ. އެގޮތުން، ހަނޑޫ، ހަކުރު، ފުށް، ޕާސްތާ، ކައްކާ ތެޔޮ ފަދަ ތަކެތި ހިމެނެއެވެ.

މި ކެމްޕޭންގެ ތެރެއިން ކޮންމެ 5 މީހުންގެ އާޢިލާއަކަށް 1000 ރުފިޔާގެ ޕެކޭޖެއް ހަމަޖައްސާފައިވީނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ސަވައިވިންގް ވިންޓަރ 2020 އަށް ޑޮނޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އެ ފަރާތަކަށް ދެވުނު މިންވަރެއް ހަދިޔާކޮށްގެން މި ކެމްޕޭނުގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު އައިއޭސީއިން ވަނީ ހުޅުވާލާފައެވެ. އައިއޭސީއިން ހާމަކުރާގޮތުގައި، މި ކެމްޕޭނުގެ ތެރެއިން ލިބޭ އެހީ ބޭނުން ކުރެވިގެންދާނީ އެ ޤައުމަކަށް ފީނިމޫސުމުގައި އެންމެ މުހިންމުވެފައިވާ ކަންކަމަށެވެ.

މި 4 ޤައުމަށް އެހީތެރިކަންފޯރުކޮށްދިނުމަށް، ބީއެމްއެްލް އިސްލާމިކުގެ 4 އެކައުންޓެއް ހާއްސަ ކޮށްފައިވެއެވެ.

ފަލަސްތީން: 7770000026261

ރޮހިންޔާ:   7770000026265

ޔަމަން:    7770000026264

ސީރިއާ:   7770000026263     

މި ކޭމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފަރާތްތަކުން، އައިއޭސީގެ ހޮޓްލައިން ނަންބަރު،  9122121 އަށް ގުޅާލެވިދާނެއެވެ. މީގެއިތުރުން، އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ މެދުވެރިކޮށް ސަވައިވިންގް ވިންޓަރ 2020 އާ ބެހޭ އިތުރު މަޢުލޫމާތު ލިބިގެންދާނެއެވެ.

މިފަހަރުގެ ސަވައިވިންގް ވިންޓަރ ކެމްޕޭނަށް ޖުމުލަ 1,788,369.48 ރުފިޔާ ލިބިފައިވާއިރު، ކޮންމެ ޤައުމަކަށްވެސް ވަކިވަކިން އެހީލިބިފައިވެއެވެ. އެގޮތުން ތިރީގައި މިވަނީ މި ހަތަރު ޤައުމުތަކުގެ އެކައުންޓްތަކަށް ވަކިވަކިން ލިބިފައިވާ އަދަދުތައް:

ފަލަސްތީން: 482,409.97 ރުފިޔާ

ސީރިއާ: 518,874.11 ރުފިޔާ

ޔަމަން: 492,928.12 ރުފިޔާ

ރޮހިންޔާ: 294,157.28 ރުފިޔާ

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އަބަދުވެސް މަސައްކަތްކުރަނީ މިފަދަ ކޮންމެ ދަނޑިވަޅަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ހުޅުވާލަދިނުމެވެ. މީގެކުރިންވެސް ފިނި މޫސުމާއި ދިމާކޮށް އައިއޭސީގެ ފަރާތުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތި އަޙުންނާއި އުޙުތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިއަހަރުގެ ސަވައިވިންގް ވިންޓަރ ކެމްޕޭނަކީ މިފަދަ ތިން ވަނަ ކެމްޕޭންކަން ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކަށް ފިނި މޫސުމާއި ކުރިމަތިވެފައިވީ ނަމަވެސް ފިނި މޫސުމާއި ގުޅިގެން އެތަށް ތަކްލީފެއް މި ހަތަރު ޤައުމުގެ ރައްޔިތުން އުފުލަން ޖެހިފައިވެއެވެ. އެހެންކަމުން މި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ އައިއޭސީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފިނި މޫސުމުން ރައްކާތެރިވެ، މި މޫސުމުގެ ތެރޭގައި ދިރިއުޅުމުގެ ކަންކަން އެ ފަރާތްތަކަށް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް