ads
ތ. ގާދިއްފުށި-- ފޮޓޯ: ޓްރޮވޭލް
ގާދިއްފުށީގައި ވައިރަލް ހުމެއް ފެތުރެނީ، ދާއިމީ ޑޮކްޓަރެއް ނެތް!
ތ. ގާދިއްފުށީގައި ވައިރަލް ހުމެއް ފެތުރެމުންދާ ކަމަށާއި ނަމަވެސް މިވަގުތު ރަށުގައި ދާއިމީ ޑޮކްޓަރެއް ނެތް ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
Advertisement
ތ. ގާދިއްފުށީގައި ވައިރަލް ހުމެއް ފެތުރެމުންދާ ކަމަށާއި ނަމަވެސް މިވަގުތު ރަށުގައި ދާއިމީ ޑޮކްޓަރެއް ނެތް ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

އެރަށު ކައުންސިލުގެ ނައިބް ރައީސް އަބްދުއްމުހައިން އަބްދުއްރަހީމް ސީއެންއެމްއަށް ވިދާޅުވީ ރަށުގައި ހުން ފެތުރެމުންދާތާ މިހާރު ދުވަސްތަކެއްވެފައިވާކަމަށާއި އެކަމަކު ރަށުގެ ޑޮކްޓަރު މިވަގުތީ ހުރީ ޗުއްޓީގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޑޮކްޓަރު ޗުއްޓީއަށް ދިޔައީ ކުއްލިއަކަށް ކަމުން އެކަމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މުހައިން ވިދާޅުވީ ރަށުގައި ފެތުރެމުންދާ ހުމަކީ އާދައިގެ ހުމާއި ހިލާފަށް ހުޅުހުޅުގަޔާއި ގައިގާ ރިއްސާ ހުމެއް ކަމަށެވެ. އެގޮތުން ރަށުގެ ގިނަ ބަޔަކަށް އެ ވައިރަލް ހުން ޖެހިފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މުހައިން އިތުރަށް ވިދާޅުވީ އެ ރަށު ސިއްހީ މަރުކަޒަށް ބަލި މީހުން ބެލުމަށް މިހާރު ކޮންމެ ދުވަހަކު ވެސް ޑޮކްޓަރަކު ގެންނަނީ ތިމަރަފުށިން ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު 14:00 އަށް އޯޕީޑީގެ ހިދުމަތް މިހާރު ވެސް ދެމުންދާކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެގޮތަށް ޑޮކްޓަރަކު ގެންނަމުން ރަށުގެ ރައްޔިތުންނަށް އިވޭވަރަށް އެކަން ގޮވާ ކަމަށެވެ.

އޭގެ އިތުރުން މުހައިމިން ވިދާޅުވީ އެގޮތަށް ތިމަރަފުށިން ޑޮކްޓަރަކު އައިސް ބަލި މީހުން ބެލި ނަމަވެސް އިއްޔެ ތިމަރަފުށީ ސިއްހީ މަރުކަޒުގައި ބަލި މީހުން ބަލަން ޖެހުމުން އެ ޑޮކްޓަރަށް އެރަށަށް ނާދެވުން ކަމަށެވެ. އަދި ވިދާޅުވީ އެ ހުން ތިމަރަފުށީގައި ވެސް ފެތުރެމުންދާ ކަމަށް މައުލޫމާތު ލިބިލައްވާފައިވާ ކަމަށާއި އެހެންކަމުން އިއްޔެ އިރުއޮއްސެނިކޮށް ޑޮކްޓަރަކު ގެނައީ އެއަތޮޅު ކިނބިދޫން ކަމަށެވެ. އަދި ރޭގަނޑު 10 ޖަހަންދެން ބަލި މީހުން ބެލި ކަމަށް ވެސް ވިދާޅުވި އެވެ.

ތިމަރަށިން ގާދިފުއްޓަށް ލޯންޗެއްގައި ދިއުމަށް ގާތްގަނޑަށް 10 ވަރަކަށް މިނެޓް ހޭދަވެ އެވެ. މިގޮތަށް ކަނޑު ހުރަސްކޮށް ކޮންމެ ދުވަހަކު ޑޮކްޓަރަކު ގެންނަން ޖެހޭތީ އާންމުންގެ ކަންބޮޑުވުންތައް ހުރިއިރު މުހައިމިން ވިދާޅުވީ އެރަށުގެ ދާއިމީ ޑޮކްޓަރު އަންނަ އާދިއްތަ ދުވަހު މަސައްކަތަށް ނިކުންނާނެކަމަށް މައުލޫމާތު ލިބިލައްވާފައިވާ ކަމަށެވެ.

ސަރުކާރުން އަންނަ އަހަރުގެ ބަޖެޓުގައި މުޅި ސިއްހީ ދާއިރާއަށް 4،108 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތް ދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމުގެ އިތުރުން ސިއްހީ ދާއިރާގެ މީހުންގެ ތަމްރީނު ކުރުން ވެސް ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް