ads
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)-- ފުޓޯ: ޖޭއެސްސީ
ސަރުކާރުން ބޭނުންވާގޮތަށް ހުކުމް ނުކުރާ ފަނޑިޔާރުން ވަނީ ހައިޖެކް ކޮށްފައި: އިދިކޮޅު
ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އިންތިހާއަށް ނުފޫޒު ފޯރުވާ، މުޅި ނިޒާމު ގަޑުބަޑު ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މެމްބަރު އަހުމަދު ސަލީމް މިހެން ވިދާޅުވީ، މިމަހުގެ ހަތަރު ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް، އިދިކޮޅުގެ ފަރާތުން ޖަވާބު ދެއްވަމުންނެވެ. 

ސަލީމް ވިދާޅުވީ ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަތްގަދަކުރަމުންދާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށައި، މީގެ ކުރިން ދުވަހަކުވެސް، ޝަރުއީ ނިޒާމަށް ތުހުމަތު ނުކުރާ މިންވަރަށް މިއަދު ދިވެހި ރައްޔިތުން ސަރުކާރަށް ތުހުމަތުތައް ކުރާ ކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރައްޔިތުންގެ ހިތްތަކުގައި މިއަދު ރާއްޖޭގެ ޝަރުއީ ނިޒާމަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި، ސަރުކާރުން ބޭނުންވާގޮތަށް ހުކުމް ނުކުރާ ފަނޑިޔާރުން ހައިޖެކް ކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ދަށުދަރަޖައިގެ އަމަލުތައް ހުއްޓާލައި، މިނިވަންކަމާއެކު ހުކުމް ކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިނުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މިނިވަން ކަމާއިމެދު ސުވާލު އުފައްދައި ސަލީމް ވިދާޅުވީ، ރާއްޖޭގާ އިޖުތިމާއީ އަދާލަތު ގާއިމު ކުރެވޭނީވެސް އަދި ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބޭނީވެސް، ސިޔާސީ ވަކިތަކުން ޖޭއެސްސީ ސަލާމަތް ކުރެވުނު ދުވަހަކުން ކަމަށާއި، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓާލި ދުވަހަކުން ކަމަށެވެ. 

އަދި ޖޭއެސްސީގައި ސިޔާސީ މީހުން ތިބޭހާ ދުވަހެއްގައި ޝަރުއީ ނިޒާމު ސިޔާސީ ނުފޫޒުން ސަލާމަތެއް ނުކުރެވޭނެ ކަމަށާއި، އެކަން ބަދަލުކުރުމަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރަންޖެހޭކަމަށް ސަލީމް ވިދާޅުވިއެވެ. 

މީގެއިތުރުން ސަލީމް ވިދާޅުވީ، ޖޭއެސްސީ މިނިވަން ކުރުމަށް ވައުދުވެގެން ވެރިކަމަށް އައި ބަޔަކު، މިހާރު އެކަން ނުކުރަން އުޅުމަކީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަން ހާމަވާ ކަމެއް ކަމަށެވެ. އަދި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ބަހަނާ ނުދެއްކުމަށްވެސް ވަނީ ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް