ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި ހަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މި ފައިސާ ދެއްކުމުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކުރި ކަމަށެވެ.
މިގޮތުން ސުކޫކަށް ދައްކަންޖެހޭ އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރާއި އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ވަނީ ދައްކައި ހަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރެ އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އިތުރު ދަރަންޏެއް ނުނަގައި، ސަރުކާރުން ސުކޫކް ބޮންޑަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރުމަކީ އެއީ ވަރަށް އުންމީދީ އަދި ހިތްހަމަޖެހޭ ކަމެއް ކަމަށެވެ.
ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތަކާ ހެދި ކުރިމަތިވި އިގުތިސާދީ ދަތިތަކާ ގުޅިގެން ސުކޫކް ދެއްކިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ޝައްކު އުފެއްދަމުން އައި ނަމަވެސް ސަރުކާރުން އަބަދުވެސް ބުނަމުން އައީ ކަނޑައަޅާފައިވާ ތާރީހަށް ސުކޫކް ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;