ads
އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖު ހިންގި އިރު ---
މަންދު ކޮލެޖާއެކު ހެދި އެއްބަސްވުން އުވާލީ ގޯސްކޮށް: ސްޕްރީމް ކޯޓު
މީގެ ކުރިން މަންދު ކޮލެޖު ހިންގަމުން އައި އެމްއީއެސް އިމާރާތް ހަވާލު ކުރަން ސަރުކާރާއެކުވީ އެެއްބަސްވުން ބާތިލުކޮށް، އެ އިމާރާތް އަތުލާފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
Advertisement

ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ މި މައްސަލަ އާއި ގުޅިގެން ހައި ކޯޓުގައި ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ހުކުމްކޮށްފައެވެ. 

މިދިޔަ އަހަރު ޖޫން މަހު ހައި ކޯޓުން މި މައްސަލައާއި ގުޅިގެން ކުރި ހުކުމުގައި ވަނީ މިމައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ކޮށްފައެވެ. އެގޮތުން ހައި ކޯޓުން ވަނީ، މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑާއެކު އެޑިއުކޭޝަން މިނިސްޓްރީން ހެދި އެއްބަސްވުން 2015 ވަނަ އަހަރު މިނިސްޓްރީން ބާތިލު ކުރީ އެއްބަސްވުމާއި ހިލާފަށް ކަމަށް ބުނެފަ އެވެ.

އެމްއީއެސްގެ ކުރީގެ މަސްއޫލުވެރިންނާއި އެޑިއުކޭޝަން މިނިސްޓްރީން އެމްއީއެސް އިމާރާތާއި ގުޅިގެން އެއްބަސްވުމެއްގައި ސޮއި ކުރީ 28 ޑިސެމްބަރު 2008 ގައެވެ. ނަމަވެސް އެމްއީއެސްގެ ކުރީގެ މަސްއޫލުވެރިން މި އެއްބަސްވުމުގައި ހިމެނޭ އެމީހުންގެ ހައްގުތައް މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކޮށްފައިވަނީ 6 އޭޕްރީލް 2010ގަ އެވެ. 

އޭގެފަހުން އެ އިމާރާތުގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑުން މަންދު ކޮލެޖު ހިންގަމުން އަންނަނިކޮށް، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު މިނިސްޓްރީން ވަނީ އެއްބަސްވުން ބާތިލުކޮށް، އެ އިމާރާތް ސަރުކާރަށް ނަގާފަ އެވެ. 

މި މައްސަލައިގައި މާލެ ހައިގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، އެއްބަސްވުން ބާތިލު ކުރީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، އެކަމުގެ ސަބަބުން ލިބޭ އެންމެހާ ގެއްލުންތަކުގެ ބަދަލު ދައުލަތުގެ ފަރާތުން ހޯދުމުގެ ހައްގު އެ ފަރާތައް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ. އަދި މާލެ ހައި އިން ވަނީ މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކަންކަމާއި ގުޅިގެން ގާނޫނީ ވަކީލަށް ހޭދަވާ 53،000 ރުފިޔާ އެއްފަހަރާ ނަގައިދިނުމަށް އެދިފައެވެ. ނަމަވެސް ސިވިލް ކޯޓުން 2017 ވަނަ އަހަރު ވަނީ މާލެ ހައިއާއި ދެކޮޅަށް މި މައްސަލަ ނިންމާ، ހުކުމް ކޮށްފައެވެ.

އެ ހުކުމް ހައިކޯޓުން ބާތިލު ކުރުމުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުގެ ފަރާތުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ، އެޑިއުކޭޝަނުން މާލެ ހައި އާއެކު ވެފައިވާ މި އެއްބަސްވުން އުވާލާފައިވަނީ އެއްބަސްވުމާއި ހިލާފަށް ކަމަށް ވުމުން އެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުލަތަށް ދައުވާ ކުރެވޭނެ ކަމަށް ބުނެ ހައިކޯޓުން ކުރި ހުކުމަށް ތާއީދު ކޮށްފައެވެ. ނަމަވެސް ގާނޫނީ ވަކީލުންގެ ފީއަށް ހަރަދުވި މިންވަރު ނަގައި ނުދެވޭނެ ކަމަށް މި ހުކުމުގައި ވެއެވެ.

އެމްއީއެސް އިމާރާތް އެޑިއުކޭޝަން މިނިސްޓްރީއަށް ނެގި ފަހުން 2019އާއި ހަމައަށް އެ އިމާރާތް ބޭނުން ކުރަމުން ގައުމީ ޔުނިވާސިޓީގެ ދެ ފެކަލްޓީއެއްގެ ކްލާސްތައް ކުރިއަށް ގެންދިއުމަށެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އެ އިމާރާތް ހުސް ކުރުމަށް އެޑިއުކޭޝަނުން ވަނީ ގައުމީ ޔުނިވާސިޓީއަށް އަންގާފައެވެ. އަދި އިއްޒުއްދީން ސްކޫލުގެ ނަމުގައި ވަނީ މިދިޔަ އަހަރު އެ އިމާރާތުގައި ސްކޫލެއް ހިންގަން ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް