
މ. މުލީގައި އެއާޕޯޓެއް ގާއިމްކުރުމާއި، ޑިޒައިން އެންޑް ބިލްޑް އުސޫލުން ތިން ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ ކޮންޓްރެކްގައި ސޮއެކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ކޮވިޑްގެ ހާލަތުން އަދި އަރައިގަނެވިފައި ނުވިނަމަވެސް ރާއްޖެއަށް ފަތުރުވެރިން އައިސް އިގްތިސާދީ މުސްތަގުބަލް ރަނގަޅުވާތަން ފެންނަމުންދާތީ، ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން މިހާރު ވަނީ ބާރު ސްޕީޑްގައި ފަށާފަ ކަމަށެވެ.
އަސްލަމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ސަރުކާރު އިންތިހާބުވެފައިވާ ފަސް އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދާމާގެ ނިޒާމް ގާއިމްކޮށް ނިންމުން ކަމަށެވެ. އަދި އެއާޕޯޓްތަކުގެ މަސައްކަތްތައް ވެސް ކޮށް ނިންމުމަށް އަމާޒު ހިފާފައިވާކަމަށާއި، އަދި ދިވެހި ރާއްޖޭގެ ރަށްތައް އެއް ރަށުން އަނެއް ރަށަށް ގުޅުވާލުމަށްޓަކައި ފެރީގެ ނިޒާމަކުން، އެކަމަށް ބަރޯސާވެވޭ، އަވަހަށް ދަތުރުކުރެވޭ، ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ކަންކަން މިހާރު ދަނީ ކުރަމުން ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ހއ. ހދ. އަދި ށ. އަތޮޅުގައި ދަތުރުފަތުރު ކުރުމުގެ ހިދުމަތް ފަށައިގަނެވޭނެ ކަމަށެވެ.