ads
ވީޑިއޯ ރިޕޯޓް-
ބޭރުގެ މިއުޒިޝަނުން ރާއްޖޭގައި މަހުޖަނުންނަށް ވަނީ، މުއައްސަސާތައް ނިދާފައި!
ކޮވިޑްގެ މި ބަލިމަޑުކަމުގައި އެތައް ބަޔަކު ވަނީ އާމްދަނީ ހޯދާނެ ގޮތެއް ނެތި، ދަތި ދުވަސްތަކެއް ތަހައްމަލު ކޮށްފައެވެ. މާލޭގައި ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ތިމާގެ ހުވަފެންތައް ބޮލާލާޖަހާ، އަނބުރާ ރަށަށް ބަދަލުވި އާއިލާތައް މަދެއް ނޫނެވެ. މި ދަނޑިވަޅުގައި ދިވެހި މިއުޒިޝަނުން، ހާއްސަކޮށް ރިސޯޓް މިއުޒިޝަނުންގެ އާމްދަނީއަށް ބޮޑުތަނުން އަސަރު ކުރިއެވެ. އަދިވެސް މި މިއުޒިޝަނުން ތިބީ ހަމަ މި އަޑިގަނޑުން އަރައި ނުގަނެވިފައެވެ.
Advertisement

ކޮވިޑް 19ގެ ހާލަތުގައި ދިވެހި މިއުޒިޝަނުންގެ ތެރެއިންވެސް އެންމެ ބޮޑަށް އާމްދަނީއަށް ނޭދެވޭ އަސަރެއް ކުރީ ދިވެހި ރިސޯޓު މިއުޒިޝަނުންނަށެވެ. އެގޮތުން ކޮވިޑްގެ ރާޅާއެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ރިސޯޓުތައް ބަންދު ކުރުމާއެކު، އެމީހުންގެ އާމްދަނީ ބަންދުވެގެން ދިޔައެވެ. 

ގައިމުވެސް ސޯޝަލް މީޑިއާ މަދުން ނަމަވެސް ބަލާލާ މީހަކަށްވެސް ދިވެހި ރިސޯޓު މިއުޒިޝަނުންގެ މި ޝަކުވާތައް ފެނިގެން ދިޔައެވެ. ކޮވިޑްގެ ހާލަތުގައި އާމްދަނީ ހޯދޭނެ ގޮތް ބަންދުވުމުން، އެތައް މިއުޒިޝަނުންނެއް ވަނީ ވަގުތީ ގޮތުން އެހެން މަސައްކަތް ކޮށްގެން ނަމަވެސް އާމްދަނީ ލިބޭތޯ މަސައްކަތް ކޮށްފައެވެ. 

ނަމަވެސް މާލެ ސަރަހައްދު ލޮކްޑައުންވުމާއެކު، މި ފަންނުވެރިންނަށް އެކި ދަތިތަކާ ކުރިމަތި ވެގެން ދިޔައެވެ. އާމްދަނީ ލިބޭނެ ގޮތެއް ނެތި، މާލޭގައި "ތާށި"ވެފައި ތިބީ ހާސްކަމުގައެވެ.

ތިން މަހުގެ ލޮކްޑައުނަކަށްފަހު، އަލުން މާލެތެރޭގެ ހާލަތު ނިއު ނޯމަލްއަށް ހޭނެމުން އައި ދުވަސްވަރު ސަރުކާރުން ވަނީ އަލުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާފައެވެ. ހުރިހާ ރިސޯޓު މިއުޒިޝަނުން ތިބީ އަލުން ބޯޑަރު ހުޅުވާލާ، އެމީހުންނަށް އާމްދަނީ ހޯދުމަށް މަސައްކަތް ފަށައިގަނެވޭނެ އިރަކަށް ބަލަބަލަ އެވެ.

އޭގެފަހުން މިދިޔަ ޖޫން މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ، ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ފުރުސަތު ހުޅުވާލުމާއެކު، ދިވެހި ރިސޯޓު މިއުޒިޝަނުންގެ އުއްމީދުތައް އާވެގެން ދިޔައެވެ. ނަމަވެސް ކޮވިޑްގެ މި ދަނޑިވަޅާއި ގުޅިގެން އެމީހުންގެވެސް ޝަކުވާ ހުއްޓެވެ. ހާއްސަކޮށް މާލެއިން ބޭރަށް ރިސޯޓަކަށް ދާކޮންމެ ފަހަރަކު، އަމިއްލަ ޖީބުން ބޮޑު ހަރަދެއްކޮށްގެން ކޮވިޑް ޓެސްޓު ހަދަން ޖެހުން ވެގެން ދިޔައީ ގިނަ މިއުޒިޝަނުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ކަމަކަށެވެ.

މިދަނޑިވަޅުގައި މިހާރު ފާހަގަވީ މީގެ ކުރިންވެސް ފާހަގަ ވެފައިވާ ކަމެކެވެ. ބިދޭސީ ފަންނުވެރިން ރިސޯޓުތަކުގައި "ޕާފޯމް" ކުރާ ވާހަކައެވެ.

މިއީ އާ ވާހަކަ އެއް ނޫނެވެ. ދިވެހި މިއުޒިކީ ފަންނާނުން އެކަމަކާ ގުޅިގެން އަބަދުމެ، ކެނޑިނޭޅި ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމެކެވެ. މިއުޒިކީ ފަންނާނުންގެ ކަންބޮޑު ވުމާއެކު، މި ސަރުކާރުން ވަނީ ރިސޯޓުތަކަށް ބޭރުގެ މިއުޒިޝަނުން ގެނައުން ގާނޫނީ ގޮތުން މަނާކޮށްފައެވެ.

ނަމަވެސް ބޭރުގެ ފަންނާނުންގެ ސޯޝަލް މީޑިއާތަކުން، ރާއްޖޭގެ ރިސޯޓުތަކުން އަމަލު ކުރަނީ މިހެން ނޫންކަން ސާފުކޮށްފެނެއެވެ. ބޭރުގެ އެތައް މިއުޒިޝަނުންނެއް އަދިވެސް ރާއްޖޭގައި މިއުޒިކު ކުޅޭއިރު، ދިވެހި ފަންނާނުން މިތިބީ ދާއިރާގެ "ފަހަތު ސީޓު"ގައެވެ. ބޭރުގެ ފަންނުވެރިންނަށް ފުރުސަތުދީ ބާކީ ވީމާ ނޫނީ ދިވެހިންނަށް ފުރުސަތު ނުލިބޭ ފަދައެވެ.

ދިވެހި ފަންނުވެރިންވެސް އަންނަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ބިދޭސީ ފަންނުވެރިން ގެނައުމާ ދެކޮޅަށް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އިން ވަނީ ދާދި ފަހުން ކެމްޕެއިނެއް ފަށާފައެވެ.

އެ އެސޯސިއޭޝަނުން ބުނާ ގޮތުގައި މި ކެމްޕެއިން ފަށާފައިވަނީ ގަވާއިދާ ހިލާފަށް ބިދޭސީ ފަންނުވެރިން ރާއްޖޭގެ ރިސޯޓުތަކުގައި ކުޅެން ގެންނަ މައްސަލައަށް އަލިއަޅުވާލާ، އެކަމާ ގުޅިގެން އެޅެންއޮތް ގާނޫނީ ފިޔަވަޅުތައް އެޅުމުގެ ނިޔަތުގައި ކަމަށެވެ. 

އެ ޔޫނިއަނުން ބުނާ ގޮތުގައި، ދިވެހި ފަންނުވެރިންނަށް ފުރުސަތު ނުދީ ބޭރުގެ ފަންނުވެރިން ގެންނަ މައްސަލައަށް ހައްލެއް ހޯދުމަށް އެ ޔޫނިއަނުން މަސައްކަތްކުރާތާ ވަރަށް ދުވަސްވެއްޖެއެވެ.

އެތައް ފަހަރެއްގެ މަތިން، ކަމާ ގުޅުން ހުރި އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކޮށް، މިމައްސަލައާއި ގުޅޭގޮތުން އެތައް ލިޔެކިޔުމެއް ފޮނުވާފައިވާނެ ކަމަށާއި، މީސްމީޑިއާގެ އެހީގައި މި މައްސަލައަށް ހައްލު ލިބޭތޯ އެކި ފަހަރުމަތިން މަސައްކަތް ކުރެވިފައިވާ ކަމަށާއި، އަދި މަސައްކަތް ކުރަމުން އަންނަ ކަމަށް މި ޔޫނިއަނުން ބުނެއެވެ.

ނަމަވެސް މިހާތަނަށް މި މިއުޒިޝަންސް ޔޫނިއަން އިން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބު ވެފައިކަމަށް އެ ޔޫނިއަނުން ބުނެއެވެ.

ކޮންމެއަކަސް ރިސޯޓުތަކުން ބޭރުގެ ފަންނުވެރިން ގެނެސްގެން މި ކުރަނީ ކަނޑައެޅިގެން ރާއްޖޭގެ މިހާރުގެ ގާނޫނާ ހިލާފު ކަމެކެވެ. ކެނޑިނޭޅި ސޯޝަލް މީޑިއާގައި މިވާހަކަތައް ދެކެވެމުން އަންނައިރު، މިއީ ކަމާ ބެހޭ އިދާރާތަކަށް ނޭނގޭ ކަމެކޭ ބުނެވޭކަށް ނެތެވެ. ހާއްސަކޮށް މިއުޒިޝަންސް ޔޫނިއަން އިން މި ކަމާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކަށް އެތައް ލިޔެކިއުމެއް ފޮނުވާފައިވާ ކަމަށް ބުނާއިރުއެވެ.

ފަންނާނުންނަށް ހުރި ދަތިތައް ހައްލުކޮށްދޭނެ ކަމަށް ބުނެ އައި ސަރުކާރުގެ ވުޒާރާތައް މިއަދު މިފެންނަނީ ނިދާފައިވާތަނެވެ. ދިވެހި މިއުޒިޝަނުން ބަނޑަށްޖެހި ބޭރުގެ މިއުޒިޝަނުން ރާއްޖޭގައި ޕާފޯމް ކޮށްގެން މަހުޖަނުންނަށް ވަނީ އެވެ. ނަމަވެސް ސަރުކާރު އޮތީ ނިދާފައެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް