ads
ފޮޓޯ: ޑރ. ޖޭ މެލެފެޓް
އަނދިރީގައި ދިއްލޭ މިޔަރުތަކެއް ހޯދައިފި
ކަނޑުގެ ވަރަށް ފުން ހިސާބުތަކުގައި ދިރިއުޅޭ އަދި އަނދިރީގައި ދިއްލޭ މިޔަރުގެ ތިން ބާވަތެއް ހޯދާފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
Advertisement

މިޔަރުގެ އެ ބާވަތްތައް ހޯދާފައި ވަނީ ނިއުޒީލެންޑުގެ އިރުން އޮންނަ ޗަންތަމް ރައިޒް ނަމަކަށް ކިޔާ ކަނޑުގެ ވަރަށް ފުން ސަރަހައްދަކުން މިދިޔަ އަހަރުގެ ޖެނުއަރީގައި ކަމަށް ސައިންސްވެރިންގެ ދިރާސާގައި ވެއެވެ. 

އޭގެ ތެރޭގައި ހިމެނޭ ކައިޓްފިން މިޔަރަކީ މިހާތަނަށް ހޯދާފައިވާ އަނދިރީގައި ދިއްލީ ވޭޓިބްރޭޓް ދިރުންތަކުގެ ތެރެއިން އެންމެ ބޮޑު އެއްޗެވެ. އޭގެ ދިގުމިނުގައި 180 ސެންޓިމީޓަރު ނުވަތަ ފަސް ފޫޓާއި 11 އިންޗި ހުރެ އެވެ.

ކައިޓްފިން މިޔަރުގެ އިތުރުން ބްލެކްބެލީ ލެންޓަން މިޔަރާއި ސަދަން ލެންޓަން މިޔަރުގެ ހަށިގަނޑުން ވެސް އަނދިރީގައި ދިއްލުމަށް ބޭނުންވާ ބަޔޯލުމިނިސެންސް މާއްދާތައް ފެނިފައި ވެއެވެ.

މިޔަރުގެ އެ ތިން ބާވަތް މީގެ ކުރިން ވެސް މެރިން ބަޔޮލޮޖިސްޓުން ވަނީ ދެނެގަނެފަ އެވެ. އެކަމަކު އެ ތަކެތީގެ ހަށިގަނޑުގައި ބަޔޯލުމިނިސެންސް މާއްދާ ހިމެނޭކަން ކުރިން ހޯދިފައެއް ނުވެ އެވެ.

ކަނޑުގައި އުޅޭ ގިނަ ދިރުންތަކާއި ފަޔާފްލައި ފަދަ ބައެއް ސޫފާސޫތްޕަކީ ބަޔޯލުމިނިސެންސްގެ އެހީގައި އަނދިރީގައި އެ ތަކެތީގެ ހަށިގަނޑު ދިއްލުމުގެ ގާބިލްކަން ލިބިފައިވާ ދިރުންތަކެވެ. ނަމަވެސް މިއީ ބޮޑެތި މިޔަރުގެ ހަށިގަނޑުން ބަޔޯލުމިނިސެންސް ފެނުނު ފުރަތަމަ ފަހަރެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ މިޔަރުތަކުގެ ބަނޑުދަށް އަނދިރީގައި ދިއްލައިގެން ވާދަވެރި އެހެން ދިރުންތަކުގެ ކިބައިން ސަލާމަތްވުމަށް އެހީއަކަށް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.  

މިޔަރުތަކުގައި ބަޔޯލުމިނިސެންސް ބޭނުން ކުރަނީ އޭގެ ހަމުގެ ތެރޭގައިވާ އަލި އުފައްދާ ފޮޓޯފޯސް ސެލްތައް ބޭނުންކޮށްގެންނެވެ.

އެ ތިން މިޔަރު ވެސް ދިރިއުޅެނީ މެސޮޕެލަޖިކް ޒޯން ނުވަތަ ޓްވައިލައިޓް ޒޯން ނަމަކަށް ކުޔާ ކަނޑުގެ ފުން ހިސާބެއްގަ އެވެ. އެ ތަނުގެ ފުން މިނަކީ 200 މީޓަރާއި 1،000 މީޓަރާ ދެމެދެވެ. 

އެ މާހައުލުގައި މިޔަރުތައް ފިލަން ވަންނާނެ ތަނެއް ނުހުންނަ ކަމަށާއި އޭގެ ސަބަބުން އަމިއްލަ ރައްކާތެރިކަމަށް ބަޔޯލުމިނިސެންސް ބޭނުން ކުރަން ޖެހޭ ކަމަށް ދިރާސާ ހެދި މީހުން ބުނެފައި ވެއެވެ.

ބެލްޖިއަމްގެ ޔުނިވާސިޓީ ކެތޮލިކް ޑެ ލުވައިން އާއި ނިއުޒިލެންޑުގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ވޯޓާ އެންޑް އެޓްމޮސްފެރިކް ރިސާޗުގެ ސައިންސްވެރިން ހެދި އެ ދިރާސާގައި ވަނީ ކަނޑުގެ ދިރުންތަކަށް ބަޔޯލުމިނިސެންސް މުހިއްމުވާ ގިނަ ސަބަބުތައް ހިމަނާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް