ads
ލިންވުޑް މިސްކިތުގެ ކުޑަ ދޮރުތައް ތަޅާލާފައި-- ފޮޓޯ: ރޮއިޓާޒް
ނިއުޒީލެންޑުގެ ދެ މިސްކިތަށް ހަމަލާގެ އިންޒާރު ދިން ބަޔަކު ހައްޔަރުކޮށްފި
ނިއުޒީލެންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދޭނެ ކަމަށް އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އޮންލައިންކޮށް ދިން އިންޒާރުގައި ބުނެފައި ވަނީ މީގެ ދެ އަހަރު ކުރިން ހަމަލާ ދިން ދެ މިސްކިތަށް އަނެއްކާވެސް ހަމަލާ ދޭނެ ކަމަށެވެ. 

މާޗް 15، 2019 ގައި އެ ދެ މިސްކިތަށް ހަމަލާ ދިނުމާ ގުޅިގެން 51 މީހަކު މަރުވި އެވެ. އެ ހަމަލާ ދިނީ ދޮން ނަސްލުގެ ހަރުކަށި ފިކުރުގެ މީހެކެވެ. 

އެ ހާދިސާއަށް ދެ އަހަރު ފުރުމާ ދިމާކޮށް އަލުން ހަމަލާ ދޭން ކަމުގެ އިންޒާރު ދިނުމުން ދެ މީހަކު ހައްޔަރު ކުރި ނަމަވެސް އެ މީހުންނާ ދެކޮޅަށް އަދި ތަހުގީގެއް ނުފަށަ އެވެ.

އެހެން ނަމަވެސް ފުލުހުންގެ ސުވާލުތަކަށް އެމީހުން ޖަވާބުދެމުންދާ ކަމަށާއި މިހާތަނަށް ލިބުނު މައުލޫމާތުގެ ތަފްސީލް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން މުސްލިމުންގެ ކޮމިއުނިޓީއާ ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި ކޮންމެ އިންޒާރެއް ވެސް ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

މީގެ ދެ އަހަރު ކުރިން ލިންވުޑް އިސްލާމިކް ސެންޓަރާއި އަލް ނޫރު މިސްކިތަށް ހަމަލާ ދިނީ ބްރެންޓަން ޓެރަންޓް ނަމަކަށް ކިޔާ އޮސްޓްރޭލިއާގެ ފިރިހެނެކެވެ. 

ހުކުރު ނަމާދު ވަގުތު ބަޑިން ދިން އެ ހަމަލާއާ ގުޅިގެން 51 މީހަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވި އެވެ. މިދިޔަ އަހަރު ކޯޓުން ވަނީ އޭނާ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް