ads
މިޔަންމާގެ މުޒާހަރާގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖަޒް
މިޔަންމާ ބަގާވަތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި!
ފެބުރުއަރީ އެއް ވަނަ ދުވަހުން ފެށިގެން މިޔަންމާގައި އަސްކަރިއްޔާއިން ހިންގަމުން އަންނަ ބަގާވަތް ދިވެހި ސަރުކާރުން ރަސްމީކޮށް ކުށްވެރިކޮށްފިއެވެ.

މިޔަންމާގައި ކުރި ބަގާވާތަށްފަހު އިއުލާންކޮށްފައިވާ ކުއްލި ހާލަތު އުވާލުމަށް މިޔަންމާގެ އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން މިއަދު ވަނީ ގޮވާލާފައެވެ. 

މިކަމަށް ދިވެހި ސަރުކާރުން ގޮވާލާފައިވަނީ، މިޔަންމާގައި ކުރި ބަގާވާތް ކުށްވެރިކޮށް، މިޔަންމާގެ މަސްރަހާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައެވެ.

ދިވެހި ސަރުކާރުން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ބަގާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކުރުމާ ގުޅިގެން އެކަން ކުށްވެރިކުރުމުގައި ބައިނަލްއަގްވާމީ މުޖްތަމައާއި ދިވެހި ސަރުކާރު ބައިވެރިވާކަމަށެވެ. އަދި މިޔަންމާގެ އަސްކަރިއްޔާއިން އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ނޭއްގާނީ އަމަލުތަކާއި، އެކަމުގެ ސަބަބުން ކުށެއް ނެތް އާއްމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ. 

އަދި އިންސާނީ ހައްގުތަކުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ބަގާވާތަށްފަހު އިއުލާންކޮށްފައިވާ ކުއްލި ހާލަތު އުވާލުމަށް މިޔަންމާގެ އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ގޮވާލާފައިވެއެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، އަދި ވެރިކަމުގެ ބާރުތައް، އިންތިހާބުކޮށްފައިވާ ނޭޝަނަލް އެސެމްބްލީއަށް ދޫކޮށްލުމަށާއި، މިޔަންމާގެ ސިޔާސީ އަދި އިޖްތިމާއީ ހަމަޖެހުން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލާފައެވެ.

މީގެ އިތުރުން ގާނޫނާ ހިލާފަށް މިޔަންމާގެ މަދަނީ ސަރުކާރުގެ އޮފިޝަލުންނާއި ހަތިޔާރެއް ނެތި މުޒާހަރާކުރަމުން ދާ ފަރާތްތައް ހައްޔަރުކުރުން ހުއްޓާލުމަށާއި، މިޔަންމާގެ ޤާނޫނު އަސާސީއިން ކަނޑައަޅާފައިވާ ހައްޤުތައް ކަށަވަރުކޮށްދިނުމަށް މިޔަންމާ ސަރުކާރަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. 

މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން އޮތީ އެމީހުންނާ އެކުގައިކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ. 

މިދިޔަ މަހު މިޔަންމާގައި ހިންގި އަސްކަރީ ބަގާވާތާ ގުޅިގެން އެ ގައުމުގެ ރައްޔިތުން މެދުކެނޑުމެއް ނެތި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން އިއްޔެ އެކަނިވެސް ވަނީ 38 މީހުން މަރުވެފައެވެ. އިއްޔެގެ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އދ. އިން ބުނެފައި ވަނީ އެއީ މިހާތަނަށް އެންމެ ބޮޑު ލޭ އޮހޮރުވުމެއް ފެނިގެން ދިޔަ ދުވަސް ކަމަށެވެ.  

ބީބީސީގައިވާ ގޮތުން މަންޒަރު ދުށް ފަރާތްތަކުން ވަނީ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ރަބަރު އަދި ލައިވް ބުލެޓުން ހަމަލާ ދިން ކަމަށް ބުނެފައި އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަގާވާތްކޮށް ވެރިކަމުގެ ބާރުތައް އަތުލާފައި ވަނީ ފެބްރުއަރީ 1 ގަ އެވެ. އޭގެ ފަހުން އެ ގައުމުގައި އަންނަނީ ބޮޑު މުޒާހަރާތަކާއި މަދަނީ ބަސްނޭހުންތައް ހިންގަމުންނެވެ.

މުޒާހަރާ ކުރާ މީހުން ގޮވަމުން ދަނީ އަސްކަރީ ވެރިކަން ނިންމުމަށާއި އިންތިހާބީ ލީޑަރު އަންގް ސަން ސޫ ކީ އާއި އެހެން އިސްވެރިން މިނިވަން ކުރުމަށެވެ. މިޔަންމާގެ ބަގާވާތާއި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ބައިނަލްއަގްވާމީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އަސްކަރިއްޔާއިން ފާޑުކިޔުންތަކަށް ދީފައި ވަނީ ބީރު ކަންފަތެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް