ޑްރައިވިން ސްކޫލްތަކުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި އިހުތިޖާޖު ކުރަމުންދިޔަ ވީޑިއޯއެއް ހިއްސާކޮށް ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާފައިވަނީ ކޮވިޑްގެ ނަމުގައި ރައްޔިތުންގެ އަސާސީ އެތައް ހައްގެއް ނިގުޅައިގެންފައިވާތީ ކަމަށެވެ.
ހައްގުތައް ހޯދަން ރައްޔިތުން ވުޒާރާތަކުގެ އެތެރޭގައި އިހުތިޖާޖުކުރަން މަޖުބޫރުވެފައިވާކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ ލައިސަންސް ނެތި އުޅަނދު ދުއްވުމުން ޒުވާނުން ކުށްވެރިވާ ކަމަށާއި އެކަމަކު ލައިސަންސް ނެނގޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
މިއަދު ހެނދުނު ޑްރައިވިން ސްކޫލުތަން ޓްރާންސްޕޯޓް އޮތޯރިޓީ ތެރޭގައި އިހުތިޖާޖުކޮށް ކަންބޮޑުވުން ފާޅުކުރީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޑްރައިވިން ސްކޫލްތަކުގެ ހިންގުން ވަގުތީގޮތުން ހުއްޓުމަކަށް ގެނެސްފައި އޮތުމުންނެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ޖަޒްލާން ވިދާޅުވީ، އިހުތިޖާޖުގެ ބައިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް މިހާރު އެފަރާތްތަކާއި އެކު ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
ޖަޒްލާން ވިދާޅުވީ، އިހުތިޖާޖުގެ ބައިވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ޑްރައިވިން ސްކޫލްތަކުގެ ހިންގުން ވަގުތީގޮތުން ހުއްޓުމަކަށް ގެނެވިފައި އޮތުމުން އެކަމަށް ހައްލެއް ގެނައުން ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަލުން ޑްރައިވިން ސްކޫލްތައް ހިންގަން އަލުން ފެށޭނެގެ ގޮތެއް ހެދުމަށް މަޝްވަރާކުރި ކަމަށްވެސް ޖަޒްލާން ވިދާޅުވިއެވެ.