ދަރިވަރުންގެ ޔޫނިއަންގެ ދަރިވަރަކަށް ޔޫނިއަން އޮފީސް ތެރޭގައި ހަނގާކުރާ މަންޒަރު ސިފަވާ ގޮތަށް ފެންނަމުންދާ މި ފޮޓޯގެ ސަބަބުން ޔޫނިއަންގެ މައްސޫލިއްޔަތާއި މެދު އަންނަނީ ސުވާލު އުފެދެމުންނެވެ. ދަރިވަރުންގެ އެންމެހާ ހައްގުތައް ރައްކާތެރިކުރުމާއި، މަސްލަހަތު ކުރިއެރުވުމާއި، އުހްވަތްތެރިކަމާއި ވަފާތެރިކަމުގެ ރޫޙް އާލާކުރުމާއި، ޔުނިވާސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް އެހީތެރިވުމަށް ހެދިފައިމިވާ ޔޫނިއަންއެއްގައި މިފަދަ ލާއިންސާނީ އަމަލެއް ހިނގުމުން ޔޫނިއަންގެ މަގުސަދާއި މެދު މިހާރު އަންނަނީ ސުވާލު އުފެދެމުންނެވެ.
މިކަމާއި ބެހޭ ގޮތުން އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަބްދުﷲ ޝަހުނީޒް ވިދާޅުއްވެވީ އެއީ އެއްވެސް އަސާސެއް ނެތް، ޔޫނިއަންގެ އަދި ޔުނިވާސިޓީގެ އަގު ވައްޓާލުމަށްޓަކާއި މީސްމީޑިއާގައި ދައުރު ކުރަމުންދާ ފޮޓޯއެއްކަމަށެވެ. އަދި އެއީ 2019 ވަނަ އަހަރު ބޭއްވުނު ހަރަކާތަކަށް ފަހު ހިނގާފައިވާ ކަމެއްކަމަށެވެ.
މިފަދަ ތަފާތު ހަނގާ ކުރުމުގެ ހާދިސާ ނުވަތަ ބުލީ ކުރުން އެއީ ޔޫނިއަންގައި އާއްމު ކަމެއްކަމަށާއި މިނޫންވެސް ތަފާތު ގޯނާ ތަކަކާއި ދަރިވަރުންނަށް ކުރިމަތިލާން ޖެހުމުގެ ސަބަބުން ގިނަ ދަރިވަރުންތަކެއް މިހާރު ޔޫނިއަންގެ ހަރަކާތްތަކާއި ދުރުވެފައިވާކަން ސީ.އެން.އެމް އަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެމް.އެން.ޔޫގެ ދަރިވަރުންގެ ޑީން ވިދާޅުވި ގޮތުގައި އެއީ 2019 ވަނަ އަހަރު ހިނގާފައިވާ ކަމެއްކަމަށާއި، އެއަށް ފަހު، ވަރަށް ހަރުކަށިކޮށް ކުދިން އުޅޭނޫޅޭ ގޮތް ބަލަމުންދާކަމަށާއި ރަނގަޅު އަހުލާގަކީ ދިރިއުޅުމުގައި ވެސް ވަރަށް މުހިއްމު އެއްޗެއްކަމަށް އަދި އަހުލާގު ރަނގަޅު ކުދިބައެއް މުޖުތަމުއަށް ނެރުން އެއީ އެމް.އެން.ޔޫގެ މަގުސަދެއް ކަމަށް ވަނީ ވިދާޅުވެފައެވެ.