ads
މިނިސްޓަރު މަލީހް--
ސްލޫކީ ކޮމެޓީއަށް ހާޒިރު ކުރުން: "ޑަރް" ވެސް ހިތަށް ނާރާ!
ސްލޫކީ ކޮމެޓީއަށް ނޫނީ މަޖިލީހަށް އަނެއްކާ ހާޒިރުކުރިޔަސް، ދާން ހުރީ ތައްޔާރަށް ކަމަށާއި، ކުޑަކޮށްވެސް ޖެހިލުން ނުވާކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީއަށް މަލީހް ހާޒިކުރަން ނިންމީ، ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބިރުދައްކަވާ ކަމަށް ތުހުމަތު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވާ މައްސަލާގައެވެ. މަލީހު ވަނީ، މިނިސްޓަރުކަމުން އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ވޯޓު ނެގި ދުވަހު ޖަވާބުދާރީވާން ދެއްވި ފުރުސަތުގައި، މެމްބަރުން ވަޒީރުންނައް ބިރުދައްކަވާކަމަށް ތުހުމަތު ކުރައްވާފައެވެ. 

އެކަމަށް އިޝާރާތްކުރައްވާ މަލީހް ވިދާޅުވީ، ކޮމެޓީއަށް އަދި އަލުން މަޖިލީހަށް ހާޒިރުކުރިޔަސް ދާން ހުރީ ތައްޔާރަށް ކަމަށާއި ތައްޔާރުވެގެންދާން ބޭނުންވާނީ އެންމެ ފަސް މިނެޓް ކަމަށެވެ. މަލީހް ވަނީ އެމަނިކުފާނު ބިރު ނުގަންނަ ކަމަށާއި އަދި ބިރު ނުދެއްކޭނެ ކަމަށްވެސް ވިދާޅުވެފައެވެ. 

"ތިބޭފުޅުންނަށް ބިރުދެއްކޭނީ އެހެން މީހުންނަށް. އަޅުގަނޑު ކުޑަކޮށްވެސް ޖެހިލުމެއް ނުވޭ. " ޑަރް" ވެސް ހިތަށް ނާރާ" މަލީހް ވިދާޅުވިއެވެ.

މަލީހު ކޮމިޓީއަށް ހާޒިރުކުރަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫންއެވެ. އެގޮތުން މަލީހު ކޮމިޓީއަށް ހާޒިރުކުރަން ނިންމި ނަމަވެސް އަދި ވަކި ދުވަހެއް ކަނޑައަޅާފައެއް ނުވެއެވެ. 

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް އެމަނިކުފާނު މަގާމުން ދުރުކުރެވިފައިވަނީ މިމަހުގެ ދެވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެގޮތުން މަލީހުގެ އިތުބާރު ނެތްކަމަށް ނެގުނު ވޯޓުގައި، ފެންނަކަމަށް 59 މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަކަމަށް ވޯޓިދެއްވީ އެންމެ މެމްބަރެކެވެ. ހަތަރު މެންބަރަކު ހާޒިރެއް ނުވެއެވެ. 

އެ ޖަލްސާގައި ވަނީ މަލީހަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދީފަ އެވެ. އެ ފުރުސަތުގައި މަލީހު ވިދާޅުވެފައިވަނީ، "ހަކުރާގޭ ފެންޑާގައި އެކޮޅު ކޮޅުން އެލުވިކަމުގައިވިޔަސް ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން" ހިފާނެ ކަމަށެވެ. އަދި މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ "ޒާތީ" ކަމެއްގެ ގޮތުގައި ކަމަށާއި މަޖިލީހުން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކަމުންދާކަަމަށެވެ. 

މަޖިލީހުން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކާކަމުގެ ތުހުމަތުތައް މަލީހް ކުރެއްވުމާއި ގުޅިގެން މެންބަރުންވަނީ ނިޒާމީ ނުކުތާ ނަންގަވާ އެކަމެއް ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަންފައެވެ. 

އަދި މަލީހު ޒިންމާއަދާނުކުރައްވާ ކަމަށާއި ގަވާއިދުތަށް ހަދަން ދިން މުއްދަތުގައި ގަވާއިދުތަށް ވެސް ނުހަައްދަވައި އެ މަސައްކަތް ކުރައްވަން އުޅުއްވި މިނިސްޓްރީގެ މުވައްޒަފުންނަށްވެސް ބިރުދައްކަވާފައިވާކަމަށް ބައެއް މެންބަރުން ތުހުމަތުކުރެއްވިއެވެ. 

މަލީހުގެ މައްޗަށް މަޖިލީހުން ކުރެއްވި ތުހުމުތުތަށް ދޮގުކޮށް ގަވާއިދުތަށް ހަދާފައިވާނެ ކަމަށް ވިދާޅުވާތީ މެންބަރުން ވަނީ މަލީހު އިތުރުފުޅު ހައްދަވާކަމަށާއި އެ ގަވާއިދުތަށް ހެދި ތާރީހެއް އެގެން ބޭނުންވާކަމަށް ވިދާޅުވެފައެވެ. 

އެކަމާއި ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދުވަނީ މަލީހު އިތުރުފުޅު ހައްދަވާފައިވާނަަމަ އެ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ފޮނުވާނެކަމަށާއި އެގޮތަށް ވާހަކަދައްކާފައިވާނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެެރަލްގެ އޮފީހަށް ފޮނުވާނެ ކަަމަށްވެސް ވިދާޅުވެފައެވެ.

ޖުމްލަ 14 މެމްބަރުންގެ ސޮއާއިއެކު އެ މައްސަލަ މަޖިލީހަށް ވެއްދީ، ސުޕަ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް އެވެ.  

ކޮމިއުނިކޭޝަން މިނިސްޓަރުކަމުން މަލީހު ދުރުކުރުމަށް ހާޒިރުކުރެވުނު ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބިރުދައްކާފައިވާކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް