ads
ވީޑިއޯ ރިޕޯޓް-
ފްލޯޓިންގް ސިޓީގެ ވާހަކަ؛ ރައްޔިތުންނަށް ކަމަކު ނުދިޔަ!
ހޮލެންޑު ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލޭންޑް ކުންފުންޏާއެކު މޯލްޑިވްސް ފްލޯޓިންގް ސިޓީ ޕްރޮޖެކްޓުގެ މަސައްކަތަށް ދެވަނަ ފަހަރަށް ހެދި އެއްބަސްވުމުގެ ދަށުން އެ ޕްރޮޖެކްޓު ލޯންޗު ކޮށްފައިވަނީ އާދިއްތަ ދުވަހު އެވެ. މިއާއެކު އާންމުންގެ ގިނަ ބަޔަކު އަންނަނީ މި ކަމަށް ފާޑު ކިޔަމުންނެވެ.

ފްލޯޓިންގް ސިޓީއެއް ރާއްޖޭގައި އަޅާ ވާހަކައަކީ އަލަށް އިވިގެން އުޅޭ ވާހަކައެއް ނޫނެވެ. މިއީ މީގެ ކުރިންވެސް މި ޕްރޮޖެކްޓުގެ ވާހަކަ ދައްކާ، މި ޕްރޮޖެކްޓާއިގެން ކުރިއަށް ދިއުމަށް އެއްބަސްވުމެއްގައި ސޮއި ކުރި ޕްރޮޖެކްޓެކެވެ. 

މި ޕްރޮޖެކްޓު ފުރަތަމަ ލޯންޗުކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ. ނަމަވެސް ޕަރޮޖެކްޓު ލޯންޗު ކުރި ފަހުން މި ޕްރޮޖެކްޓާއި ގުޅިގެން މާގިނަ މައުލޫމާތެއް އޭރު އާންމު ކޮށްފައެއް ނުވެއެވެ. އަދި ފަހުން ޕްރޮޖެކްޓަށްވީގޮތެއްވެސް މިއަދާ ހަމައަށް އެނގިފައެއް ނެތެވެ. 

ދެވަނަ ފަހަރަށް މި ޕްރޮޖެކްޓު ލޯންޗު ކުރީ އާދިއްތަ ދުވަހުއެވެ. އެއާއެކު މުޅި ސޯޝަލް މީޑިއާ ކެކިއެރީ މި ޕްރޮޖެކްޓާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ހިޔާލުތަކާއެކު އެވެ.

މި ޕްރޮޖެކްޓުގެ ދަށުން 200 ހެކްޓަރުގެ ފަޅެއްގައި ފެނުމަތީގައި ހުންނަ ގޮތަށް ގެތައް ފަރުމާކޮށް ބަހައްޓާނެ ކަމަށް ސަރުކާރުން ބުނަމުން އަންނަ އިރު، ރައްޔިތުންގެ ބޮޑު ސުވާލަކަށް ވެފައިވަނީ، ދިވެހިން ބޯހިޔާވަހިކަމަށް ޖެހިފައިވާ މި ދަނޑިވަޅުގައި މި ފްލޯޓިން ސިޓީގައި އަޅާ ގެތަކީ މުއްސަނދިންނަށް އަޅާއިދޭ ގެތަކެއް ތޯއެވެ. 

ފްލޯޓިން ސިޓީގައި ދިރިއުޅޭނެ ބަޔަކާއި، އެމީހުނަށް އެ ގެތައް ލިބޭނެ ގޮތެއް ޕާލިމަންޓުން މަޝްވަރާ ކުރޭތޯ އަދި އެކަމާއި ގޮތް ނިންމަނީ ކިހިނެތްތޯ މިއީ ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2011 ވަނަ އަހަރު މި ޕްރޮޖެކްޓު ފުރަތަމަ ލޯންޗު ކުރެވުމާއެކު، ޑަޗް ޑޮކްލޭންޑްއަށް އެެއްވެސް ލީސް އެކިއުޒިޝަން ފީ އެއް ނެތި ފަސް ފަޅެއް ދީފައިވާ ކަމަށެވެ. އަދި ޑަޗް ޑޮކްލޭންޑް އަށް ސަރުކާރުން 100 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު މި ފަސް ފަޅު މުޅިން ހިލޭ ދީފައިވާއިރު، ފާއިތުވި 10 އަހަރު ތެރޭ އޭގެން އެންމެ ފަޅެއް ތަރައްގީ ކުރުމަށް އެ ކުންފުނި ނުކުޅެދިފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ. 

ދެން އޮތީ ބޮޑު ވާހަކަ އެވެ. ޑަޗް ޑޮކްލޭންޑް ކުންފުނީގެ ވާހަކަ އެވެ. ސޯޝަލް މީޑިއާ އިން ގިނައިން ފެނިގެން ދިޔައީ މި ކުންފުނީގެ އަސްލެއް، ނުވަތަ ކުންފުނީގެ ކުރީގެ މަސައްކަތެއްގެ ހަގީގަތެއް ފެނޭތޯ މަސައްކަތް ކުރި މީހުންނެވެ. އަދި މި ކުންފުންޏަށް މި ޕްރޮޖެކްޓު ދެވަނަ ފަހަރަށް ދިނުމަކީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށް ބުނެ ބައެއް މީހުން ހިޔާލުފާޅުކޮށްފައި ވެއެވެ.

މިކަމުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަ ހުއްޓެވެ. ގައިމުވެސް ސަރުކާރުގެ ހަޒާނާގެ ތެރޭގައި ހިމެނޭ، ރައްޔިތުންގެ މުދަލެއް ކަމަށްވާ ރާއްޖޭގެ ތަރަހައިގެ ތެރޭގައި ހިމެނޭ ފަޅެއް ބަޔަކަށް އެތައް އަހަރެއް ވަންދެން ހިލޭ ދީފައި ބޭއްވުމީ ކަންބޮޑުވާ ކަމެކެވެ. އެފައިސާ އަނބުރާ ލިބޭނެ ގޮތެއް، މި ޕްރޮޖެކްޓަށް ފައިނޭންސް ކުރާނެ ގޮތެއް، މިއީ ހުސް ސާފު ނުވާ ކަންކަމެވެ.

ކުޑަ މިނުން މި ޕްރޮޖެކްޓަކީ ރާއްޖޭގެ މުއްސަނދިންނަށް އަމާޒުކޮށް ހިންގާ ޕްރޮޖެކްޓެއް ކަމެއްް، ނުވަތަ ފަތުރުވެރިންނަށް އަމާޒުކޮށް ހިންގާ ޕްރޮޖެކްޓެއް ކަމެއް، ނުވަތަ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހިންގާ ޕްރޮޖެކްޓެއްކަން މިހާނަތަށް ސާފުވެފައެއް ނެތެވެ.

މިފަދަ ބޮޑު މަޝްރޫއެއްގެ މަސައްކަތް ފަށައިގަތުމަށް ޕްރޮޖެކްޓު ލޯންޗު ކުރި އިރު، ބޯހިޔާވަހިކަމުގެ މައްސަލައަށް ރާއްޖޭގައި ހައްލެއް ނުލިބި، ބިކަހާލުގައި ޖެހިފައިވާ އެތައް ދިވެހިންނެއް އެބަ ތިއްބެވެ. ހުސް ހައްލު ނުލިބޭ ކަންކަމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް