ސަނީފް މިހެން ވިދާޅުވެފައި މިވަނީ އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ބިން ކާމިޔާބުކުރި ފަރާތްތަކަށް އެކަމުތގެ ލިޔުން ހަވާލުކުރަން ފޭދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ ރާއްޖޭގެ އެހެން ޑޮމެސްޓިކް އެއާޕޯޓްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައި އޮތުމަކީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން އައްޑޫގެ ޓޫރިޒަމް އިޝްތިހާރުކުރާނީ ފުވައްމުލަކާއި ހުވަދޫ އަތޮޅު ވެސް ހިމެނޭ ގޮތަށް ކަމަށާއި އޭރުން ދެކުނު ވެގެންދާނީ ރާއްޖޭގެ އެންމެ މަގްބޫލު އެއް މަންޒިލަށް ކަމަށް ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ސަނީފް، އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިނިސްޓަރު އެހެން ކަމެއްގައި އުޅުއްވުމަށާއި ހުވަދޫއާ ގުޅިގެން އެގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފަ އެވެ. އަދި ގުރުބާންކުރަން ހުވަދޫއަކީ ކަންބަޅިއެއް ނޫންކަމަށާއި ހުވަދޫ ރައްޔިތުން ތިބީ އެގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ސަނީފަށް ވަނީ ވަސީލަތްތައް ހުރީ ހުވަދޫގައި ނަމަވެސް އެ އަތޮޅަށް ތަރައްގީ ލިބެމުންނުދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ދެެއްކެވި ވާހަކަތަކަކާ ގުޅިގެން އައްޑޫގެ ރައްޔިތުންގެ ފާޑުކިޔުމާއި ކުރިމަތިލާން ޖެހިފަ އެވެ.
މަޖިލީހުގައި ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ސަނީފް ވަނީ ތަރައްގީ ގެންނަން ޖެހޭނީ އާބާދީ އާއި އިގްތިސޯދު ވެސް އޮތް ތަނަކަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހުވަދޫއަކީ އާބާދީ ބޮޑު އަދި ވަސީލަތް ވެސް އޮތްތަނެއްކަން ފާހަގަކުރެއްވި އެވެ.
އެގޮތުން މިސާލެއްގެ ގޮތުގައި ސަނީފް ނަންނަގަވާފައި ވަނީ އިނގިރޭސީން އެމީހުންގެ ހަނގުރާމައަށް ހެދި އައްޑޫ އެއާޕޯޓެވެ. އެގޮތުން އެތަން ކިތަންމެ ވަރަކަށް ތަރައްގީކުރަން އުޅުނަސް ނުވާނެ ކަމަށް ވިދާޅުވުމުން އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
އޭގެ އިތުރުން އޮޅުވާލައިގެން ތަރައްގީ ކުރުމުގެ ބަދަލުގައި ގުޅިގެން ތަރައްގީގެ މަޝްވަރަތާއް ފަށާއި އެކުގައި ތަަރައްގީގެ މަސައްކަތް ފެށުން މުހިއްމުކަމަށް އޭރު ވެސް ވިދާޅުވެފައިވެ އެވެ.