ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މަހްޒޫމާއި ޝިމަނަށް ކުރަނީ ސިޔާސީ ދައުވާއެއްކަމަށް
މަހުޒޫމް އާއި ޝިމަން އަށް ދައުވާކުރުން ކުށްވެރިކޮށްފި
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދަން ގޮވާލައި، ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އައިޝަތު ޝިމަން އާއި އަބްދުﷲ މަހްޒޫމް މާޖިދުގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކަން ކުށްވެރި ކުރައްވައިފި އެވެ.
Advertisement

ޒުވާނުންގެ މުޒާހަރާގެ ތެރެއިން މަހުޒޫމް އާއި ޝިމަން ހައްޔަރުކޮށް ތިން ދުވަހަށް ބަންދުވެސް ކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ ދެ ޒުވާނުން ދޫކޮށްލާފަ އެވެ.

ޕީޖީ އޮފީހުން ބުނީ މަހުޒޫމްގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ކުރުމުގެ ދައުވާ ކަމަށާއި މި ދައުވާ އުފުލާފައިވަނީ މަހްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފައިވާތީ ކަމަށެވެ. އަދި ޝިމަންގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މަހުޒޫމް އާއި ޝިމަން އަށް ދައުވާ ކުރުން ކުށްވެރިކުރާ ކަމަށާއި އެ ޒުވާނުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިހްތިޖާޖުކުރުމުގެ ހައްޤު ބޭނުންކުރުމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ނާއިންސާފުން ވައްދާލުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"ސިޔާސީ ބޭނުމަށް ދޮގު ޝަރީއަތްތައް ހިންގުން ތަކުރާރުވަމުންދާތަން ފެނުމަކީ ހިތާމަހުރި ކަމެއް ކަމަށާއި މިއީ ޒުވާނުންގެ ހިތްހަމަނުޖެހުންތައް ފާޅުކުރުން ހުއްޓުވަން ސަރުކާރުން ކުރާ ދެރަވަރު މަސައްކަތެއް" ފައްޔާޒު ވިދާޅުވި އެވެ.

އެ މުޒާހަރާތަކާ ގުޅިގެން މަހްޒޫމާއި ޝިމަންއަށް ދައުވާކުރަން ނިންމި މައްސަލާގައި ގިނަ ބަޔަކު ފާޑުކިޔަމުންދަނިކޮށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވީ އެ ދެމީހުންނަށް ވެސް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ކުރިން ދިން ކަމަށާއި އަދި އެ ފުރުސަތު މިހާރު ވެސް އެބަ އޮތް ކަމަށެވެ.

އެކަމަކު ދެ މީހުން ވެސް އެ ހުށަހެޅުމަށް އިންކާރުކޮށްފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ. ނަސޭހަތުގެ އެއްބަސްވުމަކީ އިތުރު ކުށެއް ނުކުރަން ޝަރުތު ކުރުމަށް ފަހު ދައުވާ ނުކޮށް ދޫކޮށްލަން ހަދާ އެއްބަސްވުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް