ads
ރައީސް ސޯލިހުގެ ދެކަނބަލުން --
ރައީސް ސޯލިހް ބަންގްލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބަންގްލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގަތަރަށާއި ބަންގުލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިސަލުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ދެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގަތަރަށެވެ. ރައީސުލްޖުމްހޫރިއްޔާ ގަތަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އެންމެބޮޑު ބޭނުމަކަށް ވެގެން ގޮސްފައިވަނީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީ ގުޅުން މި ސަރުކާރުގައި އަލުން ގާއިމުކުރުމާއި، ދެގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަސްވަރާކުރުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީ އާއި ބައްދަލުކުރައްވައި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަސްވަރާކުރައްވާފައެވެ.

ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންނެވީ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށެވެ. މި ފުރަމާނަ ދަތުރުފުޅުގައި ބަންގްލަދޭޝްއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެގައުމުގެ ފުރަތަމަ ރައީސް އަދި މިނިވަންކަމުގެ ބާނީ ބަންގަބަންދު ޝެއިހް މުޖީބުއްރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ހާއްސަ ރަސްމިއްޔާތު ސަރަފުވެރިކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ގައުމުގެ މިނިވަންކަމުގެ ބާނީ ޝެއިހް މުޖީބުއް ރަހްމާނަކީ މިޒަމާނުގެ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާއި ގާތުން ގިނަގުނަ މަސައްކަތެތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއްކަން ފާހަގަކުރައްވާފައެވެ. އަދި އެއީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށާއި އެ މަނިކުފާނުގެ ހިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ހާސިލްކުރެވޭނެ މުހިންމު ފިލާވަޅުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެގައުމުގެ ނޭސަނަލް މާޓިއަޒް މެމޯރިއަލް އަދި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ޒިޔާރަތްކުރައްވާފައެވެ. ނޭސަނަލް މާޓިއަޒް މެމޯރިއަލްއަކީ ބަންގްލަދޭޝްއަށް މިނިވަންކަން ލިބިދިން އެގައުމުގެ މިނިވަންކަމަށްޓަކައި 1971 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި ގާއިމްކޮށްފައިވާ މަގުބަރާއެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަރުގަދަކޮށް، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ތާރީހީ އަދި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުންވެސް މަސްވަރާ ކުރެއްވިއެވެ.

އަދި މި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބުދުﷲ ޝާހިދާއި، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ. ކޭ. އަބްދުލް މޮމެން، ވަނީ ޑާކާގެ ހޮޓެލް އިންޓަރކޮންޓިނެންޓަލް ގައި ބެއްވި ރަސްމިއްޔާތެއްގައި ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުން އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ސަރުކާރުގެ އިސް އޮފިސަލުންގެ ވަފުދުގެ ބޭފުޅުން ބަންގުލަދޭޝްއިން ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް