ads
....
ދެރަވުމާއި ޑިޕްރެޝަން އާއި ހުރި ތަފާތު އިނގޭތަ؟
ދިރިއުޅުމުގައި ދިމާވާ ކަންކަމާއި ވިސްނައި، އެކަންކަމުގެ ސަބަބުން ބޯހާސްވެ ޑިޕްރެޝަން ތަހައްމަލް ކުރަމުންދާ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. އެކަމަކު ގިނަ ފަހަރު އޭގެތެރެއިން ގިނަ މީހުންގެ ވާހަކަތައް އަޑުއަހާ މީހުން ވަރަށް މަދެވެ. ގިނަ ފަހަރަށް ތިޔައީ އަދި ޑިޕްރެޝަން އެއް ނޫނޭ، ނުވަތަ ތިޔައީ ހަމަ ކަމަކާ ދެރަވެ މާޔޫސްވެލުމޭ ބުނުމަށް ފަހު އަޅާނުލާ ދޫކޮށްލެވެނީ އެވެ. އެހެން މެދުވެރިވަނީ ގިނަ ފަހަރު، އަހަރެމެންނަށް، ދެރަވުމާއި ޑިޕްރެޝަން އާއި ހުރި ތަފާތުތައް ރަނގަޅަށް ނޭންގޭތީ އެވެ.
Advertisement

ހަގީގަތުގައިވެސް ދެރަވުމާއި ޑިޕްރެޝަން އަކީ ވަރަށް ތަފާތު ދެ އެއްޗެކެވެ. ކުރުކޮށް ބުނާ ނަމަ، ދެރަ ވުމަކީ ތިމާ ހިތްނޭދޭ ކަމެއް ދިމާވުމުން އެކަމާ މާޔޫސްވެ ކުރެވޭ އިހުސާސެކެވެ. ނަމަވެސް ޑިޕްރެޝަނަކީ ތިމާ ހިތް ނޭދޭ ކަމަކާ މާބޮޑަށް ވިސްނި ނަފްސާނީގޮތުން ދިމާވާ ބައްޔެކެވެ. 

ދެރަވުމަކީ އިހުސާސެއް ކަމުގައި ވިޔަސް، އެއީވެސް ހަމަ ޑިޕްރެޝަން ފަދައިން ދިގު މުއްދަތަކަށް ކުރެވޭ އިހުސާސަކަށް ވެދާނެއެވެ. ނުވަތަ އާންމުކޮށް ވަރަށް އަވަހަށް އެކަން ހިތުން ފިލައިގެން ދެއެވެ. ކަމަކާ ދެރަ ވުމާއި ޑިޕްރެޝަން ހުރުމުގެ ތަފާތު އެނގުން މުހިންމީ މި ސަބަބާ ހުރެއެވެ. 

ދިރިއުޅުމުގައި ދިމާވާ ހިތް ނޭދޭ ކަމެއް ދިމާވުމަށް ފަހު، ޑިޕްރެޝަން ހުންނަ މީހާގެ ފަރާތުން، ކަމެއް ކުރާހިތް ނެތި މަޑުމޮޅި ވެފައި ހުރުމާއި، ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަމަށް ސަމާލުކަން ނުދެވުން ފަދަ އަލަމާމާތްތައް އާންމުކޮށް މަދުވެގެން ދެހަފްތާގެ މުއްދަތަކަށް ފެންނާނެއެވެ. 

މީގެއިތުރުން ޑިޕްރެޝަން ހުންނަ މީހާގެ ފަރާތުން އާންމުކޮށް ފެންނާނެ ބައެއް އަލާމާތް ތަކުގެ ތެރޭގައި، ނިދުމާއި ކެއުމަށް އަސަރު ކުރުން ހިމެނެއެވެ. އެގޮތުން އެއްބައި މީހުންނަށް ފިކުރު ބޮޑުވެ ނިދި މަދުވާ ހާލަތްތައް ދިމާވެއެވެ. އަނެއްބައި މީހުންނަށް ގައި ވަރުދެރަވެ މާ ގިނައިން ނިދޭ ހާލަތްތައްވެސް ދިމާވެއެވެ. 

މީގެ އިތުރުން ޑިޕްރެޝަން ހުންނަ މީހާއަށް ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލުކޮށް ހެދުމުގައި ވަރަށް ބޮޑަށް އުނދަގޫ ވާނެއެވެ. ހަމަ އެގޮތަށް އާންމު ދިރިއުޅުމުގައި ކޮށް އުޅޭ ގިނަ ކަންކަން ކުރާ ހިތް ނުވުމާއި، އެކަންކަމަށް ދެވޭ ސަމާލުކަން ވަރަށް ބޮޑަށް ކުޑަވާނެއެވެ. 

މިފަދަ އަލާމާތްތައް ދިމާވުމާއެކު، މަސައްކަތުގެ މާހައުލުގަ އާއި އާންމު ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންކަމަށް ޑީލް ކުރަން ނޭންގި، ގިނަގިނައިން ވަކި ސަބަބެއް ނޭންގި ހިތް ނުތަނަވަސްވެ ރޮވޭގޮތް ވާނަމަ ވަރަށް އަވަހަށް ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް