މުޒާހަރާގެ ބައިވެރިއަކު ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ މިއަދުގެ މުޒާހަރާގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވާ ކަމަށެވެ. އަދި އެމީހުން މުޒާހަރާ ކުރަން ފެށީ 4:30 ގައި ޕްލިސް ސްޓޭޝަން ކުރިމަތިން ކަމަށް ބުނެ އެވެ.
އެމީހުން ގޮވާލަމުން ދަނީ ރޭޕްކުރި މީހުން ހައްޔަރުކުރުމަށާއި މިމަހު 24 ވަނަ ދުވަހުގެ ރޭގައި ރ. މަޑުއްވަރީގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން އެރަށުން ހައްޔަރުކުރި 10 މީހަކު ދޫކޮށްލުމަށެވެ.
ސީއެންއެމްއަށް ލިބިފައިވާ ބައެއް ފޮޓޯތަކަށް ބަލާއިރު ޕޮލިސް ސްޓޭޝަންގެ ދޮރުމަތީގައި ފުލުހުން ތިބިއިރު އެ މުޒާހަރާ ހުއްޓުވަން ފުލުހުން އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެ އެވެ.
އެރަށުން ވާހަކަ ދެއްކި މީހާ ވެސް ބުނީ މިއަދުގެ މުޒާހަރާ ހުއްޓުވަން ފުލުހުން މަސައްކަތް ނުކުރާ ކަމަށެވެ. އެމީހާ ބުނި ގޮތުގައި ކުއްޖާ ރޭޕްކުރި މީހުންނަކީ ކޮންބައެއްކަން އެކުއްޖާ ކިޔައިދީފައިވާއިރު ވެސް މީހަކު ހައްޔަރު ނުކުރުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.
އަދި އެ ކުއްޖާ ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވޭ ފުލުސް މީހާ މިހާރު ރަށުގައި ނެތް ކަމަށާއި ނަމަވެސް އެ ޓީޗަރު ހުރީ ރަށުގައި ކަމަށް އޭނާ ބުންޏެވެ.
ކުއްޖަކު ރޭޕްކުރި ކަމަށް ބުނެ އެކަމުގައި ޝާމިލުވާ މީހުން ހައްޔަރުކުރުމަށް ގޮވާލާއި، މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ބަޔަކު ވަނީ އެރަށުގެ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ، އަޑު އުފުލާފަ އެވެ.
އެކަމުގެ ތެރެއިން އާންމު ރައްޔިތުނާއި ފުލުހުންނާއި ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ. އަދި އެއްވުމުގެ ތެރެއިން ބަޔަކު ވަނީ ފުލުހުންގެ އިދާރާއަށް ވެސް ގެއްލުންތަކެއްދީފަ އެވެ.