ފިޝަރީޒް މިނިސްޓަރު ޒަހާ އަށް އިތުބާރު ކުރައްވާ ކަމަށް ޖާބިރު ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ދިހަ މެންބަރުން ސޮއިކުރައްވާ މި މައްސަލަ މަޖިލީހަށް ހުށަހަޅާ، ފިޝަރީޒް މިނިސްޓަރުގެ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އެކަމަނާއަށް ފޮނުވާފައިވަނިކޮށެވެ.
މި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ރައީސް އަށް ޖާބިރު ފޮނުއްވި ސިޓީގައި، ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި ސޮއިކުރި މެންބަރުންގެ ތެރޭގައި އޭނާ ވެސް ހިމެނޭ ކަމަށާއި އެލިޔުމުގައި އޭނާ ސޮއިކުރެއްވީ، ޒަހާއާ ހަވާލު ކުރައްވާފައިވާ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރެއްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުންތަކުގެ ބޮޑުކަމާއިއެކު، ދައުލަތުގެ ވަޒީރަކާއި ސަރުކާރުން ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތު އެވަޒީރަކު ފުރިހަމައަށް އަދާނުކުރައްވާ ކަމަށް ފާހަގަ ކުރެވޭތީ، އެ ވަޒީރަކު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމުގައި ދެމިހުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ދެކިގެން ކަމަށެވެ.
ޒަހާ ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކުރަމުންދަނިކޮށް ރަމަޟާން މަސް ފެށުމުގެ ކުރިން، ދިވެހިރާއްޖޭގެ ކަނޑުގެ ހަޒާނާ ހުޅުވާލުމަށާއި އަދި ދަނޑުވެރިންނަށްވެސް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ގެނެސް ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމީ، ދިވެހި މަސްވެރިންނާއި، ދަނޑުވެރިންގެ ހައްގުގައި އޭނާ ކުރަމުން އައި މަސައްކަތްތަކުގެ ނަތީޖާ ފެނިގެން ދިއުން ކަމަށް ގަބޫލު ކުރެވޭތީ ޒަހާގެ އިތުބާރު އޮތް ކަމަށާއި އޭނާ ކުރެއްވި ސޮއި އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް ޖާބިރުގެ މި ސިޓީގައި ފާހަގަ ކުރައްވާފައި ވެއެވެ.
މިމަހުގެ ދިހަ ވަނަ ދުވަހު އެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ކޯލިޝަންގެ 8 މެމްބަރުންނާއި، މިނިވަން ދެ މެމްބަރެއްގެ ސޮޔާއިއެކު އެވެ. މިނިވަން މެމްބަރުންގެ ތެރެއިން ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.