ads
މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
މ. އަތޮޅުގެ ތަރައްގީގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މުލަކު އަތޮޅު ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައި އެ އަތޮޅުގެ ތަރައްގީގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.
Advertisement
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މުލަކު އަތޮޅު ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައި އެ އަތޮޅުގެ ތަރައްގީގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ ފަރާތުން ވަނީ އަތޮޅުގެ ތަރައްގީއަށް ބޭނުންވާ ބައެއް މަޝްރޫއުތަކާއި އަތޮޅުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި އަތޮޅުގެ އެކި ރަށްރަށުގެ ރަށު ކައުންސިލުންތަކުން ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުން ވަނީ އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ބެހޭ މައުލޫމާތު ނައިބު ރައީސް އާ ހިއްސާކުރައްވާފަ އެވެ.

ރަށްރަށުގައި ހުރި ބޮޑެތި މައްސަލަތަކުގެ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުން ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މައްސަލަތަކާއި ބަނދަރު ހެދުމާއި މަރާމާތުގެ މަސައްކަތްތަކާއި، ރަށް ގިރުމާއި ބިމުގެ ދަތިކަމުގެ މައްސަލައާއި ކުނީގެ މައްސަލަ ހިމެނެ އެވެ.

ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި އެ އަތޮޅަކީ މަސްވެރިން ގިނަ އަތޮޅަކަށް ވުމުން މަސްވެރިކަމުގެ ސިނާޢަތް ތަރައްގީ ކުރުމަށް މަސް ފެކްޓްރީ އަދި ފަސޭހައިން މަސްކިރޭނެ އިންތިޒާމު ހަމަޖެހުން ފަދަ ކަންކަމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން އަތޮޅުގައި ކުރިޔަށް ގެންދިއުމަށް ޕްލޭން ކުރެވިފައިވާ އެއާޕޯޓް އަދި ކޯޒްވޭ އާއި ރަށްރަށުގެ ބިން ހިއްކުން ފަދަ ބޮޑެތި މަޝްރޫއުތަކާ ބެހޭ ގޮތުންނާއި ރަށްރަށުގެ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަށްރަށުގައި ހުރި ބައެއް މައްސަލަތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ފެނާއި ނަރުދަމާގެ މަޝްރޫއުތައް މި ދައުރުގެ ތެރޭގައި ހުރިހާ ރަށެއްގައި ހިންގުމަށް ކަމުގައި ވިދާޅުވި އެވެ.

އޭގެ އިތުރުން ނައިބު ރައީސް ވަނީ ބަޖެޓުގައި ހިމެނިފައިވާ ބައެއް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާކުރައްވާފަ އެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަނީ މަޝްރޫއުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ކުރިޔަށްދާނެ ގޮތަށް ކަންކަން އިންތިޒާމު ކުރެއްވުމަށް ކަމަށާއި ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމަށް ވެސް ކަމާބެހޭ އިދާރާތަކާ ގުޅިވަޑައިގެން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

އެ ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރަށްރަށުގެ އުމްރާނީ ތަރައްގީގެ އިތުރުން ރަށްރަށުގެ އިޖްތިމާއީ ކަންކަމަށް ވެސް ކައުންސިލުތަކުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އެގޮތުން އާންމު ސިއްހަތާ ގުޅޭ ކަންކަމާއި ދަރިވަރުން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި ރަށުގެ އާންމު ފަރުދުންނާ ގުޅިވަޑައިގެން ކައުންސިލުތަކުން އިސް ދައުރެއް އަދާ ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް