ބުރުނީގެ ކައުންސިލަރު އުސްމާން އަރީފް ސީއެންއެމް އަށް މިއަދު ވިދާޅުވީ މިފަހަރުގެ ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ފެށެން އެންމެ ދެ ދުވަސް ބާކީ އޮތްއިރުގައި އެރަށުގައި އިންތިހާބަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އަދި މިފަހަރުގެ އިންތިހާބަކީ ބުރުނީގެ ހަޔާތުގައި އެންމެ ސުލްހަވެރިކާއެކުގައި ރަށްޔިތުންގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނެތި އަމާން ވެއްޓެއްގައި ކަންކަން ކުރިއަށްދާ ފަހަރު ކަމަށް ވެސް އަރީފް ވިދާޅުވި އެވެ.
ބުރުނިން ހޯމްކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެފައިވާ ކަމާއި އެމީހާ ޕޮޒިޓިވްވެފައި ވަނީ ރިލީޒް ސާމްޕަލުން ކަމަށް ވެސް އަރީފް ވިދާޅުވި އެވެ.
ކޮވިޑް ޖެހިފައިވާ މީހަކީ ހައިރިސްކު ކެޓަގަރީގައި ހިމެނޭ މީހެއް ނޫންކަމަށާއި އޭނާގެ ހާލުވެސް ރަނގަޅު ކަމަށް އަރީފް ފާހަގަކުރެއްވި އެވެ.
އަރީފް ވިދާޅުވީ ބުރުނީގައި ކޮވިޑް 19 އިން ދިފާއުވުމަށް ރަށުގައި ވަނީ ހާއްސަ ފިޔަވަޅުތަކެއް އެޅިފައި ކަމަށެވެ.
ހާއްސަކޮށް ބަރަދު ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަކޮށް ބަލަމުން އަންނަ ކަމަށެވެ.