ads
ނައިބު ރައީސް ފައިސަލް ނަސީމް
ފުވައްމުލަކުގެ ތަރައްގީއަށް ރާވާފައިވާކަންކަން ހުއްޓުމެއް ނުގެނެސް ނިންމާނަން: ފައިސަލް
ފުވައްމުލަކު ސިޓީގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާކަންކަމަށް ހުއްޓުމެއްނެތި ކުރިޔަށްގެންގޮސް ނިންމަވާނެކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމް ދެއްވައިފި އެވެ.

ނައިބު ރައީސް ފައިސަލް މި ޔަގީންކަން ދެއްވާފައިވަނީ، ފުވައްމުލަކުސިޓީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމާއި، އެ ސިޓީގެ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. 

އޮންލައިންކޮށް ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ ފުވައްމުލަކު ސިޓީގައި ކުރިން އޮތް ނަރުދަމާ ނިޒާމާ އަދި އިންޖީނުގޭގެ ހުރި ދަތި އުނދަގޫތަކާއެކު ރައްޔިތުންނަށް ގިނަ ތަކުލީފުތަކަކާ ކުރިމަތިވަމުންދިޔަކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިއަދު އަމަލީ މަސައްކަތްފެށި މި ދެ މަޝްރޫއާއެކު މި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. 

ފުވައްމުލަކުގައި މި ސަރުކާރުން ކުރިޔަށްގެންދަވާ އެކިއެކި މަޝްރޫއުތަކަށް އިޝާރާތްކުރައްވައި ނައިބު ރައީސް ވަނީ ފުވައްމުލަކު ސިޓީގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާކަންކަން ހުއްޓުމެއްނެތި ކުރިޔަށްގެންގޮސް ނިންމަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިއަދު މަސައްކަތްފެށި އެ ސިޓީގެ ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ ދަށުން ވެކިއުމް ޕަމްޕުތަކާއި ވެކިއުމް ޗެމްބަރުތަކުގެ ވޭލުތައް ބަދަލުކުރުމާ އަދި މުޅިން އަލަށް މޮނިޓަރިން ނިޒާމެއް ގާއިމުކުރާނެއެެވެ. އެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ 6 މަސްދުވަހުގެ ތެރޭގައެވެ.

މިއަދު މަސައްކަތް ފެށި ފުވައްމުލަކު ސިޓީގެ އާ އިންޖީނުގޭގެ މަޝްރޫއާއެކު އެ ހަރަދުތަކަށްވެސް ލުއިކަން ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ފުވައްމުލަކު ސިޓީގެ މިހާރުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 5.4 މެގަވޮޓެވެ. އާ އިންޖީނުގެ ޤާއިމުކުރަނީ 4 މެގަވޮޓްގެ 5 ޖަނަރޭޓަރުސެޓްގެ ޖާގަ ހިމެނޭގޮތަށް ޖުމްލަ 20 މެގަވޮޓްގެ ކެޕޭސިޓީ ޤާއިމުކުރެވޭގޮތަށެވެ. އެއާއެކު މި މަޝްރޫއުގެ ދަށުން 8 ޓްރާންސްފޯމަރު ބެހެއްޓުމާއި، ޖުމްލަ 21 ކިލޯމީޓަރުގެ މީޑިއަމް ވޯލްޓޭޖުގެ ކޭބަލް އެޅުމާއި، އައު ފިއުލް ސްޓޯރޭޖް ޓޭންކުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

މަސައްކަތް ފަށާތާ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ މަސައްކަތްތައް ނިމޭއިރު ފުވައްމުލަކު ސިޓީއަށް ކުރިޔަށް އޮތް 30 ނުވަތަ 40 އަހަރަށް ދަތިނުވެ ބޭނުންވާ ވަރަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ ގާބިލުކަން އެރަށު އިންޖީނުގޭގަ ހުންނާނެ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް