މުސްލިމު އަންހެނުންނާއި ފިރިހެނުންނަކީ ކެތްތެރި، ހިތްވަރުގަދަ އަދި ކުޅަދާނަ ބައެއް ކަމަށް ބޮލީވުޑުގެ ބަތަލާ، ރާކީ ސާވަންތު ބުނެފި އެވެ.

Advertisement
މުސްލިމު އަންހެނުންނާއި ފިރިހެނުންނަކީ ކެތްތެރި، ހިތްވަރުގަދަ އަދި ކުޅަދާނަ ބައެއް ކަމަށް ބޮލީވުޑުގެ ބަތަލާ ރާކީ ސާވަންތު ބުނެފި އެވެ.
އުމުރުން 40 އަހަރުގެ ރާކީ މިހެން ބުނެފައިވަނީ ކައިވެންޏަށް ފަހު އައި އޭނާގެ ފުރަތަމަ ކަރްވާ ޗޯތު ފާހަގަކުރުމުގެ ތެރެއިންނެވެ. ކަރްވާ ޗޯތަކީ ހިންދީން އެމީހުންގެ ފިރިންނަށް ދިގު އުމުރަކަށް އެދި ރޯދަ ހިފާ ދުވަހަކަށް ކިޔާ ނަމެކެވެ. އެގޮތުން ރޯދައަށް ހުންނަ މީހަކަށް ރޯދަ ވީއްލޭނީ ރޭގަނޑު ހަނދު ފެނުމުންނެވެ.
މިއަހަރުގެ ކުރީކޮޅު ކައިވެނިކޮށްފައިވާ ކަމަށް އޭނާ ބުނާއިރު މިހާތަނަށް ފިރިމީހާގެ ފޮޓޯއެއް އޭނާ މީޑިއާއަށް ދައްކާފައެއް ނުވެ އެވެ. އެހެންކަމުން ގިނަ ބަޔަކު އޭނާ ކައިވެނި ކުރިކަން ގަބޫލެއް ވެސް ނުކުރެ އެވެ.
އިންސްޓަގްރާމު މެދުވެރިކޮށް ރާކީ ވަނީ ފިރިމީހާއަށް ދިގު އުމުރަކަށް އެދި އޭނާ ފުރަތަމަ ފަހަރަށް ކަރްވާ ޗޯތު ފާހަގަކުރި ކަމަށް ބުނެފަ އެވެ. މުޅި ދުވަހު ނުކައި ނުބޮއެ ހޭދަކުރަން ޖެހޭތީ އެކަމަށް ވަރަށް ގިނަ ޝަކުވާތަކެއް ވެސް ކުރި އެވެ.
ރާކީ އާންމު ކުރި ވީޑިއޯގައި ވަނީ މުސްލިމުންނަށް ވަރަށް ތައުރީފުކޮށްފަ އެވެ. އެގޮތުން މަހެއްހާ ދުވަހު މުސްލިމުން ނުކައި ނުބޮއި ރޯދައަށް ހުންނާތީ މުސްލިމުންނަކީ ވަރަށް ވަރުގަދަ ބައެއްގެ ގޮތުގައި ރާކީ ވަނީ ސިފަ ކޮށްފަ އެވެ.
ނެށުންތެރިއެއްގެ ގޮތުގައި މަގްބޫލު ރާކީ ވަނީ "މެއިން ހޫ ނާ" އާއި "އޭކް ކަހާނީ ޖޫލީ ކީ" އަދި "ޗުރާ ލިޔާ ހޭ ތުމްކޭ" ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭނާ ވަނީ ކަލާސް ޓީވީން ދައްކަމުން އަންނަ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ފުރަތަމަ ސީޒަނުން ވެސް ފެނިގެންގޮސްފަ އެވެ.