ފައިރޫޝް މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން، ފެބްރުއަރީ ހަތެއް 2012ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ކަމަށް ފައިރޫޝް ވިދާޅުވި އެވެ. އަދި އޭރު މަގާމުން އިސްތިއުފާ ދެއްވީ، ގައުމު ދާހިލީ ހަމަނުޖެހުމާއި ލޭއޮހޮރުމަކާއި ހަމައަށް ގެންދިއުމަށް ފަހު ކަމަށް ފައިރޫޝް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ތުހުމަތު ކުރައްވާ ކަންކަމުގެ އެއްވެސް ހަގީގަތެއްވާނަމަ، އެކަން އަލުން ތަހުގީގު ކުރާނެހެން ހީވާ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.
ފައިރޫޝް މިހެން ވިދާޅުވެފައިވަނީ، 2012ވަނަ އަހަރު ވެރިކަން ވައްޓާލީ ބަގާވާތެއްކަމަށް ރައީސް ނަޝީދު ވިދާޅުވާތީ، އެކަމަށް އިޝާރާތް ކޮށެވެ.
މީގެ ނުވަ އަހަރު ކުރިން، 2012 ވަނަ އަހަރުގެ ހަތެއް ފެބްރުއަރީގައި ރައީސް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔަ ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، އިިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ ސިލްސިލާ މުޒާހަރާތަކަށްފަހު، އައި ޕްރެޝަރާއެކު އެވެ. އެދުވަހު ފުލުހުންނާއި ސިފައިން އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް ތެދުވިއިރު، ފައިރޫޝަކީ ވެސް އޭގެ ތެރެއިން ބޭފުޅެއް ކަމަށް މީހުން ތުހުމަތު ކުރެ އެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުހުންގެ އިދާރާއާ ގާނޫނާ ހިލާފަށް ވަގުތީ ގޮތުން ހަވާލުވެވަޑައިގަތް ފައުރޫޝަކީ އެ ދުވަހު، އެތައް ބަޔަކު ޖުމްހޫރީ މައިދާނުގައި ހަމަނުޖެހުން ހިންގަމުންދިޔައިރު އެ ސަރަހައްދުގައި ހުންނެވި އެއް ބޭފުޅާ ކަމަށް ވެ އެވެ. އެގޮތުން އެ ހަމަނުޖެހުމުގެ ބައިވެރިންނާއި ފުލުހުންނާއި ސިފައިންނަށް އެ ކަމަށް ހިތްވަރުދީ ފައިރޫޝް ވާހަކަ ދެއްކެވި ކަމުގެ ތުހުމަތު ވެސް މީހުން ކުރެ އެވެ.
މިއަހަރު ޖެނުއަރީ މަހު ފައިރޫޝް، ވިހި އަހަރު ދުވަހު ފުލުހެއްގެ ގޮތުގައި ހިދުމަތްކުރެއްވުމަށް ފަހު، ފުލުހުންގެ ވަޒީފާއިން ރިޓަޔާވީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.
ގިނަ ބަޔަކު ތުހުމަތު ކުރި ގޮތުގައި، ފައިރޫޝް އަމިއްލައަށް ވަޒީފާއިން ރިޓަޔާ ކުރެއްވީ، ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު، ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ކަންތައްތަކުގައި، ނުވަތަ ހާއްސަކޮށް ރައީސް ނަޝީދު ސިފަކުރައްވާ "ބަގާވާތުގައި" ފުލުހުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވި މީހުންގެ މައްސަލަ ބަލައި އެމީހުންނާއި މެދު ފިޔަވަޅު އެޅުމަށް އެކުލަވާލި ފުލުހުންގެ ހިދުމަތުގެ ބިލު ތަސްދީގު ކުރެއްވުމުންނެވެ.