މި ދަތުރުފުޅު މިއަދު ނިންމަވާލެއްވި އިރު އެ ދަތުރުފުޅުގެ ބޭނުމަކީ ކުވައިތުގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުންނާއި ދެގައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަަދަ ކުރެއްވުމެވެ.
އެ ދަތުރުފުޅުގައި ކުވައިތުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް ޑރ. އަހްމަދު ނާސިރް އަލް މުހައްމަދު އަލް އަހްމަދު އަލް ޖާބިރު އަލް ސަބާހް އާއި އެގައުމުގެ އެހެން ބައެއް އިސްވެރިންނާ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާ އެކި ރޮނގުރޮގުން މަޝްވަރާ ކުރައްވާފައެވެ.
އަދި ދިވެހިރާއްޖެއާއި ސްޓޭޓް އޮފް ކުވައިތާ ދެމެދު ދެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން(އެމްއޯޔޫ) އެއްގައިވެސް ވަނީ ސޮއި ކޮށްފައެވެ. އެ އެމްއޯޔޫ ތަކުގައި ސޮއިކޮށްފައިވަނީ ރޭ ކުވައިތު ސިޓީގައި ހުންނަ ކުވައިތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ދެ އެމްއޯޔޫ އަކީ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކޯޕަރޭޝަން ބިޓްވީން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ސްޓޭޓް އޮފް ކުވައިތު" އާއި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ ގަވާމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވާމަންޓް އޮފް ދަ ސްޓޭޓް އޮފް ކުވައިތު އިން ދަ ފީލްޑް އޮފް ޓޫރިޒަމް" އެވެ.
މި އެމްއޯޔޫތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާގައި އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވި އަދި ކުރިއަށް އޮތްތަނުގައި ދެގައުމުގެ ސަރުކާރުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތައް ތަންފީޒުކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓަރު ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ކުވެއިތައް ވަޑައިގެންނެވީ މިމަހުގެ 19ވަނަ ދުވަހުއެވެ. އެ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދު އާއި ޑިރެކްޓާ މޫމިނާ އިބްރާހިމް އަދި އެސިސްޓަންޓް ޑިރެކްޓާ އަހްމަދު ސަލްމާން ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ.