ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލާފައިވާތާ މިއަދަށް ހަތަރު އަހަރު ފުރިފައިވުމާއި ގުޅިގެން އެކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ ޔާމީން ރަޝީދު ނެތުމުން އާއިލާއަށާއި ރަޙްމަތްތެރިންނަށް
ލިބިފައިވާ ފުން ހިތާމައިގައި އެ ކޮމިޝަނުން ބައިވެރިވާ ކަމަށެވެ.
އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިޔަށް ދިޔަކަމުގައި ވީނަމަވެސް، ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފަޔާއެކު، ހިނގަމުންދާ ޝަރީއަތްތަށް އެއްވެސް ނުފޫޒެއް ނުފޯރާގޮތަށް، އެ މަރުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް އެކޮމިޝަނުން ކުރަމުންދާކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން އެކޮމިޝަންގެ އެދުމަކީ، މިމައްސަލަ އާއި ގުޅިގެން މިހާރު ހިނގަމުންދާ ޝަރީއަތް ވީހާވެސް އަވަހަކަށް ނިމި، ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބުން ކަމަށް ބުނެފައިވެއެވެ.
ޔާމީން މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ހ. އަންނާރުމާގެ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލް، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެގޮތުން މި ހަ މީހުންގެ މައްޗަށްވެސް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ޔާމީން ބެލި ޑޮކްޓަރު ވަނީ ހެކިބަސް ދީފައެވެ. އެގޮތުން ޔާމީންގެ ހަށިގަނޑުގެ އެތަން މިތަނުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އެއްވެސް ވިންދެއް ނެތް ކަމަށް ޑޮކްޓަރު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވެއެވެ. އަދި ޔާމީން ދިރިއުޅުނު ގޭގެ ލިފްޓް ބޭރުގައި ހުރި ކެމެރާ އިން ފެނުނު ފިންގަޕްރިންޓާއި ދައުވާ ލިބޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފިންގަޕްރިންޓާއި ދިމާވާ ކަމަށް މީގެ ކުރީގެ އަޑުއެހުމެއްގައި ފުލުހަކު ކޯޓުގައި ހެކިބަސް ވެސް ދީފައިވެއެވެ.
ތޫނުއެއްޗަކުން ހަމަލާދީ ޔާމީން ރަޝީދު މަރާލާފައިވަނީ 2017ވަނަ އަހަރުގެ އެޕްރީލް މަހުގެ 23ވަނަ ދުވަހުއެވެ. މިއަދު އެމަރަށް ހަތަރު އަހަރު ފުރިގެންދިޔައިރު، މައްސަލައިގައި އިންސާފު ނުލިބި ހަތަރު އަހަރު ހަމަވެފައި ވާތީ އެސޯސިއޭޝަން ފޯ ޑިމޮކްރަސީ މޯލްޑިވްސް(އޭޑީއެމް) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޭޑީއެމް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޔާމީން މަރާލާފައިވަނީ 2010 ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް ބަޔަކު އޭނާއަށް މަރުގެ އިންޒާރުތައް ދިނުމަށްފަހުގައި ކަމަށެެވެ. އަދި ރިޔާސީ ކޮމިޝަންތަކުގެ ގާނޫނު ފާސްކުރުމުން ޔާމީން ރަޝީދުއާއި، މަރާލާ އަދި ގެއްލުވާލާފައިވާ އެއްވެސް މީހަކަށް އިންސާފު ހޯދައިދިނުން އެހިސާބުން ނިމުނީ ނޫންކަންވެސް ރައްޔިތުންގެ މަޖިލީހަށް ހަނދާން ކޮށްދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޒިންމާ ފުރިހަމައަށް އަދާކޮށް، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ކޯޓުތައް ޖަވާބުދާރީކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
އޭޑީއެމް އިން ބުނެފައި ވަނީ 2014 އާއި 2017 ވަނަ އަހަރާއި ދެމެދުގައި ޔާމީންއަށް ފޮނުވަމުންދިޔަ މަރުގެ އިންޒާރުތައް އެކިފަހަރުމަތިން ފުލުހުންނަށް ރިޕޯޓުކޮށް، އެހީތެރިކަމަށް އެދިފައިވީނަމަވެސް ފުލުހުންގެ އެއްވެސް ސަމާލުކަމެއް އޭނާގެ ރައްކާތެރިކަމަށް ދީފައިނުވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ފުލުހުންގެ މުއައްސަސާ އެކަމާއި ގުޅިގެން ޖަވާބުދާރީ ކުރުވާފައި ނުވާކަށްވެސް އޭޑީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޔާމީން މަރާލިކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރުގެ ޖުލައިމަހު ހަތް މީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްފަހުގައި ކްރިމިނަލް ކޯޓުގައި ހިންގަންފެށި ޝަރީއަތް މިއަދާހަމައަށްވެސް ނުނިމިއޮތްއިރު އަދި ހާއްސަކޮށް 2020 ވަނަ އަހަރުގެތެރޭގައި އެއްވެސް އަޑުއެހުމެއް ނުބާއްވާ އޮތީ ކަނޑައެޅިގެން ގާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 142 ވަނަ މާއްދާއާ ހިލާފަށްކަމަށް ވެސް ބުނެފައި ވެއެވެ.
އަދި ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ޝަރީއަތް 2018 ވަނަ އަހަރުގައި ނިމުނު އިރުވެސް، ދައުވާ ލިބުނު މީހުންގެ މައްޗަށް ދައުވާ ސާބިތު ނުކުރެވުނީ ހެކި ނެތިގެން ނޫންކަމަށާއި، ދައުލަތުގެ ފަރުވާކުޑަކަމުންކަން ކޯޓުގެ ހުކުމުގައި އޮތުމާއިއެކު، ޔާމީން ރަޝީދު މަރާލިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގައި ދައުލަތުގެ ވަކީލުންގެ ފަރާތުންވެސް ފަރުވާކުޑަކަން ފެންނަމުންދާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން 2018 ވަނަ އަހަރުގެތެރޭގައި "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން" އުފައްދާފައިވީނަމަވެސް، 2020 ވަނަ އަހަރު ނިމުނު އިރުވެސް ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރިއަށްގޮސްފައި ނުވާކަމަށް ވެސް ބުނެފައި ވެއެވެ. އަދި ޑރ. އަފްރާޝީމް އަލީގެ ގަތުލާއި، ރިލްވާން އަބްދުﷲ ގެއްލުވާލުމާއި އަދި ޔާމީން ރަޝީދުގެ ގަތުލުގެ މައްސަލަތަކަކީ ގުޅިފައިހުރި މައްސަލަތަކެއްކަމަށް މަރު ކޮމިޝަން އިން ތަކުރާރުކޮށް ބަޔާންކޮށްފައިވާ ކަމަށް ވެސް އޭޑީއެމް ބުނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ 'ސުޕާމެޖޯރިޓީ' ލިބިފައިވާ، ރައީސްއަކަށްވެސް ހުންނެވި ބޭފުޅާ ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ އަކީ މިފަދަ އަނިޔާތައް ހުއްޓުވާ، އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދުމުގެ ވާހަކަ ދައްކާ ޕާޓީއަކަށް ވީނަމަވެސް، އެފަދަ އަނިޔާގެ މައްސަލަތަކުގައި ތުހުމަތުކޮށް، ދައުވާ އުފުލާ، މިހާރުވެސް ތަހްގީގުތަކުގައި ޝައްކުކުރެވޭކަން ކަނޑައެޅިގެން އެނގޭ ބަޔަކު އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ދިނުމާއި ކެބިނެޓްގެ މިނިސްޓަރުން އެމީހުންގެ ވިޔަފާރިތައް އިޝްތިހާރުކުރުމަކީ އަނިޔާވެރިންނަށް ރައްކާތެރިކަން ދިނުން ކަމުގައި އެޖަމްއިއްޔާއިން ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ.