ދ.ރިނބިދޫގައި ވައްތީނި ގަސް ހައްދަމުންދާ ޒުވާން ހިތްވަރުގަދަ ދަނޑުވެރިޔާ ފާތިމަތު އަރޫޝާ ސީއެންއެމް އަށް ކިޔާދިން ގޮތުގައި އޭނާ އެގަސް ހައްދަން ފެށީ 2019 ވަނަ އަހަރުން ފެށިގެނެވެ.
އަރޫޝާ ބުނީ އޭނާ މާލެއިން ގަސް ވިއްކާ ފިހާރައަކުން ތީނި ގަހެއް ގަނެގެން ރަށަށް ގެނެސްގެން ހައްދަން ފެށީކަމަށެވެ.
ވައްތީނި ގަސް އޭނާ ހެއްދީ ގުދުރަތީ ކާނާ އަޅައިގެން ޕޮޓެއްގެ ތެރޭގައި ކަމަށް އަރޫޝާ ކިޔާދިނެވެ. އަދި އަށް މަސް ތެރޭގައި އެ ގަހުގައި ވައްތީނި އަޅާ ކާން ލިބުނު ކަމަށް އޭނާ ބުނެ އެވެ.
ފޮޓޯ--ތީނި
ވައްތީނި ގަސް މިހާރު ހަތަރު ވަރަކަށް ފޫޓަށް ހެދިފައިވާއިރުގައި އެ ގަހުގައި މޭވާ އެހާގިނައިން ނާޅާކަން ފާހަގަކުރަމުން އަރޫޝާ ބުނީ ގަހަށް ތިން ފޫޓް ހަމަވެފައިވަނިކޮށް އެއްފަހަރަކު 30 ވަރަކަށް ވައްތީނި އެޅިކަމަށެވެ. އަދި އެއީ އެންމެ ގިނައިން މޭވާ އެޅިފަހަރު ކަމަށް ވެސް އަރޫޝާ ބުނެ އެވެ.
އަރޫޝާ ކިޔާދިން ގޮތުގައި ގަހުގައި އެންމެ ފަރަތަމަ ވައްތީނި އެޅިއިރުގައި އެޅީ ހަތަރު ވަރަކަށް މޭވާ ކަމަށެވެ. އަދި ގަސް ކުޑަވީމަ އެހާ ގިނައިން ނާޅަނީ ކަމަށް ވެދާނެ ކަމަށް ވެސް އަރޫޝާ ބުންޏެވެ.
އަދި ވައްތީނި ގަހުގައި އެންމެ ފުރަތަމަވެސް އަޅަނީ މޭވާ ކަމަށާއި އެހެން މޭވާ އަޅާ ގަސްތަކާ ހިލާފަށް ވައްތީނި ގަހުގައި މާ ނާޅާކަމަށް ވެސް އަރުޝާ ކިޔާދިނެވެ.
މިހާރުވެސް ވައްތީނި ގަހުގައި ހުރީ މޭވާ އަޅާފައި ކަމަށާއި މިފަހަރުގެ 10 ވަރަކަށް ތީނި ލިބޭނެ ކަމަށް ބެލެވޭ ކަމަށް އަރޫޝާ ބުނެ އެވެ.
ވައްތީނި ފަހުން ގޮފިކޮޅެއް ކެޑުމަށް ފަހުގައި މިހާރު އިތުރު ތީނި ގަހެއް ހައްދަމުން އަންނަ ކަމަށް ވެސް އަރުޝާ ކިޔާދިނެވެ.
އެގަހުގައި ވައްތީނި އަދި އަޅަނީ ވަރަށް މަދުންކަން ފާހަގަކުރަމުން އަރޫޝާ ބުނީ އޭނާ ގަހުގައި އަޅާ މޭވާ ދޮންވެ ފައްކާވުމުން ރަހުމަތްތެރިންނަށް ބަހާކަމަށެވެ.
އަރުޝާ ބުނީ އެހެން ރަށްރަށުން އަންނަ މީހުން އެއީ ކޮންކަހަލަ ގަހެއްތޯ ސުވާލު ކުރާ ކަމަށެވެ. އަދި ބައެއް މީހުންނަށް ވައްތީނި އަކީ ކޯއްޗެއްކަން ވެސް ނޭންގޭ ކަމަށެވެ.
ފޮޓޯ--ތީނި ގަސް
ރާއްޖޭގައި މަދުންނޫނީ ނުފެންނަ ވައްތީނި ގަސް މިފަހަރު އަރޫޝާ މިވަނީ ހައްދާފައެވެ. އަދި އެގަހުގައި އަޅާ މޭވާއިން އެއްޗެއް ތައްޔާރު ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި ކުރިއަށް އޮތްތާގައި ވައްތީނިތަކުން ކާނާއެއް ތައްޔާރު ކުރެވޭނެ ކަމަށް އުންމީދު ކުރާކަމަށް ވެސް އަރޫޝާ ބުންޏެވެ.