އެޔާއިއެކު ބޮލީވުޑްގެ ގިނަ މަސައްކަތްތަކެއް ވެސް ހުއްޓިގެން ދިޔައިރު، ބޮލީވުޑް ތަރިން ވަނީ ލިބުނު ބޮޑު ޗުއްޓީއާއިއެކު ވެކޭޝަންތައް ހެދުމަކީ އާއްމުކަމަކަށް ހަދާލާފައެވެ.
އެގޮތުން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ހުއްޓުމެއްނެތި ބޮލީވުޑްތަރިން ދިޔައީ ވެކޭޝަން ހެދުމަށްޓަކައި ދަތުރުކުރަމުންނެވެ. އެޔަށްފަހު ކޮވިޑް އެ ގައުމުގައި ހަމަޔަކަށްއެޅި އަލުން ބޮލީވުޑްގެ މަސައްކަތްތައް ފެށުމަށްފަހު އަނެއްކާވެސް މިފަހުން އިންޑިއާއަށް ކުރިމަތިވި ކޮވިޑްގެ ދެވަނަ ރާޅު ފުރަތަމަވެސް އަމާޒުހިފީ ބޮލީވުޑްއާއި ދިމާލަށެވެ. ކޮވިޑަށް ނުބަލައި ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން އެމީހުންގެ ފިލްމްގެ ޝޫޓިން ފެށުމުގެ ނަތީޖާއެެއްގެ ގޮތުން ޝޫޓިންގެ ސެޓުގެ ތެރެއިން މަޝްހޫރު އެތަށް ތަރިންނެއް ވަނީ ޕޮޒިޓިވް މަސައްކަތްތައް އަނެއްކާވެސް ހުއްޓާލަން ޖެހިފައެވެ.
އެހެންނަަމަވެސް ބޮލީވުޑް ތަރިން ވެކޭ ހެދުމެއް ހުއްޓައެއް ނުލިއެވެ. އެންމެ ގިނަ ތަރިންގެ ވެކޭ މަންޒިލަކަށްވެސް ވެގެން ދިޔައީ ރާއްޖެއެވެ. ރާއްޖެ އިޝްތިހާރުކުރުމަށް ބޮލީވުޑްތަރިންނަށް ހުޅުވާލި ހިލޭ ފުރުސަތުގެ ބޭނުން ހިފާ މަޝްހޫރު ގިނަ ތަރިންތަކެއް ދިޔައީ މަހަކު ފަސް ހަ ފަހަރު ރާއްޖެއަށް އަންނަމުންނެވެ. ކޮވިޑަށް ވަރިހަމަ ވެގެން މިއައި ގިނަ ތަރިންގެ ތެރޭގައިވެސް އެންމެ ގިނައިން އާ ތަރިންގެ ލިސްޓުގެ ކުރީގައި އުޅެނީ ހީނާ ހާން އެވެ.
ހީނާ ވަނީ މިދިޔަ އަހަރު އެކަނިވެސް ތިން ފަހަރު ރާއްޖެ އައިސް ފައެވެ. އެއަހަރު އެންމެ ފަހުން އަހަރު ނިމެން އުޅެނިކޮށް ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުވެސް ރާއްޖެ އައެވެ. އެފަހަރުވެސް ކުރަމަތި އައިލެންޑް ރިސޯޓު ގައި ޗުއްޓީ ހޭދަކުރުމަށް ފަހު އިންޑިއާއަށް ދިއުމަށް ފަހު އަނެއްކާވެސް މިއަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެއަށް އައިސްފައެވެ.
އެފަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ހީނާ އައިސްފައި ވަނީ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާ އޭނާގެ އާއިލާއާ ވެސް އެކުގަ އެވެ.
އެފަހުން ރާއްޖެއިން އެބުރި އިންޑިއާއަށް ދިޔުމަށްފަހުވެސް ހީނާވަނީ އެހެން ގައުމުތަކަށްވެސް ވެކޭޝަން ހެދުމަށް ދަތުރުކޮށްފައެވެ. އެންމެފަހުން އޭނާ ދަތުރުކޮށްފައިވަނީ ގޯއާ އަށެވެ. ގޯއާއަށް އޭނާ ގޮސްފައިވަނީ ޝޫޓިންއަކަށް ލޯބިވެރިޔާ އަދި އާއިލާއާއިއެކުވެސް މެއެވެ.
ދެން އެބުރި އިންޑިއާއަށް އައިސްފައިވަނީ ހާޓް އެޓޭކެއްޖެހި ބައްޕަ މަރުވުމާއި ގުޅިގެން މިމަހުގެ 20ވަނަ ދުވަހުއެވެ. އެކަމުގެ ހިތާމާގައި ސޯޝަލް މީޑިއާގައި އެކްޓިވް ހީނާ ވަނީ ސޯޝަލް މީޑިއާއި ދުރަށް ކުޑަދުވަސްކޮޅަކަށް ޖެހިލާކަމަށް އިއުލާންކޮށްފައެވެ. އެހެންނަމަވެސް މިއަދު ކުރި ޕޯސްޓެއްގައި ވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައެވެ. އަދި މިވަގުތު އޭނާ ހުރީ ހޯމް ކަރަންޓީންގައެވެ.
ގޯއާގައި އޭނާ ހުރި ދުވަސްކޮޅު ކޮވިޑް ޖެހިދާނެކަމަށް އޭނާ ހުރީ ވަކިން ވިލާއެއްގައިވެސް މެއެވެ. އަދި އެފަހަރު އޭނާ ވަނީ މީހުން ސަލާމަތީ ފިޔަވަޅުތައް ވަރަށް ނާޅާކަމަށް ވެސް ބުނެފައެވެ. އެހެންނަމަވެސް އޭނާ އެ ފިޔަވަޅުތަކަށް ވަރަށް ބަލާކަމަށާއި ދަތުރުކޮށް އަބަދު އުޅޭތީ ފިޔަވަޅުތައް ނާޅާ، ނުވިސްނާ އުޅޭކަމަށް ގިނަބަޔަކަށް ހީވިޔަސް އެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅާކަމަށް އޭނާ ބުނެފައިވެއެވެ.
އެގޮތުން މޯލްތަކާއި ސިނަމާތަކަށް ދާއިރުވެސް އަބަދުވެސް ހުރިހާ ތަނެއް ސެނެޓައިޒް ކުރާކަމަށާއި މަތިމަތިން ދެ މާސްކު އަޅާކަމަށް ވެސް ބުނެފައިވެއެވެ.
އެހެންނަމަވެސް އޭނާ ޕޮޒިޓިވްވެފައިވާއިރު އިންޑިއާގެ ކޮވިޑް ހާލަތު މިވަގުތު ވަނީ ކޮންޓްރޯލުން ނައްޓާފައެވެ. މި ސާޖްގައި ގިނަ އަދަދެއްގެ ބޮލީވުޑް ތަރިންދަނީ ޕޮޒިޓިވްވެސް ވަމުންނެވެ.
އިންޑިއާގައި ކޮވިޑް ހާލަތު ގޯސްވެ އެތައް ބަޔަކު ބަލީގައި މަރުވަމުންދާ މިދަނޑިވަޅުގައިވެސް ބޮލީވުޑްތަރިން ރާއްޖެ އައިސް ވެކޭޝަން ހަދާ ފޮޓޯތަައް ސޯޝަލް މީޑިއާއަށް އަޅަމުންދާތީ ބައެއް ފަރާތްތަކުން ވަނީ ތަރިންނަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައެވެ.