
އެމައްސަލާގައި މިނިސްޓަރު އިމްރާންއާއި ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ، ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއިލު އަހްމަދު ނަސީމު އެވެ. މީކާއިލް އެދިވަޑައިގަންފައިވަނީ މަޖިލީހުގެ ގަވާއިދުގެ 80ވަަނަ މާއްދާގެ ދަށުން ލިޔުމުން ފަސް ސުވާލެއްގެ ޖަވާބު ހޯއްދެވުމަށެވެ.
އެކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީކާއިލް ފޮނުވާފައިވާ ސިޓީގައި ވަނީ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުުހުންނަށް އެއްވެސް ފިޔަވަޅެއް އެޅިތޯއާއި އެޅިނަމައެއީ ކޮން ފިޔަވަޅެއްކަން ސާފުކޮށްދިނުމަށް އެދިފައެވެ. އަދި ފުލުހުން ޔުނީފޯމު އަޅައިގެން ތިބީ ސާވިސް ނަންބަރު ފެންނަ ގޮތައްތޯއާއި، ހަރަކާތްތެރިވީ އެކަމުގެ އެކަށީގެންވާ ޓްރެއިނިން ލިބިފައިވާ ފުލުހުންތޯއާއި، އެއްވުންތައް ރޫޅާލުުމުގައި ބޮޑީ ކެމެރާ ބޭނުންކުރާ ސަބަބު ސާފުކުރުމަށްވެސް ހުށަހަޅުއްވާފައިވެއެވެ. މީގެ އިތުރުން ބޮޑެތި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރުމުގައި އެއް އުސޫލަކުން އަމަލުނުކުރަނީ ކީއްވެތޯ ސާފުކުރުމަށްވެސް މީކާއިލް ވަނީ އެދިފައެވެ.
އޮފީސް މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ޒުވާނުންތަކެއް ކުރިއަށްގެންދިޔަ ސުލުހަވެރި އެއްވުމުގަައި ބައިވެރިންނަށް ހާލަތާއި ނުބައްދަލު ބާރުބޭނުންކުރުމުގެ މައްސަލާގައި މިނިސްޓަރު އިމްރާންއަށް ފަސް ސުވާލެއް ހުށަހަޅުއްވާފައިވާއިރު، ހޮނިހިރު ދުވަހުގެ ރޭ މިނިސްޓަރު އިމްރާން ވަނީ ފުލުހުން ބާރުގެ ބޭނުންކުރަން ގާނޫނު ހުއްދަކުރާ ހާލަތުގައިވެސް ބާރުގެ ބޭނުން ކުރަންވާނީ ބާރުގެ ބޭނުންކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން ކަމަށާއި އެހާދިސާގައި އެ މިންގަނޑުތަކާއި ހިލާފަށް އެއްވެސް ކަމެއް ހިނގައިފައިވޭތޯ ބަލާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އަދި އެއްވުން ކޮންޓުރޯލް ކުރަން ހަރަކާތްތެރިވާ ފުލުހުން އަމަލު ކުރި ގޮތާގުޅޭގޮތުން ހުށަހެޅޭ ޝަކުވާ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ބަލައި އުސޫލްތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.
އެޔަށްފަހު މިއަދު ވަނީ އެމުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައިވާގޮތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި ގޮތެއް ނިމެންދެން، ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތު ތަކުން އެ ފުލުހުން ދުރުކޮށްފައެވެ. އަދި އެމައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގު ތަކުން ނުކުންނަ ނަތީޖާއަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ފުލުހުން ބުނެއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެެއްވަމުން ފުލުހުން ބުނެފައިވަނީ، އެ މުޒާހަރާތެރޭގައި އިތުރު ފުލުހުންވެސް ހަރަކާތްތެރިވެފައިވާތީ، މައްސަލަ ތަހުގީގުކޮށް އިތުރު ފުލުހުންނާއިމެދު ވެސް ފިޔަވަޅުތަކެއް އެޅިގެން ދާނެކަމަށް ލަފާކުރެވޭތީ އެ މައްސަލާގައި ތުހުމަތުކުރެވޭ ފުލުހުންގެ އަދަދު ދަންނަވަން ނޭގޭ ކަމަށެވެ.
އެ މައްސަލާގެ ތަހުގީގު ނިިމެންދެން ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތު ތަކުން ދުރުކޮށްފައިވާ ދެ ފުލުހުންނަށް މުޒަހަރާތަކާއި، އިހްތިޖާޖުތައް އަދި އެއްވެސް އެއްވުމެއް ހުއްޓުވުމަށް ހަރަކާތްތެރިއެއް ނުވެވޭނެއެވެ. އެހެންނަމަވެސް ވަޒީފާގެ އެހެނިހެން މައްސޫލިއްޔަތުތައް އަދާކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
އެމައްސަލާގައި މިނިސްޓަރު އިމްރާންއާއި ސުވާލުކުރެއްވުމަށް ހުށަހެޅުއްވިއިރު، މިމުޒާހަރާ ރޫޅާލުމުގައި ފުލުހުން ހިންގި އަމަލާމެދު ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާފައިވާއިރު، ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ވެސް، އެ ކޮމެޓީގެ މުގައްރިރު ޖީހާން މަހްމޫދު ވަނީ އެ މައްސަލަ ހުށަހަޅުއްވާފައެެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގެ އެންމެ ފަހުގެ ޖަލްސާ ނިންމާލެއްްވުމަށްފަހު މަޖިލީސް މިހާރުއޮތީ ޗުއްޓީގައެވެ. މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ދެން ފެށެނީ މިއަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ.
މިމައްސަލައާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައިވާއިރު ސަރުކާރަށް ނިސްބަތްވާ ޕާޓީ އެމްޑީޕީން ވެސް ވަނީ މިކަން ކުއްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔަނުގައި ބުނެފައިވަނީ މާލޭގައި ޒުވާނުންތަކެއް ކުރި ސުލްހަވެރި މުޒާހަރާއެއްގެ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެމީހުންގެ ތެރެއިން ބައެއް މީހުންގެ ލޮލަށް ކައިރިމިނުން ޕެޕާ ސްޕްރޭ ޖަހައި ފުލުހުން ހިންގި ޢަމަލާމެދު އެޕާޓީން އިން ކަންބޮޑުވުން ފާޅުކޮށް، އެކަން ހަރުއަޑުން ކުށްވެރިކުރާކަަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅުއެޅުމަށް ކަމާ ބެހޭ މުވައްސަސާތަކަށް ގޮވާލާކަމަށެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށް ބުނެފައިވެއެވެ.
ސުލްހަވެރިކަމާއެކު ރޭގައި މުޒާހަރާކުރި މީހުން އަޑުއުފުލަމުން ގެންގޮސްފައިވަނީ މަސައްކަތްތެރިންގެ ހައްގުތަކާ މެދުގައާއި އަދި މަސައްކަތުގެ މާހައުލުގައި ކުރާ ޖިންސީ ފުރައްސާރައާ ދެކޮޅަށްކަން ފާހަގަކޮށް އެޕާޓީން ބުނެފައިވަނީ މިފަދަ ކަންކަމުގައި ސުލްޙަވެރިކަމާއެކު އަޑުއުފުލުމަށާއި ހިޔާލުފާޅުކުރުމަށް ހުރަސްއަޅައި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމަކީ އެޕާޓީން އަބަދުވެސް ދެކޮޅުހަދާކަމެއް ކަމަށެވެ.
ސުލްޙަވެރިކަމާއެކު މުޒާހަރާކޮށް އަޑުއުފުލުމުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އަދި ތަޅައި އަނިޔާވެރިވުމަށްފަހު ޖަލަށްލުމުން ލިބޭ ވޭނާއި އަނިޔާ އެންމެ ބޮޑަށް ތަކުރާރުކޮށް ތަހައްމަލުކުރި ބަޔަކަށް އެެ ޕާޓީގެ މެމްބަރުން ވީހިނދު، އެފަދަ އަމަލުތަކާ ދެކޮޅުހެދުމުގައި އެ ޕާޓީ އަބަދުވެސް ދެމިއޮންނާނެ ކަމަށާއި އެ ޕާޓީ ބިނާވެގެންވާ އަސާސްތަކަކީ އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިފާއުކުރުމާއި އަނިޔާވެރިވުމާއި ދެކޮޅުހެދުމުގެ މައްޗަށް ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ޑިމޮކްރެޓިކް ވެރިކަމެއްގައި ފުލުހުންގެ ހިދުމަތް ވާންޖެހޭނީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމުގެ ވިސްނުމުގެ މައްޗަށް ތަމްރީނުލިބިފައިވާ ޕްރޮފެޝަނަލް ހިދުމަތަކަށް ކަމަށާއި ފުލުހުން ޤާނޫނާ ހިލާފުވާ ހާލަތްތަކުގައާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރާ ހާލަތްތަކުގައި ޖަވާބުދާރީ ކުރުވޭ، ރައްޔިތުންނަށް އިތުބާރުހިފޭ ބަޔަކަށް ފުލުހުން ވާންޖެހޭނޭކަމަށް ގަބޫލުކޮށް، އެކަމަށް އެޕާޓީން ބާރުއަޅާކަން ފާހަގަކުރަމުން ބުނެފައިވަނީ އެ ޕާޓީގެ ސިޔާސަތާ އެއްގޮތަށް އެކަންކަން ކަށަވަރުކުރުމަށް ފުލުހުންގެ ގާނޫނަށް މިހާރު ވާނީ ބޮޑެތި ބަދުލުތަކެއް ގެނެސްފަ ކަމަށެވެ.