މިހާރު ކުރިއަށްދާ އޭއެސް އޭލެވެލް އިމްތިހާނުތަކުގެ ޕޭޕަރުތައް ލީކުވަމުންދާތީ ބެލެނިވެރިން ވަނީ ވެލާނާގޭ ކުރިމަތީގައި މިއަދު އިހްތިޖާޖު ކޮށްފައެވެ.
މިއަދު މެންދުރު ކުރިއަށްދިޔަ އިހްތިޖާޖުގައި ބެލެނިވެރިން ވަނީ އެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އަދި އިމްތިހާނުގެ ފެންވަރާއިމެދު ސުވާލު އުފެދޭތީ އިމްތިހާނު އިތުރަށް ކުރިއަށް ނުގެންދިޔުމަށް ބެލެނިވެރިން ގޮވާލާފައިވެއެވެ.
މިނިސްޓަރު އައިޝަތު އަލީ ވަނީ އޮފީހުން ނިކުމެވަޑައިގެން ވެލާނާގޭ ދޮށަށް އެއްވެތިބި ބެލެނިވެރީންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި މިކަމުގައި ގޮތެއް ނިންމަވާނީ ހުރިހާގޮތަކުން ކުރިމަތިވެދާނެ މައްސަލަތަކަށް ރިއާޔަތް ކުރެއްވުމަށްފަހު އެއްވެސް ކުއްޖަކަށް ގެއްލުމެއް ނުވާނޭހެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭއެސް/އޭލެވެލް އިމްތިހާނު އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ފަށާފައި ވާއިރުގައި މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނު އަވަސްވުމާއި ގުޅިގެން އޭރު އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ނިންމުން ބަދަލު ކުރުމަށް އެ މިނިސްޓްރީ އާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އެޑެކްސެލްއާއެކު ގިނަ މަޝްވަރާތަކެއް ކުރިކަމަށެވެ. ނަމަވެސް މި މަޝްވަރާތަކުން އަލިމަގެއް ފެނިފައި ނުވާކަމަށް ބުނެފައިވެއެވެ.