މި މައްސަލަ އިތުރަށް ހޫނުވެ އޭގެތެރެއިން އިތުރު މައްސަލަތަކެއް އުފެދިގެން ދިޔައީ މި މަހުގެ ދެވަނަ ދުވަހު ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސް އަަށް ފަހުއެވެ. އެ ޕްރެސް ކޮންފަރެންސްގައި ރައީސް ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އިޖުރާތުގެ ބިލް ގާނޫނަކަށްވެފައި ނެތުމުގެ ސަބަބުން ބަދަލުދިނުމުގެ މައްސަަލަތަކުގައި އިންސާފު ލިބުން ލަސްވެގެންދާ ކަމަށެވެ.
އިންސާފު ލިބުން ލަސްވަނީ މަޖިލީހުގެ މަސައްކަތް ލަސްވުމުން ކަމަށް ބުނުމާއެކު ޖެހިގެން އައި ދުވަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ސީދާ މަންދު ކޮލެޖުގެ ޗެއާމަން އިބުރާހިމް އިސްމާއިލް (އިބުރާ) ގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މަޖިލީހުގެ މަސައްކަތް ސްލޯ ކަމަށް ބުނުމުން އެކަން ގަބޫލު ނުކުރައްވާ ކަމަށާއި، މަދަނީ އިޖުރާތުގެ ބިލް ގާނޫނަކަށްނުވެ ލަސްވެގެން ދިޔައީ އެޓާނީ ޖެނެރަލް އޮފީހުން އެ ބިލުގެ ބާބުތައް ނުވަތަ ޗެޕްޓާތައް ވަކިވަކިން ފޮނުވުމުން ކަަމަށް އިމްތިޔާޒު ވިދާޅުވިއެވެ. އަދި އަސްލު ބިލު ލިބުނީ 4 ނޮވެމްބަރު 2020 ގައި ލިބުނު ކަަމަށާއި އެއީ މަޖިލީހުން ބަޖެޓުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުންވެސް އިންސާފު ގާއިމުކުރުމަށް ބޭނުންވާ އެތައް ބިލްތަކެއް އޭޖީ އޮފީހުން މަޖިލީހަށް ފޮނުވާފައިނުވާ ކަަމަށްވެސް އިމްތިޔާޒު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ މަސައްކަތްތައް ލަސްކަމަށް ބުނި ރައީސްގެ ލީގަލް ކައުންސެލްގެ އިންޓަގްރިޓީ ނުވަތަ ނަޒާހާތްތެރިކަމާ މެދުވެސް އިމްތިޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ. ރައީސްގެ ލީގަލް ކައުންސެލް އަބްދުﷲ އަފީފަކީ މަންދު ކޮލެޖް ތަމްސީލްކުރާ ލީގަލް ފާމްގެ މަސްލަހަތު އޮންނަ ބޭފުޅެކެވެ. އަދި އަފީފަކީ މަންދު ކޮލެޖުގެ ވެރިޔާ އިބުރާގެ ޅިޔަނެއްކަމުގައިވާއިރު، ސެޓަލްމަންޓު ކޮމެޓީގައިވެސް އޭނާ ހިމެނޭ ކަމަށް އިމްތިޔާޒު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުންވެސް ސަރުކާރުން ބަދަލު ނަގައިދިނުމުގައި ގެންގުޅޭ އުސޫލަށް ފާޑު ވިދާޅުވެ، އެހެން މީހުންގެ ބޮލުގައި އިލްޒާމު އެޅުވުން ބަލައިނުގަނެވޭ ކަަމަށް އިމްތިޔާޒު ވިދާޅުވިއެވެ.
އިމްތިޔާޒުގެ ޕްރެސްއަށް ފަހު އަނެއްކާވެސް އޭޖީ އޮފީހުން ވަނީ ޖުޑީޝަރީ ކޮމިޓީއަށް ރައްދު ދެއްވާފައެވެ. އޭޖީ އޮފީހުން ބުނީ މަދަނީ އިޖުރާއަތުގެ ބިލުގެ ފުރިހަމަކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައި އޮންނަތާ ފަސް މަސް ދުވަސްވެފައިވާކަމަށެވެ. އަދި މަންދު ކޮލެޖަށް ސަރުކާރުން ބަދަލުދޭން ނިންމިގޮތްވެސް އޭޖީ އޮފީހުން ވަނީ ދިފާއުކޮށްފައެވެ. އެގޮތުން ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވީ ދައުލަތައް އެންމެ ގެއްލުން ކުޑަވާނީ އެގޮތައް މައްސަލަ ނިންމައިގެން ކަމަށްވާތީ ކަަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
މަންދު ކޮލެޖުގެ ވެރިޔާ އަކީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ބޭބެ އިބްރާހީމް އިސްމާއީލެވެ. ކިތެންމެ ވަރަކަށް ބިރު ދެއްކި ނަމަވެސް ބަދަލު ހޯދާނެ ކަމަށް ބުނެ އިބުރާގެ ބަހުގެ ހަމަލާތަކެއްވެސް ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒަށް އަމާޒުވެފައެވެ.
މަންދު ކޮލެޖަށް ބަދަލު ދިނުމުގެ މި މައްސަލައިގެ ތެރެއިން މަދަނީ އިޖުރާތުގެ ބިލުގެ މައްސަލަވެސް މިވަނީ ފެންމަތިވެގެން ގޮސްފައެވެ. ސަރުކާރުން ނުވަތަ އޭޖީ އޮފީހުން ރައްޔިތުންގެ މަޖިލީހަށް އިނގިލި ދިއްކުރަމުންދާއިރު، މަޖިލީހުން މިވަނީ މާ ހޫނު ރައްދަކާއެކު ބޮޑެތި ތުހުމަތުތަކެއްވެސް ސަރުކާރަށް ކޮށްފައެެވެ. މީގެ ތެރެއިން ތެދު ހަދަނީ ކޮންބައެއް ކަމެއް ސާފެއް ނުވެއެވެ. އަހަރެންގެ ނަޒަރުގައި މި މައްސަލަތައް ގާތުން ބަލައި ހަގީގަތަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދޭންޖެހެއެވެ.