ޖެންޑާ މިނިސްޓްރީން އެހެން ބުނެފައި ވަނީ އިއްޔެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި އެ މިނިސްޓްރީން ވަނީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ކުޑަކުދިންނަށް ކިޔާފަ އެވެ.
ޖެންޑާއިން ބުނެފައި ވަނީ ކުޑަކުދިންނަކީ ގައުމުގެ އެންމެ އަގުބޮޑު އެއް ރައުސްމާލުކަން އެންމެންވެސް ގަބޫލުކުރަން ޖެހޭކަމަށެވެ. އަދި މުސްތަގުބަލް ބަނަވުން ނުވަތަ އުޖާލާވުން ބިނާވެގެންދާނީ އެކުދިންނަށް ދެވޭ ތައުލީމަކާއި ތަރުބިއްޔަތެއްގެ އިތުރުން ހޯދައިދެވޭ ރައްކާތެރިކަމުގެ މިންވަރުގެ މައްޗަށް ކަން ވެސް ފާހަގަކުރަމުން ޖެންޑާއިން ބުނެފައި ވަނީ އެއިން އެއްވެސް ކަމަކީ އެކަކަށްވެސް އިހުމާލުވެވެން ނެތް ކަންތައްތަކެއް ކަމަށެވެ.
އަދި ފޯރުކޮށްދެން ޖެހޭ ކަންކަން ކުދިންނަށް ފޯރުކޮށްދިނުމަކީ ވަކި ބައެއްގެ ޒިންމާއެއްގެ ގޮތުގައި ބަލައިގެން މިއަދު ތިބެވޭކަށެއް ނެތް ކަަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އަދި ކުދިންނަށް ރަނގަޅު ތައުލީމަކާއި، ހެޔޮ ތަރުބިއްޔަތެއް ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ޔަގީނުންވެސް ކުދިންގެ މައިންބަފައިންނާއި މުދައްރިސުން ކަމަށާއި ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި އެންމެންގެވެސް ހިއްސާއެއް އެބައޮތްކަން ޤަބޫލުކުރަންޖެހޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
ޖެންޑާއިން ބުނެފައި ވަނީ ރާއްޖެ ހިމެނޭ ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގެ ކުދިންނަށް ބޭނުންވާ ތައުލީމު ހޯދައިދިނުމާއި، ކުޅެލަން ދިއުމާއި، ސިއްހީކަންކަން ކަށަވަރުކުރުމާއި ފަގީރު ހާލަތުން ރައްކާތެރިކުރުމުގެ މަގުތައް ފަހިކޮށްދެވިފައިވުމީ އުފަލާއެކު ފާހަގަކުރާ ކަމަށެވެ.
އެހެންނަމަވެސް، ރާއްޖޭގެ ކުޑަކުދިންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެކުދިންނަށް ލިބޭ އެކިބާވަތުގެ އަނިޔާކަން ޖެންޑާއިން ފާހަގަކޮށްފައި ވެއެވެ. ވަކިން ހާއްސަކޮށް ކުޑަކުދިންނަށް ކުރާ އަނިޔާއާ އެކުދިންނާއި މެދު ކުރެވޭ ނޭދެވޭ އަމަލުތަކުގެ މިންވަރު މަދުކުރެވޭނީ ޖަމާއަތުގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ އިތުރުން އެފަދަ ކަންކަމުގައި އެކުދިންގެ ރައްކާތެރިކުރުމުގައި ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާވެސް ފުރިހަމައަށް އަދާކޮށްގެން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
ޖިންސީ އަނިޔާއާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް ތަފާތު އެތައް މަސައްކަތްތަކެއް އެކި ފަރާތްތަކުން ކެނޑިނޭޅި އެތަށް އަހަރުތަކެއްގައި ކުރަމުން އައިނަމަވެސް ހިތާމައާއިއެކު ފާހަގަކޮށްލަންޖެހޭ މުހިއްމު ކަމަކީ ގޭތެރޭގައި ނުވަތަ އާއިލާއާއި ގާތް ގުޅުމެއް އޮންނަ މީހެއްގެ ފަރާތުން ހިނގާ ޖިންސީ އަނިޔާގެ މައްސަލަތައް ސިއްރުކުރަން އަދިވެސް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދިއުންކަން ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ޖެންޑާއިން ބުނެފައި ވަނީ ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމްކޮށް ހިންގުމުގެ ތާރީހެއް ރާއްޖޭގައި އޮތްނަމަވެސް، ކުޑަކުދިންނާއި ޅަފުރައިގެ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އަދިވެސް ގިނަ މައްސަލަތަކާއި ގޮންޖެހުންތައް ހުރިކަމަށެވެ.
ކޮވިޑްގެ މިހާރުގެ ހާލަތަށް ބަލާއިރު ކުޑަކުދިން ބައްޔަށް ޕޮޒިޓިވްވަމުންދާ އަދަދު އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން ދައްކާއިރު މިއީ ކުޑަކުދިން މި ބަލިން ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންމެން ސަމާލުކަން ދޭންވީ ވަގުތު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.