ads
ރަށެއްގައި އީދު ފާހަގަކުރަނީ---
މިފަހަރުގެ އީދު މަޖާ: މަރުހަބާ ކީ ބޮޑު ފަޅުކަމަކަށް!
މިއަހަރުގެ ރަމަޟާން މަހުގެ މާތް ދުވަސްތައް ނިމި ފިތުރު އީދު ދުވަސް މުސްލިމުންނާ ކުރިމަތިލާފައި މިވަނީ މުޅި ދުނިޔެވެސް ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އޮއްވައެވެ. ކޮވިޑުު 19 ގެ ބަލިމަޑުކަން އިންތިހާއަށް އިތުރުވެ ފުރަ މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކެއްވެސް ވަނީ ފުރަބަންދުކުރަން ޖެހިފައެވެ.

އީދު ދުވަސް ފެށިގެން އައި ގޮތައް ބަލާއިރު އީދު ދުވަހުގެ އެންމެ މާތް އެއް އަޅުކަން ކަމުގައިވާ އީދު ނަމާދު ޖަމާއަތުގައި އަދާކުރުމުގެ ނަސީބުވެސް މާލެއާއި ފުވައްމުލަކުގައި ދިރިއުޅޭ މީހުންނަށް ނުލިބުނެވެ. ނަމަވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި އީދު ނަމާދު ޖަމާއަތުގައި ކޮށްފައިވާކަން އުފަލާއެކު ފާހަގަކުރަމެވެ. 

އީދު ނަމާދަށްފަހު ކުދިބޮޑު އެންމެން އާއިލާއާއި ރަށްޓެހިންގެ ގެތަކަށް ޒިޔާރާތްކޮށް ހެނދުނުގެ އީދު ސައި ބުއިމަކީ އެކުވެރިކަމާ އެއްބައިވަންތަކަށް ބަދަހިކުރުމަށް ދިވެހިން ޒަމާނުއްސުރެ ގެންގުޅޭ ރިވެތި އާދައެކެވެ. ބައެއް ރަށްރަށުގައި އެކި އަވައްތައް ނުވަތަ މުޅި ރަށު ރައްޔިތުން އެއްވެގެންވެސް ހެނދުނު އީދު ސައި ހަދައިގެން އީދު ނަމާދަށް ފަހު ރަށު ބަނދަރު މަތީ ނުވަތަ އެނޫންވެސް ބޮޑު ސަރަހަދެއްގައި އެެންމެން އެއްކޮށް ސައިބުއިމަށް އެއްވެއެވެ. ނަމަވެސް މިހަފަރު ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ ރައްކާތެރިކަމަކަށް ނުވާނެއެވެ.

ހަވީރު އީދު ހެދުން ލައިގެން ނަލަ ހެދިގެން އެންމެން އެއްކޮށް ހިނގާލަން ދިޔުން ނުވަތަ ރާއްޖެތެރޭގައި ނަމަ ކޯޑި ބަލަން ދިއުމަކީ އާންމު ކަމެކެވެ. ރޭގަނޑު އީދު ޝޯ ބަލަން ދިއުމާއި ސަގާފީ ކުޅިވަރުތައް ބަލައިލަން ލިބުމަކީ ބަޔާންކޮށްދޭން ނޭނގޭފަދަ ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ނަމަވެސް މިފަހަރު ކޮވިޑުގެ ބަލި މަޑުކަމުގެ ސަބަބުން ވެރިރަށް މާލެ ވަނީ ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާނުކޮށްފައެވެ. އަތޮޅުތެރޭގެ ގިނަ ރަށްތަކުގައިވެސް ކޮވިޑުގެ ކޭސްތައް އިންތިހާއަށް މަތީގައެވެ. އެހެންކަމުން އީދު ވެގެންދާނީ ވަރަށްވެސް ފަޅު އީދަކަށެވެ. 

މަގުތަކަށް ބަލައިލި ނަމަވެސް އިންތިހާ ފަޅުކަމެވެ. އީދު ހެންވެސް ހީނުވެއެވެ.

ކޮވިޑު ކޭސްތައް ނެތް ރަށްރަށަށްވެސް އީދު ވެގެން މިދިޔައީ "ފެން އީދަކަށެވެ". ހުޅަނގު މޫސުމުގެ ވިއްސާރަ ކުރިމަތިވެ ގިނަ ރަށްރަށަކަށް ދަނީ ހުއްޓައި ނުލާ ވާރޭ ވެހެމުންނެވެ. އެހެންކަމުން ހަވީދު އީދު ހެދުމާއި، ކޯޑި ޖެހުމާއި، ޝޯ ވެސް ބޭއްވޭގޮތް ނުވާނެއެވެ. 

ބޮޑު އީދާ އަޅައި ބަލާއިރު، ކުޑަ އީދު ނުވަތަ ފިތުރު އީދަކީ ކުޅިވަރުތައް މަދު އީދަކަށް ވެދާނެއެވެ. ނަމަވެސް ފިތުރު އީދުގެވެސް އެއްބައިވަންތަ ކަމަށާއި އެކުވެރިކަން އިތުރުކޮށްދޭ ހަރަކާތްތަކާއި މުނިފޫހި ފިލުވުމުގެ ފޯރި ވަކި ކުޑައެކޭ ނުދެންނެވޭނެއެވެ.

ނަމަވެސް ހިތާމައަކީ މިދިޔަ އަހަރެގޭ އެއްގޮތައް މިއަހަރުގެ އީދުވެސް ވެގެން މިދިޔައީ ހިތާމަވެރި ނުވަތަ ފަޅު އީދަކަށެވެ. މިދިޔަ އަހަރުވެސް އީދު ކުރިމަތިވީ އިރު މުޅި މާލެ އޮތީ ލޮކްޑައުންކޮށްފައެވެ. އެއްގޮތަކަށްވެސް ގެއިން ބޭރަށް ނުކުމެވޭ ގޮތަކަށް ނޫނެވެ.

ކޮވިޑުގެ ބަލިމަޑުކަން އަޅުގަނޑުމެންނަށްވެސް ކުރިމަތިވީތާ ދެ އަހަރު ވާން ކައިރިވެފައިވާއިރު، ދުއާ އަކީ މާތްﷲ އަޅަމެން އެންމެން މި ބަލިމަޑުކަމުން މިންޖުކޮށްދެއްވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް