ads
މެމްބަރު މީކާއީލް ނަސީމް----
ވޯޓު ގެއްލުނަސް ހަރުކަށިފިކުރުގެ ކުރިމަތީ ފަހަތައްނުޖެހޭނަން: މީކާއީލް
ވޯޓު ގެއްލިދާނެތީ ބިރުން ހަށުކަށި ފިކުރުގެ ވާހަކަ ނުދައްކާ ނުހުންނާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މިމަހު ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާ ގުޅިފައިވަނީ ހަރުކަށި ފިކުރާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީވެސް ހަރުކަށި ފިކުރު ގެންގުޅޭ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްވަމުން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި މީކާއީލް ވިދާޅުވީ މި ރާއްޖޭގައި ޖެހިލުމެއްނެތި ސިޔާސީ ލީޑަރުން ސިޔާސީ މަންފާއަށްޓަކައި ނުދައްކާ ދޫކޮށްލާ ވާހަކަތައް ދައްކަވަން ކެރިވަޑައިގަންނަވާ ހަމައެކަކި ސިޔާސީ ލީޑަރަކީ އެމަނިކުފާނު ކަމަށެވެ. 

އަދި ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ މިގައުމުގެ އުންމީދު ނަގާލައި މިގައުމުގައި ބަސްބުނުމުގެ ހައްގު މުގުރުމަށް ދެވުނު ހަމަލާއެއްގެ ގޮތުގައި މީކާއީލް ވަނީ ސިފަކުރައްވާފައެވެ. މީކާއީލް ވިދާޅުވީ ރައީސް ނަޝީދު ހަރުކަށި ފިކުރުގެ ވާހަކަ ނުދައްކަވައި ހުންނަ ނަމަ "މަކަރާ ޖަހައިގެން" އެ ފިކުރުގެ މީހުންގެ ފަރާތުން ވޯޓުވެސް ހޯދިދާނެ ކަމަށެވެ. 

"އަޅުގަނޑުގެ ސިޔާސީ ހަޔާތުގައިވެސް އަޅުގަނޑަށްވެސް ބައެއް ވާހަކަތައް ދައްކަން ނުކެރި ފަހަތައް ޖެހެލި ޖެހެލެވުން އެއީ އަޅުގަނޑުވެސް މިއަދު އެމަނިކުފާނު (ރައީސް ނަޝީދު) އެ ހާލުގައި އޮންނަވާއިރު އަޅުގަނޑުވެސް ކުޑަކޮށް ލަދުގަންނަ ވާހަކައެއް" މީކާއީލް

އެހެންނަމަވެސް މިއަދު ރައީސް ނަޝީދަށް ޓަކައި އެމަނިކުފާނަށް ދެވުނު ހަމަލާއާ ދެކޮޅަށް، ހަރުކަށި ފިކުރުގެ ކުރިމަތީ ދެން ފަހަތައް ނުޖެހޭން އަޒުމު ކަނޑައަޅާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

"ހަރުކަށި ފިކުރުގެ ކުރިމަތީ، އެއީ އުނދަގޫ ވާހަކައަކަށްވީތީ، އަޅުގަނޑުމެންނަށް ވޯޓެއް ގެއްލޭނެ ވާހަކައަކަށް ވީތީ އަޅުގަނޑުމެންނެއް ފަހަތަކަށް ނުޖެހޭނަން." މީކާއީލް

މީކާއީލް އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް ދެވުނު ހަމަލާ އެއީ އައިސޮލޭޓެޑް ހަމަލާއެއްގެ ގޮތުގައި ތަހުގީގުކޮށްގެން ކުރިއެރުން ލިބޭނެކަމަށް ގަބޫލުނުކުރާ ކަމަށެވެ. 

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލަ ހިމެނޭ ގޮތަށް، ހަރުކަށި ފިކުރާ ގުޅިގެން މީގެ ކުރިން ނުނިމި ހުރި ހުރިހާ މައްސަލަތަކެެއްގެ ތަހުގީގު އަވަސްކުރުމަށް ފުލުހުންނަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މިއަދު ވަނީ ފާސްކޮށްފައެވެ.

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް