2014 ވަނަ އަހަރު ބީޖޭޕީ އިން އިންޑިއާގެ ވެރިކަން ކުރަންފެށި ފަހުން އެ ޕާޓީއާއި ގެރިއާ އޮންނަ ގުޅުން އެންމެނަށް ވެސް އިނގޭނެ އެވެ. ހަރުކަށި ފިކުރުގެ ހިންދޫން އިސް ސަފުގައި ހަރަކާތްތެރިވާ ބީޖޭޕީން ވަނީ ގެރިއަށް ގާނޫނުތަކާއި ވެލްފެއާ ސްކީމްތައް ވެސް ހަދާފަަ އެވެ.
އިންޑިއާގެ މަނީޕުރް ސްޓޭޓްގެ ބީޖޭޕީ ލީޑަރު އެސް ޓިކެންދުރަ ސިން ވަނީ ނިމިދިޔަ ހަފްތާގައި ކޮވިޑް-19 ގައި މަރުވެފައެވެ.
އޭނާ މަރުވުމުން އެ ސްޓޭޓްގެ ނޫސްވެރިއެއް ކަމުގައިވާ ކިޝޯރްޗަންދުރަ ވަންކެމް އަދި އެކްޓިވިސްޓެއް ކަމުގައިވާ އެރެންދުރަ ލެއިޗޮމަބަމް ވަނީ ފޭސްބުކްގައި ސިންގެ މަރުންވެސް އިނގެނީ ގެރީގެ ނަޖިހަކީ ކޮވިޑްގެ ފަރުވާއެއް ނޫން ކަމަށް ބުނެ ޕޯސްޓްތަކެއް ކޮށްފައެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ އެ ސްޓޭޓްގެ ބީޖޭޕީ ސެކްރެޓަރީ ޖެނަރަލް ހުށަހެޅި މަރުވި ލީޑަރާ މެދު ހަޑީ އިހާނެތި ވާހަކަ ފަތުރާ މައްސަލަ އަކާ ގުޅިިގެންނެވެ.
ކުރި ޕޯސްޓާ ގުޅިގެން އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެކްޓުގެ ދަށުން އެ ދެމީހުންވެސް ވަނީ މިމަހުގެ 13 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. ނަމަވެސް ހޯމަ ދުވަހު އެ ސްޓޭޓްގެ ހައިކޯޓުން ވަނީ އެމީހުންނަށް ބެއިލް ދީފައެވެ.
ނޭޝަނަލް ސެކިއުރިޓީ އެކްޓުގެ ދަށުން އެގައުމުގެ މައި ސަރުކާރުން އެމީހާ އަކީ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް ގޮތުގަ ފެންނަ ހިނދެއްގައި ކޯޓު އަމުރަކާ ނުލައި މީހާ ހައްޔަރު ކުރެވެއެވެ.
ހައިކޯޓުން ބެއިލް ދިނުމުގެ ކުރިން އެ ދެމީހުން ތިބީ ނޭޝަނަލް ސެކިއުރިޓީ އެކްޓުގެ ދަށުން ހައްޔަރު ކުރެވިފައެވެ.
ވަންކެމްގެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ "ގެރީގެ ނަޖިސް ކަމަކުނުދޭ ކަމަށެވެ. އަދި މާދަން ކާނީ ވެސްް މަސް" ކަމަށެވެ.
ލެއިޗޮމަބަމްގެ ޕޯސްޓުގައި ބުނީ ގެރީގެ ނަޖިހަކީ ފަރުވާއެއް ނޫން ކަމަށާއި ފަރުވާއަކީ "ސައިންސް އާއި ހަމަ ބުއްދި" ކަމަށެވެ.
އެ ދެމީހުންނަކީވެސް މޯދީ އާއި ބީޖޭޕީއަށް ފާޑުކިޔަމުން އަންނަ ދެމީހުންނެވެ.