ނަން ހާމަ ނުކުރުމަށް އެދި ޅައިމަގުން ސީއެންއެމް އަށް މައުލޫމާތު ދިން ފަރާތަކުން ވިދާޅުވީ އެރަށުގައި ހުރިހާ ފަރުޟު ނަމާދުތައް ޖަމާއަތުގައި ކުރާ ކަމަށާއި އެހެން ނަމަވެސް މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދު ޖަމާއަތުގައި ކުރަން ހުއްދަ ދީފައި ނުވާ ކަމަށެވެ. އެގޮތުން ހަމައެކަނި ހުކުރު ނަމާދަށް ޅައިމަގުގެ ހުރިހާ މިސްކިތްތައް ބަންދުކުރުމުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން ސީއެންއެމް އަށް މައުލޫމާތު ދެމުން ކައުންސިލް މެންބަރު ޝަބާނާ ލަތީފް ވިދާޅުވީ ރަށުގައި ކޮވިޑުގެ ހާލަތު ހުރިގޮތުން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން ކައުންސިލަށް ހުއްދަ ދީފައިވާ ކަމަށެވެ.
ނަމަވެސް މިހާރުވެސް ހުރިހާ ފަރުޟު ނަމާދުތައް ޖަމާއަތުގައި ކުރަމުންދާ ކަމަށާއި މިދިޔަ ހުކުރު ނަމާދު ޖަމާއަތުގައި ނުކުރެވޭގޮތައް ހެދީ ހުކުރަށް ގިނަ މީހުން މިސްކިތައް ދާތީ ކަމަށް ޝަބާނާ ވިދާޅުވިއެވެ. އެހެން ނަމާދުތައް ޖަމާއަތުގައި ކުރަނީ އެ ނަމާދުތަކަށް ނިސްބަތުން މީހުން ދާލެއް މަދުވުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޅައިމަގުގައި ކޮވިޑަށް ޕޮޒިޓިވް 31 މީހެއް މިވަގުތު ތިބިކަން ފާހަގަކުރައްވައި ޝަބާނާ އިތުރަށް ވިދާޅުވީ އަންނަ ހުކުރު ދުވަހު ޖަމާއަތުގައި ހުކުރު ނަމާދު ނުކުރާގޮތަށް އަދި ކައުންސިލުން ގޮތެއް ނިންމާފައި ނުވާކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން މާލޭ ސިޓީގެ އިތުރުން އައްޑޫގެ މިސްކިތްތަކުގައި ވެސް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.